ދިވެހި ޕްރެމިއާ ލީގް

ދަގަނޑޭ ގޯލުން ވެލެންސިއާގެ އެނބުރިއައުން މޮޅަކުން

ކުލަބު ގުރީން ސްޓްރީޓްސް ކޮޅަށް އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބު ކުރި ލަނޑާއެކު ފުރަތަމަ ޑިވިޝަނަށް ވެލެންސިއާގެ އެނބުރި އައުން މޮޅަކުން ފާހަގަ ކޮށްފި އެވެ.

ދެހާސް އަށާރަ ވަނަ އަހަރު، ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވި އެވެ. އެއް އަަހަރުގެ މެދުކެނޑުމަކަށް ފަހު، ދެ ވަނަ ޑިވިޝަންގެ ތައްޓާއެކު ވެލެންސިއާ ދިވެހި ޕްރިމިއާ ލީގަށް އެނބުރި އައީ، އެ ޓީމުގެ ރަން ދުވަސް ވަރުގެ ކުޅުންތެރިޔާ އަޝްފާގްގެ ކެޕްޓަން ކަމުގަ އެވެ.

މެޗުގެ 26 ވަނަ މިނެޓްގައި، އަޝްފާގް ލަނޑު ޖެހީ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ފުރަތަމަ ޑިވިޝަންގައި އަލުން ކުޅެން ފެށި ހުސައިން ނިޔާޒު މުހައްމަދު (ބޮކުރީ) ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އެ ލަނޑަކީ ވެލެންސިއާއަށް އަޝްފާގް ކާމިޔާބު ކުރި 105 ވަނަ ގޯލެވެ. އަޝްފާގް ސީނިއާ ކެރިއާ އޭނާ ފެށީ 2001 ވަނަ އަހަރު ވެލެންސިއާގެ ޖޯޒީގަ އެވެ.

ގްރީންގެ ޕެނަލްޓީ އޭރިއާގެ ބޭރުން، އަޝްފާގަށް ބޯޅަ ދޭން އެންމެ ފުރަތަމަ މަސައްކަތް ކުރީ، އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ ދޭން މަސައްކަތް ކުރި ބޯޅަ ގްރީންގެ ޑިފެންޑަރު ކޮންޓްރޯލް ކުރި އެވެ. އެހެންނަމަވެސް އޭނާއަށް ބޯޅަ ކްލިއާކޮށް ނުލެވެނިސް އޭނާގެ ފައިގެ ދަށުގައި އޮތް ބޯޅަ ބޮކުރީ ހޯދައި އަޝްފާގް އަށް ދިނެވެ. އަޝްފާގް ވަނީ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ގްރިންގެ މިސްރުގެ ޑިފެންޑަރު ހަލލް ކަރިން ނައްޓާލައފައި ގޯލްގެ ދުރު ކަނަށް ބޯޅަ ފޮނުވާލާފަ އެވެ.

ވެލެންސިއާގެ ކޯޗް، މުހައްމަދު އާތިފް (އާތީ) ބުނީ، އަޝްފާގް، ސެންޓޭ، ބޮކުރީ އަދި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) މެން ފަދަ ކުޅުންތެރިން ތިބުމަކީ ވެލެންސިއާއަށް އޮތް ބޮޑު އިތުބާރެއް ކަމަށެވެ.

"އެނޫނަސް ވެލެންސިއާގައި އެބަތިބި އެ ފެންވަރުގެ ކުޅުންތެރިން ވެލެންސިއާއަށް ވަރަށް ބޮޑު އެޑްވާންޓޭޖެއް މިފެންވަރުގެ ކުޅުންތެރިންތަކެއް ތިބުން،" ޓީމުގެ ދެ ވަނަ ހާފުގެ ކުޅުމާ މެދު އެހާ ހިތްހަމަ ނުޖހޭކަން ފާހަގަ ކުރި އާތީ ބުންޏެވެ. "ދަށްކޮށް ދާ ދުވަސް ދުވަހުވެސް މެޗުގެ ކޮންމެ ވަގުތެއްގައިވެސް ނަތީޖާ ބަދަލު ކޮށްލެވޭ ފެންވަރުގެ ކުޅުންތެރިން މީ. މިރޭ ވެސް އަޝްފާގް މެޗު ބަދަލު އެ ކޮށްލީ. ފުރަތަމަ ހާފުގެ ކުޅުމާ މެދު ވަރަށް ހިތްހަމަ ޖެހިފައި މިހުރީ. ފަހު ހާފާ މެދު ހިތްހަމައެއް ނުޖެހޭ. ދެން އެކަންވެސް ބަލާފަ އެނަލައިސް ކޮށްފަ އިމްޕުރޫވް ކުރަމުން ދާނީ."

ފުރަތަމަ ހާފުގައި، ގްރީންގެ މުހައްމަދު މުސްލިހް (މުއްޓި) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ގުރީންއަށް ލިބުނު ހިލޭ ޖެހުމެއް އޭރިއާ ތެރެއަށް ނަގައިދިނުމުން، މުއްޓި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. ދެ ވަނަ ހާފުގައި، ގުރީންގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅު ކުރި އެވެ. އަލީ އަޝްފާގަށް ހުހަށް ލިބުނު ދެ ފުރުސަތެއް ގްރީންގެ ޑިފެންޑަރު ސާއިފް ހުއްޓުވި އެވެ. ގުރީންގެ ކޯޗް އަލީ ނިސްތާރު މުހައްމަދު، ހުރީ ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހިފަ އެވެ. އޭނާ ބުނީ، ވެލެންސިއާ އަކީ ބޮޑު ޓީމު ކަމަށްވާތީ ރެފްރީގެ ނިންމުން އެކޮޅަށް ލެބިގެންދާ ކަމަށެވެ.

ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި އަހްމަދު ރިލްވާން ރިލޭ ވަނީ ނުރައްކާތެރި ދެ ހަމަލ؛ާއެއް ފޮނުވާލާފަ އެވެ. އޭނާ ފޮނުވާލި ފުރަތަމަ ބޯލަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ. ދެ ވަނަ ބޯޅަ ދިފާއު ކުރުމުގައި ގްރީންގެ ކީޕަރު ލަބާން ޝަރީފް ވަނީ ރަނގަޅު ސޭވެއް ކޮށްފަ އެވެ.