ދިވެހި ޕްރެމިއާ ލީގް

ގުރީން ބަލިކޮށް ވެލެންސިއާއިން މާޒިޔާއާ ކައިރިއަށް

ގުރީން ސްޓްރީޓްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ކުލަބު ވެލެންސިއާ އިން ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާ އާ ކައިރިއަށް ޖެހިލައިފި އެވެ.

މާޒިޔާ އާއި ވެލެންސިއާ އާ ދެމެދު މިހާރު ހުރީ ތިން ޕޮއިންޓް ފަރަގެވެ. މާޒިޔާ އެއް ވަނައިގައި އޮތީ 21 ޕޮއިންޓް ހޯދައިގެންނެވެ. މިރޭގެ މެޗުން މޮޅުވެ ވެލެންސިއާ ވަނީ 18 ޕޮއިންޓް ހަމަ ކޮށްފަ އެވެ. މެޗުގައި ވެލެންސިއާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އެ ޓީމުގެ ޖޯޒީގައި އަލަށް ކުޅުނު ސްޕެއިންގެ ފޯވަޑް ބޯޖަސް މާޓިންސް އެވެ. އަލީ އަޝްފާގް (ދަގަނޑޭ) ދިން ލޯންގް ޕާސް މާޓިންސްއަށް ލިބުނު އިރު އޭނާ ހުރީ އޮފްސައިޑްގައި ކަމަށް ވީޑިއޯ ރިޕްލައިން ދައްކަ އެވެ. ގުރީން ސްޓްރީޓްގެ ކުޅުންތެރިންނާ ބެންޗުންވެސް ވަނީ އޮފްސައިޑް ކަމަށް އެޕީލް ކޮށްފަ އެވެ. ދަގަނޑޭ ދިން ބޯޅަ މާޓިންސް ވަނީ ގުރީންގެ ގޯލަށް ވައްދާލާފަ އެވެ.

ދެ ވަނަ ހާފުގައި، ގުރީންގެ ކުޅުންތެރިން ނަގައިދިން ހުރަސްތަކުން ވެލެންސިއާގެ ފަހަތަށް ބާރު ބޮޑު ކުރި ނަމަވެސް އެއިން ބޯޅައެއް ގުރީންގެ ކުޅުންތެރިންނަށް ބޭނުމެއް ނުކުުރެވުނެވެ. ފުރަތަމަ ހާފުގައި ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ގުރީންގެ ކުޅުންތެރިންނަށް ހުސްކޮށް ލިބުނު ބޯޅައެއް ދިފާއު ކޮށްފަ އެވެ.

ދެ ވަނަ ހާފުގައި މާޓިންސް ދެ ވަނަ ލަނޑު ކާމިޔާބު ކުރީވެސް، ފުރަތަމަ ހާފުގައި އޭނާއަށް ދަގަނޑޭ ދިން ކަހަލަ ލޯންގް ޕާހަކުން ތަނަވަސްވި ފުރުސަތަކުންނެވެ. މިފަހަރު އޭނާއަށް ބޯޅަ ތަނަވަސް ކޮސްދިނީ ހޯޒޭ އެންޓޯނިއޯ ޑޮމިނިގޭޒް (ޓޯނީ) އެވެ. ޓޯނީ ދިން ބޯޅަ މާޓިންސް ވަނީ ގޯލްގެ ކަނަށް ވައްދާލާފަ އެވެ.

ވެލެންސިއާގެ ތިން ވަނަ ލަނޑު އަލީ ފާސިރު (ސެންޓޭ) ކާމިޔާބު ކުރީ އަބްދުﷲ މިދުހަތު ފަހުމީ ދިން ބޯޅަ އޭރިއާގެ ތެރޭގައި ހުރެފައި ފޮނުވާލައިގެންނެވެ. ބޯޅަ ގޯލަށް ވަނީ ގުރީންގެ ކީޕަރު ހަނީފް ސާގިބްގެ ގައި ދަށުން ގޮހެވެ.