ދިވެހި ޕްރެމިއާ ލީގް

ޔޫވީ އާއި ގުރީން ފަހު ވަގުތު އެއްވަރު

ޔުނައިޓެޑް ވިކްޓްރީ އާއި ކުލަބު ގްރީން ސްޓްރީޓްސް ކުޅުނު މެޗު 1-1 ން އެއްވަރުވެ، ދެ ޓީމުވެސް ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ޕޮއިންޓް ހޯދައިފި އެވެ.

ދެ ޓީމު ކުރިން ކުޅުނު ދެ މެޗުގައިވެސް ބަލި ވެފައި ވަނީ ލީގްގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ކުލަބު ވެލެންސިއާ އަތުންނެވެ. މިރޭ ވެލެންސިއާ އާއި މާޒިޔާ ނުކުންނާނެ އެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލީޑް ނެގީ ގުރީން އެވެ. އެ ޓީމުގެ ލަނޑު މެޗުގެ 53 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ސްޕެއިންގެ ފޯވަޑް އޭންހަލް ކަރެސްކޯ މުނޯޒް އެވެ. ގުރީންއަށް ލިބުނު ޕެނަލްޓީ އަކީ، ޔޫވީގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ އަލީ ހަމްދާން (އައްޔަ) ގުރީންގެ މިސްރުގެ މިޑްފީލްޑާ ހަލީލް ޖަމާލް އަލް ބީޒޯއަށް ފައުލު ކުރުމާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.

ޔޫވީގެ ލަނޑު އެ ޓީމުން ކާމިޔާބު ކުރީ، މެޗުގެ 90 މިނެޓް ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓްގެ ތެރެއިން ދެ ވަނަ މިނެޓްގަ އެވެ. ގުރީންގެއޭރިއާގެ ބޭރުން އިސްމާއީލް އީސާ، އޭރިއާ ތެރޭގައި ހުރި އަލީ ހައިޝަމްއަށް ބޯޅަ ދިނީ ވަރަށް ބަލާފަ އެވެ. ހައިޝަމް ވަނީ ބޯޅަ ކޮންޓްރޯލް ކޮށް ގޯލްގެ ދުރު ކަނަށް ބޯޅަ ފޮނުވާލާފަ އެވެ.