ދިވެހި ޕްރެމިއާ ލީގް

އީގަލްސް ބަލިކޮށް ގުރީން ތިން ވަނައަށް

ކުލަބު އީގަލްސްގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކަމިޔާބު ހޯދައި، ކުލަބު ގްރީން ސްޓްރީޓްސް ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ ތިން ވަނަ މަގާމަށް ޖެހިލައިފި އެވެ.

އީގަލްސް މެޗަށް ނުކުތީ، ބިދޭސީ ކީޕަރު މިލާން ޖެލްވޮކް ސަސްޕެންޝަންގެ ސަބަބުން އޭނާގެ ބަދަލުގައި ސީޒަން ފެށިއިރު ފުރުސަތު ދިން މުހައްމަދު ސިނާހް ގޯލަށް ލައިގެންނެވެ. މެޗުން އީގަލްސް ބަލިވީ، ޑިފެންސިވްލީ ހެދުނު މިސްޓޭކުތަކުން ކަމަށް އެ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) މެޗަށް ފަހު ބުންޏެވެ. މޮޅު މޮޅުވެ ގުރީން ތިން ވަނަ އަށް ޖެހިލީ އަށް ޕޮއިންޓް ހޯދައިގެންނެވެ.

މި މެޗަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ތާރީހްގައި ފާހަގަ ކުރެވޭނެ މެޗެކެވެ. ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގައި މެޗު ކޮމިޝަނަރެއްގެ ގޮތުގައި އަންހެނަކު މެޗު ކޮމިޝަނަރުކަން ކުރި ފުރަތަމަ މެޗެވެ. އެ ޝަރަފު ހޯދީ އެފްއޭއެމްގެ އެކްސްކޯ މެންބަރު އައިޝަތު ޝާނީޒް (ޝާނީ) އެވެ. އޭނާ އަކީ އެފްއޭއެމް އަންހެން ފުޓްބޯޅަ ޑިޕާޓްމެންޓްގައިވެސް އިސްދައުރެއް އަދާ ކުރައްވަމުން ގެންދަވާ ބޭކަނބަލެކެވެ.

މެޗުގައި ގުރީންގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އާލީ ޝާމިއު (މައިތޯ) އެވެ. އީގަލްސްގެ ހާފުގެ މެދެއްހާ ހިސާބުން މުހައްމަދު ނަޒާމް ބޯޅަ ދިނީ މައިތޯ އަށެވެ. އޭނާ ވަނީ ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލްގެ މަތީި ކަނަށް އަމާޒުކޮށް ބޯޅަ ފޮނުވާލާފަ އެވެ. ބޯޅަ ދިފާއު ކުރުމުގައި ކީޕަރު ސިނާހްއަށް ކުރެވުނު ކަމެއް ނެތެވެ.

ގުރިންގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އޭންހަލެ ކަރެސްކޮސާ މުނޯޒް އެވެ. އީގަލްސްގެ އޭރިއާގެ އަރިމަތިން އަބްދުﷲ ޔާމީން ހުސައިން (ޔާން) ނަގައިދިނުމުން އެ ބޯޅަ ބޮލުން ފޮނުވާލީ ހަސަން ނަޒީމް (ޗޯޓް) އެވެ. ޗޯޓް ބޮލުން ފޮނުވާލި ބޯޅަ އީގަލްސްގެ ސޮލާހް އަލީ އިށީންދެފައި ކަކުލުން ދިފާއު ކުރި އެވެ. އެ ބޯޅަ ރީބައުންސަށް ނުކުތުމުން މުނޯޒް ވަނީ ގޯލްގެ ހުރަސް ދަނޑީގައި ޖައްސާލު މަށް ފަހު ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.

ގުރީންގެ ތިން ވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތު ހަމަވެގެން އިތުރަށް ދެއްކި އެއް މިނެޓްތެރޭގައި ކާމިޔާބު ކުރީ ޔާން އެވެ. އެ ލަނޑު ޖެހުމުގައި ގުރީންގެ މިސްރުގެ މިޑްފީލްޑާ ހަލީލް ޖަމާލް މުހިންމު ދައުރެއް އަދާ ކުރި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަލީލް އަށް ބޯޅަ ޖެހޭނެ ފުރުސަތެއް އެއްވައިވެސް އޭނާ ބޯޅަ ފަހަތަށް ދިނީ ޔަން އަށެވެ. ޔާން ވަނީ އެ ބޯޅަ ގޯލްގެ މެދުތެރެއަށް އެ ބޯޅަ ވައްދާލާފަ އެވެ.

މެޗުގައި އީގަލްސްގެ ލަނޑު 61 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުހައްމަދު ނާއިމް އެވެ. ގްރީންގެ އޭރިއާގެ އަރިމަތިން އެ ޓީމުގެ ބިދޭސީ ފޯވަޑް މުހައްމަދު އުސާމާ ނަގައިދިން ބޯޅަ ފުރަތަމަ ބޮލުން ފޮނުވާލީ ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. އޭނާ ބޮލުން ފޮނުވަލި ބޯޅަ ގުރިންގެ ޕާކިސްތާންގެ ކީޕަރު ސިގިބް ހަނީފް އަތުގައި ޖެހިފައި ރީބައުންސްވި ބޯޅަ ވެއްޓިގެންފައި ނާއމް ވަނީ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.

ގުރީންގެ ހަތަރު ވަނަ ލަނޑަކީ، އަންސަރު އިބްރާހިމް (އަންކޮ) ނެގި ކޯނަރު، އީގަލްސްގެ ހުސައިން ޝިފާއު (ކްރޯ) ފައިގައި ޖެހިލާފައި ވަން ބޯޅައެކެވެ.