ހަސަން ނަޒީމް (ޗޯޓް) އާއި އަބްދުﷲ ޔާމީން (ޔާން) ގެ ލަނޑުތަކުން، ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން މޮޅުވެ، ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ ހަތަރު ވަނަ އަށް ކުލަބު ގްރީން ސްޓްރީޓްސް ޖެހިލައިފި އެވެ.
ފުރަތަމަ ބުރުގައި، މި ދެ ޓީމު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެވެ. ފުރަތަމަ ބުރުގެ ފަހު މެޗުން ފެށިގެން ކޯޗް ބަދަލު ކޮށް، ނުކުތް ސަސް ގުރީން އަތުން ބަލިވި ބަލިވުމަކީ، ސަސްގެ މިހާރުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އަށް މި ސީޒަންގައި ކުރިމަތިވި ފަސް ވަނަ ބައްޔެވެ. އޭނާގެ ކުރީގެ ކުލަބު އީގަލްސްގައި އޭނާ ވަނީ ހަތަރު މެޗުން ބަލިވެފަ އެވެ.
މިރޭގެ މެޗުގައި ސަސްގެ ޓީމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ، މެޗުގެ ތެރެއަށް ލަހުން ވަދެވުން ކަމަށް މެޗަށް ފަހު ވާހަކަ ދައްކަމުން މޯހަން ބުންޏެވެ.
މެޗުގެ ހަތް ވަނަ މިނެޓްގައި ގުރީންގެ ފުރަތަމަ ލަނޑު ޗޯޓް ކާމިޔާބު ކުރީ، ސަސްގެ ޑިފެންސަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޝާފިއު އަހްމަދު (ޝާފީ) ޓީމުގެ ފަހަތުން ކީޕަރު މިރުޒޯހިދަށް ދިން ބެކް ޕާސް، ކީޕަރަށް ލިބުމުގެ ކުރިން ބޯޅައަށް ޕްރެސްކޮށް ޗޯޓް ވަނީ ކީޕަރުގެ ފައިދަށުން ގޯލްގެ ތެރެއަށް ބޯޅަ ކޮށްޕާލާފަ އެވެ.
ގުރީގެން ދެ ވަނަ ލަނޑު ޔާން ކާމިޔާބު ކުރީ 29 ވަނަ މިނެޓްގަ އެވެ. މިސްރުގެ މިޑްފީލްޑާ ހަލީލް ޖަމާލް އޭރިއާ ތެރެއަށް ވަދެ ނަގައިދިން ބޯޅަ ގޯލް ކުރިމަތީގައި ހުރެ ޔާން ވަނީ ބޮލުން ގޯލްގެ ތެރެއަށް ކޮށްޕާލާފަ އެވެ. މެޗު ގުރީން އަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އެ ޓީމުގެ ޕާކިސްތާންގެ ކީޕަރު ސާގިބް ހަނީފް އެވެ. އޭނާ ވަނީ ދެ ވަނަ ހާފުގައި ސަސްއަށް ލިބުނު ޕެނަލްޓީއެއް ދިފާއު ކޮށްފަ އެވެ.
ހަސަން އަދުހަމް (ސަޑޭ) ފޮނުވާލި ޕެނަލްޓީ ސާގިބް ދިފާއު ކުރި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ސާގިބް ހޯދުމުން އޭނާ ވެފައި ވަނީ މި ސީޒަންގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފުރަތަމަ ކީޕަރަށެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން އޭނާ ބުނީ، ޕެނަލްޓީ ދިފާއު ކުރެވިދާނެ ކަމުގެ 95 ޕަސަންޓް ޔަގީންކަން އޭނާއަށް އޮތް ކަމަށެވެ.
"އަހަރެން ހުރީ ވަރަށް އިތުބާރާއެކު އެހެންވެ އަހަންނަށް 95 ޕަސަންޓް ޔަގީންކަން އޮތް މި ޕެނަލްޓީ އަހަންނަށް ދިފާއު ކުރެވޭނެޔޭ. އެ ކޮންފިޑެންސާއެކު ގޮސް ޕެނަލްޓީ ދިފާއު ކުރެވުނީ."