ދިވެހި ޕްރެމިއާ ލީގް

ގުރީން ބަލިކޮށް ޓީސީ ހަތަރަކަށް

ކުލަބު ގުރީން ސްޓްރީޓްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގް ތާވަލުގެ ހަތަރު ވަނަ މަގާމަށް ޓީސީ ސްޕޯޓްސް ޖެހިލައިފި އެވެ.

ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ޓީސީ ވަނީ ނުވަ ޕޮއިންޓް ޙޯދާފަ އެވެ. އެ ޓީމާ ގުރީން އާ ދެމެދު އޮތީ އެއް ޕޮއިންޓްގެ ފަރަގެވެ. ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާއި ގުރީންއަށް ވެސް ޕޮއިންޓް ލިބިފައި ވަނީ އެއް އަދަދަކަށެވެ.

ލީގްގެ ހަ ވަނަ ހަފުތާގައި ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ހޯދި ޓީސީގެ މިސްރުގެ މިީޑްފީލްޑާ ހަލީލް ޖަމާލް އަށް ވަނީ، މިއަދުގެ މެޗު ފެށުމުގެ ކުރިން، ފޭން ފޭވަރިޓް ކުޅުންތެރިޔާގެ އެވޯޑް ދީފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި، ލަނޑު ޖަހާނެ ފުރަތަމަ ފުރުސަތު ލިބުނީ ގުރީންގެ ހަލީލް އަށެވެ. އޭނާ އަށް ލިބުނު ފުރުސަތު މާ ނުރައްކާ ހަމަލާއަކަށް ނުވި އެވެ. މެޗުގެ 37 ވަނަ މިނެޓްގައި ޓީސީގެ މެލްކޮމް ސްޓްވާޓްއަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ކެޕްޓަން މުހައްމަދު އައްޒާމް ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވެދެ ފޮނުވާލި ހަމަލާ ގުރީންގެ ކީޕަރު ސާގިބް ހަނީފް ދިފާއު ކޮށް ކޯނަރަކަށް ބޭރު ކޮށްލި އެވެ.

ޓީސީގެ ލަނޑު، 65 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކެޕްޓަން އައްޒާމް އެވެ. ޓީސީގެ އިބްރާހިމް އަތީގް ހަސަން ގުރީންގެ އޭރިއާ ތެރެއަށް ވަދެ ނަގައިދިން ބޯޅަ އައްޒާމް ވަނީ ގޯލް ކުރިމަތީގައި ހުރެ ބޮލުން ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ. ގުރީންގެ ކީޕަރު ސާގިބްއަށް ވެސް ބޯޅަ ސަލާމަތް ކުރަން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.