ވިކްޓަރީ

ވިކްޓަރީ "ފޯފިޓް" ކޮށް އެހެން ޓީމުތަކަށް ޕޮއިންޓް

މައްސަލަތައް ހައްލު ކުރުމަށް މިއަދާ ހަމައަށް ވިކްޓަރީއަށް ދިން ފުރުސަތު ހަމަވިއިރުވެސް މައްސަލަ ހައްލު ކޮށްފައި ނުވުމުން ވިކްޓަރީ ސަސްޕެންޑްކޮށް އެ ޓީމުގެ މެޗުތައް ފޯފިޓްކޮށް އެފްއޭއެމުން އާ ޝެޑިއުލް ނެރެފި އެވެ.

ވިކްޓަރީ ސަސްޕެންޑް ކޮށްފައިވާ ކަމަށް އެފްއޭއެމްގެ ބައެއް އޮފިޝަލުން މީޑިއާގައި ބުނެފައި ވީނަމަވެސް، އެ އެސޯސިއޭޝަނުން ވަނީ މިއަދާ ހަމައަށްވެސް މައްސަލަ ހައްލު ކުރުމަށް ފުރުސަތު ދީފަ އެވެ. އެހެންނަމަވެސް އެ ޓީމުގެ މައްސަލަތައް ހައްލު ކޮށްފަ އެއް ނުވެ އެވެ. އެއީ ކުލަބު ލައިސެންސިންގައި ބުނާ ކުޅުންތެރިންގެ މެޑިކަލް އާއި ވޭތުވެދިޔަ ސީޒަންގައި ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ މައްސަލަ އެވެ.

އެ މައްސަލަތައް ހައްލު ވެފައި ނުވި ނަމަވެސް ލީގްގައި ވާދަ ކުރުމަށް މިއަދާ ހަމައަށް އެފްއޭއެމުން ވިކްޓަރީ އަށް ދީފައި ވަނީ ވަގުތީ ލައިސެންސެކެވެ. ދާއިމީ ކުލަބު ލައިސެންސަށް ބޭނުންވާ ކަންކަން ހަލާސް ކޮށްފައި ނުވުމުން އެފްއޭއެމުން މިއަދު ނެރުނު ޝެޑިއުލްގައި ނިންމާފައި ވަނީ ވިކްޓަރީ ކުޅެން ހަމަޖެހިފައިވާ މެޗުތައް އެ ކުލަބުން ދޫކޮށްލި ކަމަށް ނިންމައި އިދިކޮޅަށް ކުޅޭ ޓީމަށް ތިން ޕޮއިންޓާއި ފައިދާ ގޯލް ދިނުމަށެވެ.

ވިކްޓަރީއަށް އެ ހާލަތު ކަނޑައެޅުމުގެ ކުރިންވެސް އެ ޓީމުން ލީގްގައި އެންމެ ފަހުން ކުޅުނު ތިން މެޗަށްވެސް ޓީމު ހަމަކުރެވިފަ އެއް ނުވެ އެވެ. ލީގްގައި ކުރިއަށް ހުރި މެޗުތައް ނުކުޅެވުނު ނަމަވެސް ރެލިގޭޝަން ޕްލޭޮފް އަށް ވާއިރަށް މައްސަލަތައް ހައްލު ކޮށްފިނަމަ ރެލިގޭޝަންގެ ޕްލޭއޮފް ކުޅުމުގެ ފުރުސަތު ވިކްޓަރީއަށް ދޭނެ އެވެ.

ސަސްޕެންޑް ނުކޮށް މެޗުތައް ކުޅޭވޭ ގޮތަށް އޮތް ނަމަވެސް އެ ކުލަބަށް ޓީމު ހަމަ ކުރެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ސަސްޕެންޑްގެ ހާލަތު ކުރިމަތި ވިއިރު އެ ޓީމު ސަލާމަތް ކުުރުމަށް މިހާރުގެ މެނޭޖުމެންޓުން އެދެވޭ މަސައްކަތްތަކެއް ކޮށްފަ އެއް ނުވެ އެވެ.

ކުރީގެ ފުޓްބޯޅައިގެ ގަދަ ބާރު ވިކްޓަރީ ފުޓްބޯޅައިން ގެއްލުނު އިރު، މި އަހަރު ކުރީކޮޅު އެފްއޭއެމުން ވަނީ ނިއު ރޭޑިއަންޓް ސަސްޕެންޑް ކޮށްފަ އެވެ. އަދި ކުރީގެ ގަދަ ބާރު ވެލެންސިއާ ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވެފަ އެވެ. ދެ ވަނަ ޑިވިޝަން މުބާރާތަށް އެ ޓީމު ތައްޔާރު ކުރުމަށް އެ ޓީމުގެ ލެޖެންޑް އިސްމާއީލް އާސިފް (ކުޑަހީނާ) ގެ ބެލުމުގެ ދަށުން ވަނީ މަސައްކަތް ފަށާފަ އެވެ.