ދިވެހި ޕްރެމިއާ ލީގް

އެއް ވަނައިގައި މާޒިޔާއިން ބޮޑު ލީޑެއް

ޔުނައިޓަޑް ވިކްޓަރީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައި، ތާވަލުގެ އެއް ވަނައިގައި މާޒިޔާއިން ދަމަހައްޓަމުން އަންނަ ލީޑް ފުޅާ ކޮށްފި އެވެ.

މެޗުން ހޯދި ތިން ޕޮއިންޓާއެކު މާޒިޔާ ވަނީ 23 ޕޮއިންޓް ހަމަކޮށް، ހަތް ޕޮއިންޓްގެ ބޮޑު ލީޑެއް ނަގާފަ އެވެ. މާޒިޔާއާ އެންމެ ގާތުން ގުރީން ސްޓްރީޓަށް ލިބިފައި ވަނީ 16 ޕޮއިންޓެވެ.

މެޗުގެ ވަރަށް ކުރީކޮޅު މާޒިޔާއިން ވަނީ އެ ޓީމުގެ ދެ ލަނޑުވެސް ކާމިޔާބު ކޮށްފަ އެވެ. އެ ދެ ލަނޑުވެސް ކާމިޔާބު ކޮށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ނާއިޒު ހަސަން (ދާދު) އެވެ. އެ ދެ ލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހަތް މިނެޓް ތެރޭގަ އެވެ.

ފުރަތަމަ ލަނޑު މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި ދާދު ލަނޑު ކާމިޔާބު ކުރީ ކެޕްޓަން އަސަދުﷲ އަބްދުﷲ ދިން ފުރުސަތަކުންނެވެ. ދަނޑުގެ އިރުމަތި ފަރާތުން ޔޫވީގެ ޕެނަލްޓީ އޭރިއާ ކައިރިން މާޒިޔާއަށް ލިބުނު އެއްލުން އެ ޓީމުން އެއްލީ އޭރިއާގެ ބޭރުން އަރިމަތީގައި ހުރި އަސަދުﷲ އަށެވެ. އޭނާއަށް ލިބުނު ބޯޅައަށް ޔޫވީގެ ކުޅުންތެރިން ހުރަސް އަޅަން އައުމުން އެ ބޯޅަ ދިނީ އޭރިއާ ބޭރުން، ދަނޑުގެ ލައިނާ ކައިރީގައި ހުރި ދާދު އަށެވެ. ދާދުއަށް ބޯޅަ ދިނުމަށް ފަހު އަސަދުﷲ ވެސް މަސައްކަތް ކުރީ ބޯޅައަށް އޭރިއާ ތެރެއަށް އެރުމަށެވެ. އޭރިއާ ތެރެއަށް ނަގައި ދިނުމުގެ ބަދަލުގައި ދާދު ވަނީ ޔުނައިޓަޑް ވިކްޓަރީގެ ގޯލްގެ މަތީ ކަނަށް ބޯޅަ އޮއްސާލާފަ އެވެ.

ދެ ވަނަ ލަނޑު ދާދު ކާމިޔާބު ކުރީ އޭގެ ތިން މިނެޓް ފަހުން ނެވެ. ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) އަށް ލިބުނު ބޯޅަ އޭނާ ދިނީ އޭރިއާގެ ތެރެއަށް ހުސްކޮށް އެރި ދާދު އަށެވެ. އޭނާ ވަނީ ވަރަށް ބަލާލާފައި ގޯލްގެ ތެރެއަށް ތިރިތިރިން ބޯޅަ ވައްދާލާފަ އެވެ.

ލަނޑަށް ފަހު މާޒިޔާއިން ވަނީ އެ ޓީމު އަތުގައި ގިނައިރު ބޯޅަ ބޭއްވުމުގެ ގޮތުން އަމިއްލަ ހާފު ތެރޭގައި ބޯޅަ ބާއްވައިގެން ޕާސް ޖަހައިގެން ކުޅެން މަސައްކަތް ކޮށްފަ އެވެ. ޓީމުގެ ފަހަތުން ޕާސް ޖަހައިގެން މެދުތެރެއިން އޭގައި ހިއްސާ ވެގެން ޖާގަ ހޯދައިގެން ކުޅެން މަސައްކަތް ކުރި ނަމަވެސް ފުރަތަމަ ހާފުގައި މާޒިޔާއަށް އިތުރަކަށް ފުރުސަތެއް ލިބޭ ގޮތެއް ނުވި އެވެ.

ދެ ވަނަ ހާފުގައި ދެ ޓީމުގެ އެޕްރޯޗްވެސް ބަދަލު ކުރި އެވެ. ޔުނައިޓަޑް ވިކްޓަރީން ކުޅުން ރަނގަޅު ކޮށް މާޒިޔާގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ. މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮވްސްކީ ބުނީ، އެ ޓީމުން ކުޅެމުން ދިޔަ އެޕްރޯޗް ބަދަލު ކުރަން ޖެހުނީ ޔޫވީގެ ކުޅުންތެރިން ވަރުގަދައަށް ޓެކްލުކޮށް ފައުލު ކޮށްގެން ކުޅެން ފެށުމުން ކަމަށެވެ.

