ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް އުނދަގޫ މޮޅެއް ހޯދައި، މާޒިޔާއިން ތާވަލުގެ އެއް ވަނައިގައި ލީޑް ފުޅާ ކޮށްފި އެވެ. މާޒިޔާ މެޗު ކާމިޔާބު ކުރީ 1-0 ންނެވެ.
ރޭ، ގުރީން ސްޓްރީޓްގެ މައްޗަށް ކުރި ހޯދައި ވެލެންސިއާ އިން މާޒިޔާ އާ ތިން ޕޮއިންޓަށް ފަރަގު ކުރި ނަމަވެސް މިއަދު ކުޅުނު މެޗުން މޮޅުވެ މާޒިޔާ ވަނީ އަލުން ހަ ޕޮއިންޓަށް ލީޑް ފުޅާ ކޮށްފަ އެވެ. ލީގްގައި މިހާތަނަށް ކުޅުނު 10 މެޗުން މާޒިޔާ ވަނީ ޖުމުލަ 24 ޕޮއިންޓް ހޯދާފަ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު އަލީ ނާޖިހް ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. އެހެންނަމަވެސް ދެ ވަނަ ހާފުގައި ހަމްޒާ މުހައްމަދު (ހަމްޕް) ފޮނުވާލި ބާރު ބޯޅަ ދިފައު ކުރުމުގައި ނާޖިހްއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
މެޗަށް މާޒިޔާއިން ވެސް ނުކުތީ އެ ޓީމުގެ ދެ ވަނަ ކީޕަރު ހުސައިން ޝަރީފްއަށް ފުރުސަތު ދީފަ އެވެ. މާޒިޔާގެ ޓީމާ ގުޅެން ހަމަޖެހިފައިވާ ސީރިއާގެ ކީޕަރު މަހްމޫދު އަލް ޔޫސުފް އަދި ޓީމާ ގުޅުނުކަން ކަށަވަރު ކުރެވިފައެއް ނުވެ އެވެ. މެޗަށް އެކުލަވާލި ލިސްޓަގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައިވެސް އޭނާގެ ނަމެއް ނެތެވެ. ކީޕަރު ހުސައިންއަށް ދިން ފުރުސަތުގައި އޭނާ ވަނީ ދެ ވަނަ ހާފުގައި ޔޫވީން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިފާއު ކޮށްފަ އެވެ.
މާޒިޔާގެ ކެޕްޓަން ބޭންޑު އަޅައިގެން ނުކުތް މުހައްމަދު އުމޭރުއަށް ވަނީ ލަނޑު ޖަހާނެ ތަނަވަަސް ފުރުސަތުތަކެއް ލިބިފަ އެވެ. އޭނާ ހުސްކޮށް ލިބުނު ފުރުސަތުތަކުގައި ގޯލަކަށް ހަދާލެވޭ ގޮތެއް ނުވި އެވެ.
މާޒިޔާގެ ލަނޑު މެޗުގެ 74 ވަނަ މިނެޓްގައި ހަމްޕް ކާމިޔާބު ކުރީ ބާރު ބޯޅައެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ލަނޑެއް ޖެހުމަށް ކެތް މަދުވެފައި ތިބި މާޒިޔާގެ ޓީމަށް ލިބުނު ލީޑާއެކު ހަމަޖެހުމެއް ލިބުނެވެ.