ކުޅިވަރު

ފޯކައިދޫ އަތުން ބަލިނުވެ ގްރީން ސަލާމަތްވީ ހަމަކިރިޔާ

ށ. ފޯކައިދޫ އަތުން ބަލިވާން ދަނިކޮށް، ގްރީން ސްޓްރިޓް މެޗުގެ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރި ލަނޑުން ބަލި ނުވެ ސަލާމަތް ވެއްޖެ އެވެ. މެޗު އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަފު ފޯކައިދޫ، ދިވެހި ޕްރިމިއާ ލީގަށް ނިކުތީ، އެ ޓީމު ވަރުގަދަ ކޮށްގެންނެވެ. ފުރަތަމަ ޑިވިޝަންގައި ކުޅުނު ބައެއް ކުޅުންތެރިންވެސް އެ ޓީމުގެ ސްކޮޑްގައި ހިމަނާފައި ވެއެވެ. އެ ޓީމަށް ގެނެސްފައިވާ ބިދޭސީ ކުޅުންތެރިންގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނުނެނެވެ.

މުޅި މެޗުގައިވެސް ރަނގަޅަށް ކުޅުނީ، ގްރީން ސްޓްރީޓުންނެވެ. ނަމަވެސް ލީޑް ނެގީ ފޯކައިދޫއިންނެވެ. އެއީ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައެވެ. ކައުންޓަ އެޓޭކްގައި ތަނަވަސް ކުރި ފުރުސަތަކުން ނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބިދޭސީ ކުޅުންތެރިޔާ މުސްތޮފާ މުހައްމަދެވެ.

ދެ ވަނަ ހާފުގައިވެސް ރަނގަޅަށް ކުޅުނީ، ގްރީން އެވެ. މެޗުގެ ފަހު ދިހަ މިނެޓްތެރޭގައި އެޓީމަށް ވަނީ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އެ ޓީމުން އުފެއްދި ހަމަލާއެއް ގޯލްތެރެއަށް ވަދެވަދެ އޮއްވައި ފޯކައިދޫގެ ކުޅުންތެރިން ދިފާއު ކުރީ ގޯލް ލައިން މަތިންނެވެ.

ގްރީންގެ ލަނޑު ކާމިޔާބު ކުރީ، މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ފަސް މިނެޓްގެ ތެރެއިން ފަހު މިނެޓްގަ އެވެ. އެ ލަނޑު ކާމިޔާބު ކުރީ އަބްދުﷲ މިސްބާހް (މިސްބެ) އެވެ.

މެޗަށް ފަހު، ވާހަކަ ދައްކަމުން، ގްރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒޭން ބުނީ މިއަދުގެ މެޗުގައި ފެނުނީ ގްރީންގެ ވަރަށް ދަށް ކުޅުމެއް ކަމަށެވެ. އޭނާ ބުނީ އެންމެ ބޮޑު މައްސަލައަކަށް ދިމާވީ ކުޅުންތެރިން އަމިއްލައަށް ނަގަން ޖެހޭ ޒިންމާ ނުނެގުން ކަމަށެވެ.

"ދެން އެކަކަން ރަނގަޅު ކުރުވަން ހުރި މީހަކީ އަޅުގަނޑު އެކަންކަމަށް މަސައްކަތް ކުރާނަން،" ސުޒޭން ބުންޏެވެ. "ހަގީގަތުގައި މިއީ ވަރަށް ގޯސް ނަތީޖާއެއް ލީގްގައި ކުރިއަށް ދާން ބޭނުން ކަމަށްވަންޏާ މި ޓީމުތައް އަތުން (ތިން) ޕޮއިންޓް ހޯދަން ޖެހޭ."

މިދިޔަ އަހަރު، އއ، މާޅޮސް ގޮވައިގެން ނިކުމެ، ދިވެހި ލީގްގެ ދެ ވަނަ ބުރުގައި ގްރީން ސްޓްރީޓް ބަލި ކުރި، ފޯކައިދޫގެ ކޯޗް އަލީ ނިޝްތާރު ބުނީ، މެޗަށް ނިކުތީ މެޗުން މޮޅުވުމުގެ އުންމީދު ކަމަށެވެ.

"އޮތް ޓީމާއި ޕްރެކްޓިހުގައި ކުޅުންތެރިން ކުރާ މަސައްކަތާ ބަލާފައި މެޗު ކާމިޔާބު ކުރެވޭނެ ކަމަށް ލަފާ ކޮށްގެން މެޗުން ނިކުތީވެސް." ނިޝްތާރު ބުންޏެވެ.

މޯލްޑިވްސް ސޮކާއާ ވާހަކަ ދައްކަމުން، ފޯކައިދޫގެ ކެޕްޓަން ފަހްދު އަބުދުﷲ ބުނީ، މެޗުން މޮޅުވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރި ކަމަށާއި ނަމަވެސް ފަހު ވަގުތު އެއްވަރުވުމުން ހިތްހަމަނުޖެހޭ ކަމަށެވެ.

ފޮޓޯ: އެފްއޭއެމް