"ފުރަތަމަ ހާފުގެ ފުރަތަމަ 30 މިނެޓް އަހަރެމެން ކުޅުނީ ވަރަށް ރަނގަޅަށް، އޭގެ ފަހުން އަހަރެމެންގެ ކުޅުން ބަދަލުވީ ޔުނައިޓަޑް ވިކްޓަރީ ވަރުގަދައަށް ޓެކްލުކޮށް، ޗާޖުކޮށް ފައުލުކޮށްގެން ކުޅެން ފެށުމުން،" މެޗަށް ފަހު ވާހަކަ ދައްކަމުން ސްކްލޮވްސްކީ ބުންޏެވެ. "ނަމަވެސް އެހުރިހާ ކަމަކާއެކުވެސް އެންމެ މުހިންމު ކަމަކީ އަހަރެމެން 2-0 މޮޅުވެ ތިން ޕޮއިންޓް ހޯދައި ހަތް ޕޮއިންޓްގެ ލީޑެއް ނެގުން."

ހަތް ޕޮއިންޓްގެ ލީޑަކާއެކު އެއް ވަނައިގައި އޮތްނަމަވެސް އަދި އެއްވެސް ކަމެއް މާޒިޔާއަށް ސާބިތު ނުވާ ކަމަށާއި މަސައްކަތުގެ ރޭޓަށް ބަދަލު ނުގެނެސް މެޗުތައް ކުޅެން ޖެހޭ ކަން މެސަޑޯނިއާ އަށް ނިސްބަތްވާ ސެކްލޮވްސްކީ ބުންޏެވެ.

ޔޫވީން މެޗަށް ކުރިމަތިލީ، މިދިޔަ ހަފުތާގައި ކުޅުނު މެޗުގައި ގުރީން ސްޓްރީޓް އަތުން 8-2 ން ބަލިވެ އެ ޓީމަށް ކުރިމަތިވި ފާޑު ކިޔުންތަކާއެކު އެވެ. މެޗުގެ ކުރިންވެސް ޔޫވީގެ ކޯޗް މުހައްމަދު ނަޒީހް ބުނީ، ކުރިން މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް އަޔަސް ޓީމުގެ މަސައްކަތުގެ ރޫހަށް ބަދަލެއް ނާންނާނެ ކަމަށެވެ. މެޗުގެ ފަހު ހާފުގައި ޔޫވީގެ ކުޅުންތެރިން ދެއްކި ކުޅުން ފާހަގަ ކުރަމުން ނަޒީހް ވަނީ މިއަދުގެ މެޗަށް ފަހުވެސް އެ ވާހަކަ ތަކުރާރު ކޮށްފަ އެވެ.

އޭނާ ބުނީ މާޒިޔާ 2-0 މޮޅުވީ އެ ޓީމުގެ ކިބައިން މާބޮޑު ތަފާތެއް ފެނިގެން ނޫން ކަމަށާއި އެއީ ޔުނައިޓަޑް ވިކްޓަރީގެ ކީޕަރަށާއި ކުޅުންތެރިންނަށް ހެދި ގޯސްތަކުން ލިބުނު "ހެޔޮ އެދުންތަކާއެކު" ކާމިޔާބު ކުރި ދެ ލަނޑު ކަމަށެވެ.

"މުޅި 90 މިނެޓްގައި މާޒިޔާއަށް ލިބުނީ ކްލިއާ ކަޓް ދެ ޗާންސް ދެން (ޔޫވީގެ ކުޅުންތެރިން ގެ) ހެޔޮ އެދުންތަކާއެކީގައި ވަން ދެ ގޯލް އެއީ،" މެޗަށް ފަހު ވާހަކަ ދައްކަމުން ނަޒީހް ބުންޏެވެ. "މާޒިޔާގައި އެހަރަ ފެންވަރާއި އެތިބަ ކުޅުންތެރިންގެ ކޮލިޓީއަށް ބަލާއިރު ދެ ވަނަ ހާފުގައި މުޅި މެޗު ޑޮމިނޭޓް ކުރީ ޔުނައިޓަޑް ވިކްޓަރީ، މާޒިޔާއަށް އެވަރުގެ ޗާންސެއް ނުވެސް ލިބޭ، އެކަމަކު ޔޫވީއަށް ލިބުނު އޯޕަން ތިން ޗާންސް، ދެން ހާފު ޗާންސްތަކާއެކު ފަސް ޗާންސް، މިވަރުގެ ޓީމަކާ ދެކޮޅަށް މި ޕާފޯމަންސް ދެއްކީމަ އެބައެނގޭ މަސައްކަތް ކުރީމަ ވާނެ ކަން."

ނާޒިހް ބުނީ، ފުރަތަމަ ގޯލް ވަނީ ޔޫވީގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލެކް) އަށް ފަރުވާތެރި ނުވެވި ހުއްޓާ ކަމަށެވެ. އަދި ދެ ވަނަ ގޯލަކީ ޔޫވީގެ ޑިފެންޑަރުން ދިން އެސިސްޓަކުން ޖެހި ލަނޑެއްގެ ގޮތުގައި ނަޒީހް ސިފަ ކުރި އެވެ. އޭނާ ބުނީ މެޗުން ބަލިވުމުގެ ޒިންމާ ނަގާ ކަމަށެވެ.