ދިވެހި ޕްރެމިއާ ލީގް

އަނެއްކާވެސް ވިނަގަނޑު ހަލާކުވެއްޖެ، މެޗުތައް ކެންސަލް ނުކުރާނެ

ގައުމީ ފުޓްބޯޅަ ދަނޑުގެ ވިނަގަނޑު ހަލާކު ވެފައިވީ ނަމަވެސް ދިވެހި ޕްރިމިއާ ލީގް މެޗުތައް ފަސް ނުކުރަން އެފްއޭއެމުން ނިންމައިފި އެވެ.

ދަނޑުގެ ވިނަ ގަނޑު ހަލާކުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތަށް ތަން ތައްޔާރު ކުރަން ޖެހުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ގަލޮޅު ދަނޑުގައި ހުވާ ކުރުމުގެ ދަރުބާރެއް ހެދުމަށް ހަތް ދުވަހުގެ މުއްދަތެއް ނަގާފަ އެވެ. އެކަމާ ގުޅިގެން ދަނޑުގެ ވިނަގަނޑު ވަނީ ހަލާކު ވެފަ އެވެ.

މިއީ މި އަހަރު ދަނޑުގެ ވިނަގަނޑު ހަލާކުވި ދެ ވަނަ ފަހަރެވެ. މިދިޔަ ތިން އަހަރު ތެރޭ ކޮންމެ އަހަރަކު ގަލޮޅު ދަނޑުގައި އެކި ހަރަކާތްތައް ބޭއްވުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ދަނޑުގެ ވިނަ ގަނޑު ހަލާކުވެ އެވެ. މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައްތަކަށް ދަނޑު ބޭނުން ކުރުމުގެ ސަބަބުން ވިނަގަނޑު ހަލާކު ވެފައި ވުމުން އެފްއޭއެމް ވަނީ އޭރު ކުޅެން ހަމަޖެހިފައި އޮތް މެޗުތައް ކެންސަލް ކޮށްފަ އެވެ.

ހުވާ ކުރުމުގެ ދަރުބާރު ތައްޔާރު ކުރުމަށް ދަނޑު ބޭނުންކޮށް ނިމުނު އިރު ވިނަގަނޑު އޮތީ ޕްރިމިއާ ލީގެއް ކުޅުވޭ ފެންވަރެއްގައެއް ނޫނެވެ. އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، މެޗުތައް ކެންސަލު ނުކުރާނެ ކަމަށެވެ.

"ކުލަބުތައް ވެސް ބޭނުން ވަނީ ކުޅެން އެހެންވީމަ މިއަދު އަލުން މެޗުތައް ފަށާނެ." ޖަވާޒު ވިދާޅުވި އެވެ.

ކުލަބެއްގެ އޮފިޝަލަކު ބުނީ، ސީޒަން އޮތް ހިސާބުން މެޗުތައް ކެންސަލް ކޮށްފިނަމަ ކުލަބުތަކަށް އިތުރު އުނދަގޫތަކެއް ކުރިމަތި ވާނެ ކަމަށެވެ.

"ރަނގަޅު ކޮންޑިޝަަނެއްގައި އޮތް ދަނޑެއްގައި ކުޅެން ކުޅުންތެރިންވެސް ބޭނުން ވާނެ،" އޮފިޝަލް ބުންޏެވެ. "ނަމަވެސް މިހާރު މިއޮތީ މެޗުތައް ކެންސަލް ކޮށްގެން ދަނޑުގެ ވިނަގަނޑު ރަނގަޅު ވަންދެން މަޑުކޮށްގެން ތިބޭ ކަހަލަ ވަގުތެއްގައެއް ނޫން."

ލީގްގައި، މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ، ކުލަބު އީގަލްސް އާއި ވިކްޓަރީ ސުޕޯޓްސް ކުލަބެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ މާޒިޔާ އާއި ފޯކައިދޫ އެވެ. މާދަމާ ހަވީރު ޓީސީ ނިކުންނާނީ، ފ. ނިލަންދުއާ ދެކޮޅަށެވެ. މާދަމާ ރޭގެ މެޗުގައި ނިއު ރޭޑިއަންޓާއި ކުލަބު ގުރީން ސުޓްރީޓެވެ.

ލީގްގައި ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ ތިން މެޗެވެ. ލީގްގެ އެއް ވަނައިގައި ޓީސީ އޮތީ 36 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާއަށް ލިބިފައި ވަނީ 31 ޕޮއިންޓެވެ.