ކުޅިވަރު

މާޒިޔާގެ ހަތް ކުޅުންތެރިއަކު އެއްބަސްވުން އާކޮށްފި

އާ ސީޒަން ފެށުމުގެ ކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެ ކްލަބަށް ކުޅޭ ހަތް ކުޅުންތެރިއެއްގެ އެއްބަސްވުން މިއަދު އާކޮށްފި އެވެ.

އެއްބަސްވުން އާކުރީ މުހިއްމު ތިން މިޑްފީލްޑަރުން ކަމަށްވާ އިބްރާހީމް އައިސަމް، ހުސައިން ނިހާން (ނިހާޓް) މުހައްމަދު އިރުފާން، ޑިފެންޑަރު ސަމޫހު އަލީ އަދި ހަސަން ޝިފާޒް (ޑުންގާ) ގެ އިތުރުން ދެ ގޯލްކީޕަރުން ކަމަށްވާ ހުސައިން ޝަރީފް އަދި އިޔާން އަބްދުލް އަލީމް އެވެ.

މާޒިޔާގެ މިޑްފީލްޑަރު ނިހާން އަކީ މެދުތެރޭގައި މުހިއްމު ކުޅުންތެރިއެކެވެ. ގައުމީ ޓީމުގައި ވެސް ގަވައިދުން ހިމެނޭ ނިހާން މާޒިޔާއާ ގުޅުނީ 2019 ވަނަ އަހަރު އެވެ. ނިހާން އެންމެ ފުރަތަމަ ވިދާލީ ވިކްޓްރީގަ އެވެ.

މިހާރު ގައުމީ ޓީމުގައި ހިމެނޭ ޑުންގާ މިއީ މާޒިޔާއާ އެކު ނުކުންނަ 12 ވަނަ ސީޒަނެވެ. މާޒިޔާ ފުރަތަމަ ޑިވިޝަނުގައި ހޯދި ހުރިހާ ކާމިޔާބީއެއްގައި ވެސް ޑުންގާ އެޓީމުގައި ހިމެނެ އެވެ. ޑުންގާ އަކީ މާޒިޔާގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ދުވަހު ކުޅުނު ކުޅުންތެރިޔާ އެވެ.

ސަމޫހް އަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ޑިފެންޑަރެވެ. ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިޔާ މާޒިޔާއާ ގުޅުނީ 2016 ވަނަ އަހަރު އެވެ. އަހަރުން އަހަރަށް ކުރިއެރުން ހޯދަމުން އައި މިހާރު ބައެއް މެޗުތަކުގައި މާޒިޔާގެ ކެޕްޓަންކަން ވެސް ސަމޫހް ކުރެ އެވެ. މިދިޔަ އަހަރުތަކުގައި މާޒިޔާ އިން ހޯދި ކާމިޔާބީގައި ސަމޫހް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އިރުފާން މާޒިޔާއާ ގުޅުނީ 2014 ވަނަ އަހަރު އެވެ. މާޒިޔާގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން އިރުފާން އަކީ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ އެވެ.

މާޒިޔާ އާއި ގައުމީ ޓީމުގައި ހިމެނޭ އައިސަމް އަކީ އެޓީމުގެ މެދެތޭރެގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔާ އެވެ. ކްލަބް ފުޓްބޯޅައިގެ މެދުކެނޑުމަކަށް ފަހު އައިސަމްގެ މޮޅު ކުޅުން ފާހަގަވާން ފެށީ 2019 ވަނަ އަހަރު މާޒިޔާއާ ގުޅުނު ހިސާބުންނެވެ. މާޒިޔާގައި ކުޅެމުން ގައުމީ ޓީމުން ޖާގަ ހޯދައި މިހާރު އައިސަމް އަކީ ގައުމީ ސްކޮޑުގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ.

އެއްބަސްވުން އާކުރި ދެ ގޯލްކީޕަރުންގެ ތެރެއިން ހުސައިން މާޒިޔާއާ ގުޅުނީ 2016 ވަނަ އަހަރު އެވެ. މިހާރު ހުސައިން އަކީ ގައުމީ ޓީމުގެ ވެސް މެމްބަރެކެވެ. މާޒިޔާގައި ހުރެގެން ލިބޭ ފުރުސަތުގައި ހުސައިން ރަނގަޅު ކުޅުމެއް ދައްކަ އެވެ.

ޒުވާން ގޯލްކީޕަރު އިޔާން އަކީ މިހާރު އަރަމުން އަންނަ އެންމެ އުއްމީދީ އެއް ގޯލްކީޕަރެވެ. އިޔާން މާޒިޔާއާ ގުޅުނީ 2013 ވަނަ އަހަރު އެވެ. އޭގެފަހުން ލޯނު އުސޫލުން އެހެން ކްލަބްތަކަށް އިޔާން ކުޅުނެވެ. މިދިޔަ ސީޒަނުގެ ފަހުކޮޅު އިޔާން ވަނީ މާޒިޔާގެ ގޯލު ބައެއް މެޗުތަކުގައި ބަލަހައްޓައިފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ އިން މި މަހު އާ ސީޒަނަށް ތައްޔާރުވާން ފަށާނެ އެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ކަލަންޑަރު އަދި އާއްމުކޮށްފައި ނުވިނަމަވެސް، އަންނަ މަހު ސީޒަން ފަށާނެކަމަށް ބެލެވެ އެވެ. އެހެންވެ ކްލަބްތަކުން މިހާރު އަންނަނީ ޕްރީ ސީޒަން ފަށަން ތައްޔާރުވަމުންނެވެ.