ފ. ނިލަންދުއާ ދެކޮޅަށް 6-1 ބޮޑު ނަތީޖާއަކުން ޓީސީން މޮޅަކާއެކު ދިވެހި ޕްރިމިއާ ލީގް ފަށައިފި އެވެ.
މިދިޔަ ތިން އަހަރު ޕްރިމިއާ ލީގްގެ ދެ ވަނަ ހޯދި، ޓީސީން މި އަހަރުގެ ދިވެހި ޕްރިމިއާ ލީގާ ކުރިމަތިލީ، ޓީމު ވަރުގަދަ ކޮށްގެންނެވެ. އެފްއޭއެމް މެދުވެރިވެ، ނިއު ރޭޑިއަންޓްގެ ކޮންޓްރެކްޓް އުވާލުމުން، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ ސޮއި ހޯދީ ޓީސީންނެވެ.
މިދިޔަ އަހަރު ޓީސީގެ ގޯލް ބެލެހެއްޓި ނޭޕާލްގެ ގައުމީ ޓީމުގެ ކީޕަރު ކިރަން ޝިމޮޝަންގް އަލުން ޓީމަށް ގެނެސް ޓީސީގައިވެސް ވަރުގަދަ ސްކޮޑެއް އެބައޮތެވެ.
ނިއުގެ ކޮންޓްރެކްޓް އުވާލުމަށް އެދުނީ އަޝްފާގް ފަރާތުންނެވެ. އެއީ ކުލަބުން އޭނާއަށް ދޭން ޖެހޭ ޕޭމަންޓް ނުދޭތީ އެވެ.
ޓީސިގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައިވެސް އަޝްފާގް ވަނީ ދެ ލަނޑު ޖަހާފަ އެވެ. އަދި ޓީސީން ޖެހި އެހެން ލަނޑުތަކުގައިވެސް އޭނާގެ ބޮޑު ހިއްސާއެއް އޮތެވެ.
ޓީސިގެ ފުރަތަމަ ލަނޑު، މެޗު ފެށިގެން ހަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިޝާން އިބްރާހިމް (ސައްޓު) އެވެ. އޭގެ ދެ މިނެޓް ފަހުން އަޝްފާގް ވަނީ ޓީސީއަށް އޭނާގެ ފުރަތަމަ ލަނޑު ޖަހައި ދީފަ އެވެ.
ހަބޭސް އިއްބެގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 16 ވަނަ މިނެޓްގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އަޝްފާގް ވަނީ ޓީސީގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އިއްބެގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 56 ވަނަ މިނެޓްގަ އެވެ.
ޓީސީން އިތުރަށް ގިނަ ލަނޑުތަކެއް ޖަނޭ ކަމަށް ބެލެވުނު ނަމަވެސް ލަނޑެއް ނުޖެހި ގިނަ ވަގުތުތަކެއް ހޭދަވި ފަހުން، އިބްރާހިމް މަހްދީ ހަސަން ވަނީ ޓީސީއަށް ލަނޑު ކާމިޔާބު ކޮށްދީ ހަ ލަނޑުގެ ލީޑް ނަގައިދިނެވެ. އެއީ މެޗުގެ 76 ވަނަ މިނެޓްގަ އެވެ. ނިލަންދޫގެ ލަނޑަކީ، ޓީސީގެ މުހައްމަދު އައްޒާމް އަތުން އެންމެ ފަހު ވަގުތުގައި ބައިކޮޅަށް ވަން ލަނޑެކެވެ.