ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން އެއްވަރުވެ، ތާވަލުގެ ކުރީގައި ލީޑް ފުޅާ ކުރުމުގެ ފުރުސަތު މަޒިޔާއަށް ގެއްލިއްޖެ އެވެ. މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.
ސީޒަން ހުޅުވި މެޗުގައި އީގަލްސް ގޮވައިގެން މާޒިޔާ ބަލި ކުރި މުހައްމަދު ޝިޔާޒު (މޯހަން) ފާހަގަ ކުރެވިފައި ވަނީ މާޒިޔާ އާ ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނެރޭ ކޯޗެއްގެ ގޮތުގަ އެވެ. އޭނާ މިހާރު ކޯޗް ކޮށްދޭ ސަސް ގޮވައިގެން ނުކުމެ މިރޭ މާޒިޔާއިން ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާލުމަކީ އޭނާއަށް ލިބޭނެ ބޮޑު ހިތްހަމަ ޖެހުމެކެވެ.
މިހަފުތާގައި ވެލެންސިއާ ލީގްގައި ނުކުޅޭތީ މެޗުން މޮޅުވެގެން މާޒިޔާއަށް ތާވަލުގެ އެއް ވަނައިގައި ނުވަ ޕޮއިންޓްގެ ލީޑެއް ނެގެން އޮތެވެ. އެހެންނަމަވެސް މެޗު އެއްވަރުވުމުން އެ ފުރުސަތު ގެއްލުނީ އެވެ.
މެޗެއްގައި ހުސް ފަރުސަތޭ ކިޔާ ކަހަލަ އެއްވެސް ފުރުސަތެއް މާޒިޔާގެ ޓީމަށް ލިބުނަ ނުދީ ސަސްގެ ޑިފެންސުން ވަނީ ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ސަސްގެ ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އެވެ. މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާގެ ޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ޖަޕާންގެ މިޑްފީލްޑަރު ޓަކަށީ އޮޑަވަރާ އަދި މުހައްމަދު އުމޭރު އަށެވެ.
ޓަކަށީއަށް އުމޭރު ދިން ފުރުސަތުގައި އޭނާ ހުހަށް ހުއްޓައި ބޯޅަ ފޮނުވާލިނަމަވެސް، ބެންޖޯ ވަނީ ޓެކްލްކޮށް އެ ބޯޅަ ދިފާއު ކޮށްފަ އެވެ. އޭގެ ފަހުން އުމޭރުއަށް ލިބުނު ފުރުސަތުގައި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ފޮނުވާލި ނަމަވެސް، ސަސްގެ ކީޕަރު މިރުޒޯހިދު އެ ބޯޅަ ސަލާމަތް ކުރި އެވެ.
މެޗުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ، ސަސްގެ މުހައްމަދު އަޖުނާން އަށެވެ. ފުރަތަމަ ހާފުގައި ހުސްކޮށް އަރައި އޭރިއާގެ ބޭރުން އޭނާ ބޯޅަ މާޒިޔާގެ ގޯލަށް ފޮނުވާލީ އެ ޓީމުގެ ކީޕަރު ހުސައިން ޝަރީފް ކުރިއަށް ނުކެމެ ހުރުމުންނެވެ. ބަލާލާފައި އަޖުނާން ފޮނުވާލި ބޯޅަ ހުހަށް އޮތް ގޯލްގެ ތެރެއަށް ވަންނާނެ ކަމަށް ބެލެވުނެވެ. ނަމަވެސް އެ ބޯޅަ ރީބައުންސްވީ މާޒިޔާގެ ގޯލް ދަނޑިގައި ޖެހިފަ އެވެ.
ދެ ވަނަ ހާފުގައި، މާޒިޔާގެ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ލަނޑެއް ޖެހުމާ ވަރަށް ކައިރިއަށް ދިޔަ އެވެ. އޭރިއާގެ ތެރެއިން އޭނާ ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލް ދަނޑިއާަ އިންޗިއްހާ ދުރުން ބޭރަށެވެ.