ދިވެހި ޕްރެމިއާ ލީގް

ވިކްޓަރީން ހާޒިރު ނުވުމުން ލީގް މެޗު ކެންސަލް

ދިވެހި ޕްރިމިއާ ލީިގްގައި މިއަދު ހަވީރު ށ. ފޯކައިދޫއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓަރީ ސްޕޯޓްސް ކުލަބު ކުޅުންތެރިން ހަމަނުވުމުން މެޗް ކެންސަލް ކޮށްފި އެވެ.

މިއީ މި އަހަރު ލީގްގައި، ވިކްޓަރީ ނުކުޅެ ދޫކޮށްލި ދެ ވަނަ މެޗެވެ. މިދިޔަ އަހަރު ވެސް އެ ޓީމުން ވަނީ ދެ މެޗު ނުކުޅެ ދޫކޮށްލާފަ އެވެ. ލީގްގެ ފުރަތަމަ ބުރުގައި ގުރީން ސްޓްރީޓާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވެސް ވިކްޓަރީގެ ޓީމު ހަމަނުވުމުން އެ ޓީމު މެޗު ކުޅެފަ އެއް ނުވެ އެވެ. އެންމެ ފަހުން އެ ޓީމު ކުޅުނު ދެ މެޗުގައި ވެސް ކޮށްލާނެ ބަދަލެއްވެސް ބެންޗުގައި ނެތެވެ. ފ. ނިލަންދޫ އާއި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި ވިކްޓަރީން 11 ކުޅުންތެރިން ހަމަ ކުރީ ގޯލްކީޕަރުން ވެސް އައުޓްފީލްޑް ކުޅުންތެރިންގެ ގޮތުގައި ހިމަނައިގެންނެވެ.

މާލީ މައްސަލަތަކާހުރެ ގަވައިދުން މުސާރަ ނުދޭތީ ވިކްޓަރީގެ ބައެއް ކުޅުންތެރިން ވަނީ ޕްރެކްޓިހަށް ނުކުތުން ހުއްޓާލާފަ އެވެ. މިދިޔަ މަހު ނޭލްޕާގައި ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަ ކުރި ގައުމީ ޓީމުގައި ވިކްޓަރީގެ ހަތަރު ކުޅުންތެރިކު ހިމެނޭތީ ވިކްޓަރީން ވަނީ އޭރު، އެ ޓީމު މާލެ އަންނަން ދެން އެ ޓީމު ކުޅޭ މެޗުތައް ފަސް ކޮށްދިނުމަށް އެދިފަ އެވެ.

އެ ސިޓީއަށް އެފްއޭއެމުން ފޮނުވާފައިވާ ޖަވާބުގައި ބުނެފައި ވަނީ ފުރަތަމަ ޑިވިޝަންގެ އެހެން ކުލަބުތަކުގައި ވެސް 19 އަހަރުން ދަށުގެ ޓީމަށް ނިސްބަތްވާ ކުޅުންތެރިން އެބަތިބި ކަމަށެވެ. އެހެންވެ ހަމައެކަނި ވިކްޓަރީގެ މެޗުގެ ޝެޑިއުލްއަށް ބަދަލު ގެނައުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށެވެ.

ދެކުނު އޭޝިއާގެ އުމުރުފުރާތަކުގެ މުބާރާތުން ފުރަތަމަ ފަހަރަށް ރާއްޖެއަށް މެޑަލް ހޯދައިދިން 19 އަހަރުން ދަށުގެ ގައުމީ ޓީމު އެނބުރި އައި ނަމަވެސް ވިކްޓަރީގެ ޓީމު މިއަދުވެސް ހަމަވާ ގޮތެއް ނުވި އެވެ.

ގުރީން އާ ދެކޮޅަށް ކުޅެން އޮތް މެޗަށް ހާޒިރު ނުވުމުން ވިކްޓަރީ 40،000 ރުފިޔާއިން ޖޫރިމަނާވެސް ކުރި އެވެ. އެހެންނަމަވެސް އެ ފައިސާ ދެއްކި ކަމެއް އެނގިފައެއް ނުވެ އެވެ.