ބޮލީވުޑް

އަނިލް ކަޕޫރްގެ ދެ ފިލްމެއްގެ ޓީޒާ ދޫކޮށްލައިފި

އައްޑިހައިގެ އަހަރުތަކުން ފެށިގެން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ކުޅަދާނަ އެކްޓަރު އަނިލް ކަޕޫރް، މިއަހަރު ގިނަ ފިލްމުތަކަކުން ފެނިގެންދާނެ އެވެ. އެގޮތުން މި އަހަރު ނުކުންނަ އޮތް އޭނާގެ ފުރަތަމަ ފިލްމު "ރޭސް 3" މިހާރު ވަނީ ރިލީޒް ކޮށްފަ އެވެ. އެ ފިލްމަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

މީގެ އިތުރުން އަނިލް ކަޕޫރް ޕްރޮޑިއުސްކުރި ފިލްމެއް ވެސް ވަނީ މި އަހަރު ނިކުމެފަ އެވެ. އެއީ އަނިލްގެ ދަރިފުޅު ސޯނަމް ކަޕޫރް އަހޫޖާ އާއި ކަރީނާ ކަޕޫރް، ސްވަރާ ބާސްކަރް އަދި ޝިޚާ ތަލްސާނިއާ ލީޑުން ފެނިގެންދިޔަ ފިލްމު "ވީރޭ ދި ވެޑިން" އެވެ. އެ ފިލްމު ވެސް ވަނީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދާފަ އެވެ.

މި އަހަރު ކުރިއަށް އަނިލްގެ އިތުރު ތިން ފިލްމެއް އެބަ އޮތެވެ. އެއީ އޯގަސްޓް ތިނެއްގައި ރިލީޒްކުރާ ފިލްމު "ފަންނޭ ޚާން" އާއި އޮކްޓޯބަރު 12 ގައި ރިލީޒްކުރާ ފިލްމު "އޭކް ލަޑްކީ ކޯ ދޭކާ ތޯ އޭސާ ލަގާ" އަދި ޑިސެމްބަރު ހަތެއްގައި ރިލީޒްކުރާ ފިލްމު "ޓޯޓަލް ދަމާލް" އެވެ.

މި ތަނުން ދެ ފިލްމެއްގެ ޓީޒާ މިހާރު ވަނީ ދޫކޮށްލާފަ އެވެ. އެއީ ފިލްމު "ފަންނޭ ޚާން" އާއި ފިލްމު "އޭކް ލަޑްކީ ކޯ ދޭކާ ތޯ އޭސާ ލަގާ" ގެ ޓިޒާ އެވެ.

ފާންނޭ ޚާން

މި ފިލްމަކީ ޑައިރެކްޓަރު އަތުލް މަންޖްރީކަރް ޑައިރެކްޓުކުރާ މިއުޒިކަލް ކޮމެޑީ ފިލްމެކެވެ. މިއީ ބެލްޖިއަމް ފިލްމެއް ކަމަށްވާ "އެވްރީބޯޑީސް ފޭމަސް" ގެ ރީމޭކްއެކެވެ. މި ފިލްމުގައި އަނިލްއާއެކު މުހިންމު ރޯލުތަކުން އައިޝްވާރިޔާ ރާއީ ބައްޗަން އާއި ރާޖްކުމާރް ރާއޯ ފެނިގެންދާނެ އެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނާނީ މިއުޒިކު ކުޅުމަށް ލޯބިކުރި މީހާކު (އަނިލް) އޭނާގެ އަންހެން ދަރިފުޅު (އައިޝްވާރިޔާ) މިއުޒިކީ ދުނިޔޭގައި މަޝްހޫރު މީހަކަށް ހެދުމަށް ކުރި މަސައްކަތްތަކުގެ މައްޗަށެވެ.

"ފަންނޭ ޚާން" ގެ ޓީޒާ ޓްރެއިލާ.

ޓީ ސީރީޒް އާއި ރާކޭޝް އޯމްޕްރަކާޝް މެހެރާ ޕިކްޗާސް އަދި އަނިލް ކަޕޫރް ފިލްމްސް އެންޑް ކޮމިނިއުކޭޝަން ނެޓްވޯކްގެ ކުޑައިގެ ދަށުން ގެނެސްދޭ "ފަންނޭ ޚާން" ގައި ނުވަ ޕްރޮޑިއުސަރުން ހިމެނެ އެވެ. އެގޭ ތެރޭގައި އަނިލްއާއި ބުޝަން ކުމާރް، ކްރިޝަން ކުމާރް އަދި ރާކޭޝް އޯމްޕްރަކާޝް ހިމެނެ އެވެ.

އޭކް ލަޑްކީ ކޯ ދޭކާ ތޯ އޭސާ ލަގާ

އަންހެން ކުއްޖަކު ފެނުމުން އަހަންނަށް ކުރެވުނު އިހުސާސް ނުވަތަ "އޭކް ލަޑްކީ ކޯ ދޭކާ ތޯ އޭސާ ލަގާ" އަކީ ޝެލީ ޗޯޕްރާ ދަރް ޑައިރެކްޓުކުރާ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ. އަނިލްއާއެކު މި ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދާނީ އޭނާގެ ދަރިފުޅު ސޯނަމް އާއި ޖޫހީ ޗާވްލާ، ރާޖްކުމާރް ރާއޯ، ރެޖީނާ ކެސެންޑްރާ އަދި މަދޫ މަލްތީ އެވެ.

"އޭކް ލަޑްކީ ކޯ ދޭކާ ތޯ އޭސާ ލަގާ" ގެ ޓީޒާ ޓްރެއިލާ.

މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނާނީ ނުތަނަވަސް ދިރިއުޅުމެއް އުޅެމުން އައި އަންހެނަކަށް (ސޯނަމް) އަށް އޭނާގެ ބައްޕަގެ އެހެން އަންހެނަކާއެކު ނަހަމަ ގުޅުމެއް އޮންނަކަން ފާޅާއެރުމުން ދިމާވާ ކަންތައްތަކެއް މައްޗަށެވެ. މި ފިލްމަށް ދީފައިވާ ނަމަކީ 1994 ވަނަ އަހަރު ނިކުތް އަނިލް ކަޕޫރްގެ ފިލްމު "1942: އަ ލަވް ސްޓޯރީ" އިން ވަރަށް މަޝްހޫރުވި ލަވައެއްގެ ނަމެވެ.

ވިދޫ ވިނޯދް ޗޯޕްރާ އާއި ރާޖްކުމާރް ހިރާނީ ޕްރޮޑިއުސްކުރާ މި ފިލްމު ގެނެސްދެނީ ވިނޯދް ޗޯޕްރާ ފިލްމްސްއާއި ރާޖްކުމާރް ހިރާނީ ފިލްމްސް އަދި ފޮކްސް ސްޓާ ސްޓޫޑިއޯސްގެ ކުޑައިގެ ދަށުންނެވެ.