ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަލީ ފާސިރު (ސެންޓޭ) ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ގުޅިއްޖެ އެވެ.
މިއީ ފުޓްބޯޅައިގެ ނަން މަޝްހޫރު ރަށެއް ކަމަށްވާ ބ. އޭދަފުއްޓަށް އުފަން ސެންޓޭ، ކެރިއަރުގައި މާޒިޔާ އަށް ކުޅޭ ފުރަތަމަ ފަހަރެވެ. ސެންޓޭ އަކީ މިދިޔަ 15 ވަރަކަށް އަހަރު ގަލޮޅު ދަނޑުގައި އެއް ފެންވަރެއްގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.
ސެންޓޭ ވަނީ 2016 އަދި 2017 ވަނަ އަހަރު މޯލްޑިވްސް ފުޓްބޯލް އެވޯޑުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި ރަން ބޫޓު ހޯދައިފަ އެވެ.
ސެންޓޭގެ ސޮއި ހޯދިއިރު މާޒިޔާ އިން ވަނީ ރާއްޖޭގައި މިވަގުތު ތިބި ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް އެޓީމަށް ގެނެސްފަ އެވެ. މިހާތަނަށް އެޓީމާ އަލަށް ގުޅުނީ ކްލަބް އީގަލްސް އަށް ކުޅުނު ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ޑިފެންޑަރު ހުސައިން ސިފާއު ޔޫސުފް (ކުރޯ) ގެ އިތުރުން ކްލަބް ވެލެންސިއާ އަދި ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް، ކްލަބް ގްރީން ސްޓްރީޓްސްގެ މުހިއްމު ކުޅުންތެރިޔާ ހަސަން ނަޒީމް (ޗޯޓު) އަދި ދެވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދެއްކި ޝަމްވީލް މުހައްމަދު (ބޮންޑާ) އެވެ. ދިވެހި ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ ގިނަ ކްލަބްތަކަށް ކުޅެފައިވައިވާ މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް ވެސް ވަނީ މާޒިޔާއާ ގުޅިފަ އެވެ.
އާ ސީޒަނަށް މާޒިޔާ ވަރުގަދަ އަށް ތައްޔާރުވަމުން އަންނައިރު އެޓީމުގެ އާ ކޯޗަކީ ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް އެވެ. 65 އަހަރުގެ އިވާން އަކީ ބަލްގޭރިއާގެ ޔޫތު ޓީމުތަކަށް އިރުޝާދުދީފައިވާ ތަޖުރިބާ ބޮޑު ކޯޗެކެވެ.
ސެންޓޭ ކްލަބް ކެރިއަރު ފެށީ 2009 ވަނަ އަހަރު އޯލް ޔޫތު ލިންޖޭޖް (އޭވައިއެލް) އިންނެވެ. އޭވައިއެލް ޓީމުގައި 2008 ވަނަ އަހަރު އެންމެ ފުރަތަމަ ކުޅުނީ ދެވަނަ ޑިވިޝަނުގަ އެވެ. އެޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދީ ޖެހިގެން އައި އަހަރު ފުރަތަމަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދެއްކި އެވެ.
އޭވައިލް އަށް ކުޅުމަށް ފަހު ސެންޓޭ 2010 ވަނަ އަހަރު ބަދަލުވީ ވެލެންސިއާ އަށެވެ. އޭގެފަހުން ސެންޓޭ ވަނީ ނިއު ރޭޑިއަންޓާއި ވިކްޓްރީ ސްޕޯޓްސް ކްލަބްގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބް އަދި ކްލަބް އީގަލްސް އަށް ކުޅެފަ އެވެ.
ފުރަތަމަ ޑިވިޝަނުގައި ކުޅެން ފަށައި އަހަރެއްތެރޭ ސެންޓޭ ވަނީ ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދާފަ އެވެ. 2010 ވަނަ އަހަރުން ފެށިގެން ސީނިއާ ޓީމަށް ކުޅެމުން އަންނައިރު 50 އަށް ވުރެ ގިނަ މެޗު ގައުމީ ޓީމަށް ކުޅެ 13 ގޯލު ސެންޓޭ ވަނީ ޖަހައިފަ އެވެ. އަދި، 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ކާމިޔާބު ކުރިއިރު ސެންޓޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ސެންޓޭ އާއި އިތުރު ކުޅުންތެރިންގެ ސޮއި މާޒިޔާ އިން ހޯދިއިރު އެޓީމުން ވަނީ މިހާރު ތިބި ގިނަ ކުޅުންތެރިންތަކެއްގެ އެއްބަސްވުން އާކޮށްފަ އެވެ.
ރާއްޖޭގެ އާ ފުޓްބޯޅަ ސީޒަން ފަށާނެ ތާރީހެއް އެފްއޭއެމުން އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އަންނަ މަހު ފުޓްބޯޅަ ސީޒަން ފަށާނެކަމަށް ބެލެވެ އެވެ. އާ ސިޒަނަށް މާޒިޔާ ވަރުގަދަ އަށް ތައްޔާރުވަމުން އަންނައިރު އެހެން ޓީމުތަކުގެ ހަބަރެއް އަދި ނެތެވެ. މާލީ މައްސަލަތަކާ ގުޅިގެން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތައް އޮތީ އުނދަގޫ ހާލަތެއްގަ އެވެ.