ދިވެހި ޕްރެމިއާ ލީގް

ސައްޓުގެ ލަނޑުތަކުން ޓީސީން ފެށުން ރަނގަޅު ކޮށްފި

އިޝާން އިބްރާހިމް (ސައްޓު) ކާމިޔާބު ކުރި ދެ ލަނޑާއެކު، 3-0 ން ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކާމިޔާބު ހޯދައި ޓީސީން ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ބުރުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

މާލީ ގޮތުން އުނދަގޫ ހާލަތެއްގައި އޮތް މި ދެ ޓީމުގެ ތެރެއިން، ޓީސީއަށް މެޗު އަނބުރާލުމުގައި އެހީއަކަށްވީ އެ ޓީމުގައި ތިބި ތަޖުރިިބާކާރު ކުޅުންތެރިންނެވެ. އެހެންނަމަވެސް ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ ވިކްޓަރީގެ ޓީމާ ދެކޮޅަށް ފުރަތަމަ ހާފުގައި ޓީސީއަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

ލަނޑު ޖަހާނެ ފުރުސަތު ޓީސީގެ ފޯވަޑުންނަށް ލިބުނެވެ. މެޗުގެ ތިން ވަނަ މިނެޓްގައި ޓީސީގެ ނޭޕާލްގެ ގައުމީ ޓީމުގެ ފޯވަޑް ބިމާލް މަގަރުއަށް ވަނީ ލަނޑު ޖާހަނެ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ޓީސީގެ ކުޅުންތެރިން އޭނާ އަށް ތަނަވަސްކޮށްދިން ބޯޅައިގައި ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ގޯލްގެ ތިރީ ކަނަށް އަމާޒުކޮށްގެން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލައާ އިންޗިހެއްހައި ދުރުން ދަނޑި ކައިރިން ބޭރަށެވެ.

ޓީސީގެ ފުރަތަމަ ލަނޑު މެޗުގެ 54 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ޑިފެންޑަރު އަކުރަމް އަބްދުލް ގަނީ އެވެ. އަކުރަމް އާއި ސައްޓު ލަނޑު ޖެހީ ދެ ކުޅުންތެރިންގެ ކޮމްބިނޭޝަން ބޭނުންކޮށްގެން އުފެދި ހަމަލާ އަކުންނެވެ.

ޓީސީގެ ދެ ވަނަ ލަނޑު ސައްޓު ކާމިޔާބު ކުރީ އޭގެ 10 މިނެޓް ފަހުންނެވެ. އެ ލަނޑު ޖެހުމުގައިވެސް އަކުރަމްގެ ހިއްސާ އޮތެވެ. ސައްޓު އޭރިއާ ތެރެއަށް ވަދެފައި ދިން ބޯޅަ އޭނާ ދިނީ ގޯލްގެ އަރިމައްޗަށް ވާކަހަލަ ގޮތަކަށް ހުރި އަކުރަމް އަށެވެ. އަކުރަމްއަށް ދިން ބޯޅަ އޭނާ އަނެއްކާވެސް ދިނީ ސައްޓު އަށެވެ. އެ ބޯޅަ ޕެނަލްޓީ އޭރިއާގެ މެދު ތެރޭގައި ހުރެފައި އޭނާ ވަނީ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.

ސައްޓު އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 69 ވަނަ މިނެޓްގަ އެވެ. އޭރިއާގެ ތެރެއަށް ބޯޅަ ހިފައިގެން ވަދެ، ގޯލްގެ ތެރެއަށް ވައްދާލީ ވިކްޓަރީގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު އެވެ.

މި މޮޅާއެކު ޓީސީ ވަނީ 16 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނަ މަގާމަށް ޖެހިލާފަ އެވެ. ފުރަތަމަ ބުރު ނިމުނުއިރު ދެ ވަނައިގައ އޮތް ގުރީން ސްޓްރީޓާއި އީގަލްސް މިރޭ ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް އެ ޓީމަކަށް ތާވަލުގެ ދެ ވަނަ މަގާމު ލިބޭނެ އެވެ.