ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ވިކްޓްރީ ސްޕޯޓްސް ކްލަބަށް މަޝްހޫރު ކުޅުންތެރިން ގެނެސް ވަރުގަދަކޮށް އާ ސީޒަނަށް ތައްޔާރުވާން ފަށައިފި އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ވިކްޓްރީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގައި ވާދަކޮށް ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބޭގޮތެއްނުވި އެވެ. އެކަމަކު މިފަހަރު ދުރާލާ ތައްޔާރުވާން ފަށައި ވިކްޓްރީން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެޓީމުން ފެނުނު އެންމެ ބޮޑު ބަދަލަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އާއި ފުރަތަމަ ޑިވިޝަނުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މުހައްމަދު އުމެއިރުގެ ސޮއި ހޯދުމެވެ.
އަކްރަމް އާއި އުމެއިރު އަކީ މެދުނުކެނޑި މިދިޔަ 17 އަހަރު ދުވަހު ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ދެކުޅުންތެރިންނެވެ. މިވަގުތު ރާއްޖޭގައި ތިބި އެންމެ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި އަކްރަމް އާއި އުމެއިރު ހިމެނެ އެވެ. އުމެއިރު ފުޓްބޯޅަ ކެރިއަރު ފެށީ ވިކްޓްރީ އިންނެވެ. އަކްރަމް ވެސް ވަނީ ކުރިން ވިކްޓްރީ އަށް ކުޅެފަ އެވެ. މި ދެކުޅުންތެރިން ވިކްޓްރީއާ އެކު ވީ 10 މަސް ދުވަހުގެ އެއްބަސްވުމެކެވެ.
ވިކްޓްރީ އިން ވަނީ ފަސް މަސް ދުވަހުގެ އެއްބަސްވުމެއްގައި އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ސޮބާހް މުހައްމަދު (ސޮބާ) ކޯޗުކަމަށް ހަމަޖައްސާފަ އެވެ. ސޮބާ އެޓީމަށް އިރުޝާދުދޭނީ ދެވަނަ ޑިވިޝަން އިއުލާން ކުރުމުން އެ މުއްދަތުގަ އެވެ.
ވިކްޓްރީ ފުޓްބޯޅައިން ގެއްލުނީ ދަރަނީގެ މައްސަލައެއްގައި 2019 ވަނަ އަހަރު އެފްއޭއެމް އިން އެޓީމު ސަސްޕެންޑް ކުރުމުންނެވެ. އޭގެފަހުން ދަރަނިތައް އަދާކުރުމަށް ފަހު މިދިޔަ އަހަރު އެޓީމު ދެވަނަ ޑިވިޝަނުގައި ވާދަކޮށް ނާކާމިޔާބުވީ އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ވިކްޓްރީ އަށް ނުދެވުނެވެ.
އާ އަޒުމަކާ އެކު ވިކްޓްރީ ވަރުގަދައަށް ތައްޔާރުވާން ފެށުން ވެގެންދިޔައީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމަކަށެވެ. ތަޖުރިބާކާރު ދެ ކުޅުންތެރިންގެ ސޮއި ހޯދުމަށް ފަހު ފުރަތަމަ ޑިވިޝަނުގެ އެހެން ބައެއް ކުޅުންތެރިން ވެސް ވިކްޓްރީއާ ގުޅެން އަންނަނީ ތައްޔާރުވަމުންނެވެ.
50 އަހަރުން ފުރުން ހާއްސަ މުބާރާތަކާ އެކު
ވިކްޓްރީ އަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ކްލަބުން އަންނަނީ ބޭރުގެ ބައެއް ކްލަބްތައް ހިމަނައިގެން ފުޓްބޯޅަ މުބާރާތެއް ބާއްވަން މަސައްކަތް ކުރަމުންނެވެ. 1971 ވަނަ އަހަރު އުފަންވި ވިކްޓްރީ އަށް 50 އަހަރު ފުރުނީ 2021 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އެކަމަކު އެދުވަސްވަރު ކޮވިޑުގެ ބަލިމަޑުކަން އޮތުމާއި ކްލަބް ސަސްޕެންޝަނުގައި އޮތުމުން 50 އަހަރު ފުރުން ފާހަގައެއް ނުކުރެވުނެވެ. އޭރު ވިކްޓްރީ އޮތީ މާލީ ގޮތުން ވެސް އަޑިގަނޑެއްގަ އެވެ.
ވިކްޓްރީ އިން ބާއްވާ މުބާރާތުގައި އިންޑިއާގެ ދެ ކްލަބަކަށް ދައުވަތުދޭން އަންނަނީ މަޝްވަރާ ކުރަމުންނެވެ. ބޭރުގެ ދެ ކްލަބާ އެކު ދެން ވާދަކުރާނީ ރާއްޖޭގެ ހަތަރު ކްލަބެވެ. އެކަމަކު ދައުވަތުދޭނެ ޓީމުތައް އަދި ހާމަކޮށްފައި ނުވާއިރު އެފްއޭއެމްގެ ކަލަންޑަރުގެ ތެރެއިން މުބާރާތް ބާއްވާނެ ދުވަސްވަރު އަދި ކަނޑައަޅާފައެއްނުވެ އެވެ.
ވިކްޓްރީ ދެވަނަ ޑިވިޝަނަށް ވަރުގަދަކުރާއިރު ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބް ފިޔަވައި އެހެން ކްލަބްތައް އޮތީ ހިމޭނުންނެވެ. ކުޅުންތެރިން ގެނެސް ވަރުގަދަކުރި ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސް އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން މަސައްކަތް ކުރަމުން އަންނަނީ އަންނަ މަހުގެ ފަހުކޮޅު އެވެ. އެކަމަކު އެފްއޭއެމުން އަދި އަހަރީ ކަލަންޑަރު އާއްމުކޮށްފައެއްނުވެ އެވެ.