ދިވެހި ޕްރެމިއާ ލީގް

ޖެހިޖެހިގެން ތިން މެޗަށް ވިކްޓަރީގެ ޓީމު ހަމަނުވި

ދިވެހި ޕްރިމިއާ ލީގްގައި، މިއަދު ފ. ނިލަންދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް ވިކްޓަރީގެ ޓީމު ހަމަ ނުވެ، ޖެހިޖެހިގެން ތިން މެޗު ވިކްޓަރީން ނުކުޅެ ދޫކޮށްލައިފި އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މި މަހުގެ 10 ވަނަ ދުވަހު ސީރިއާ އާ ދެކޮޅަށް ކުޅެން ލީގު މެދުކަނޑާލުމަށް ފަހު، އަލުން ފަށައިގެން ކުޅުނު އެއްވެސް މެޗަކަށް ވިކްޓަރީގެ ޓީމު ހަމަ ކުރެވިފައެއް ނުވެ އެވެ.

މިއަދު ނިލަންދޫއާ ދެކޮޅަށް ކުޅުނު މެޗަށްވެސް ވިކްޓަރީގެ 10 ކުޅުންތެރިން ހާޒިރުވެ ތިއްބެއެވެ. މެޗު ނުކުޅެވުނީ އެއް ކުޅުންތެރިޔަކު މަދުވުމުންނެވެ.

އެންމެ ފަހުން ކުޅެން އޮތް ދެ މެޗަށްވެސް އެ ޓީމު ހަމަ ނުކުރެވުނެވެ. އެކަމުގެ އަދަބެއްގެ ގޮތުން، އެ މައައްސަލަ ތަކުރާރު ވަމުން ދާތީ އެފްއޭއެމުން ވަނީ ވިކްޓަރީގެ އަދަބު ބޮޑުކޮށް 120،000 ރުފިޔާއިން އެ ޓީމު ޖޫރިމަނާ ކޮށްފަ އެވެ. މިހާތަނަށް މި ސީޒަންގައި އެ ޓީމުން ވަނީ ޖުމްލަ ހަތަރު މެޗު ނުކުޅެ ދޫކޮށްލާފަ އެވެ.

ވިކްޓަރީގެ ހާލަތު ރަނގަޅު ކުރުމަށް އެ ޓީމުގެ އެންމެ އިސްވެރިން އެކަށީގެންވާ މަސައްކަތްތަކެއް ކުރާތަނެއް ނުފެނެ އެވެ. މިދިޔަ ސާފް ޗެމްޕިއަންޝިޕް 18 އަހަރުން ދަށުގެ މުބާރާތުގައި ވިކްޓަރީގެ ބައެއް ކުޅުންތެރިން ޒުވާން ގައުމީ ޓީމުގައި ހިމެނޭތީ ޓީމު ހަމަ ކުރުމުގައި ގޮންޖެހުން ހުރި ކަމަށް އެ ޓީމުން ބުންޏެވެ. ގައުމީ 19 އަހަރުން ދަށުގެ ޓީމު މުބާރާތް ނިންމާފައި މާލެ އައިފަހުންވެސް ވިކްޓަރީގެ ޓީމު ހަމަނުވެއެވެ.

ސަޕޯޓަރުންގެ ބޮޑު ލޯތްބެއް ކުރިން އޮތް ވިކްޓްރީގެ މިއަދުގެ ހާލަތާ ބެހޭގޮތުން، ކުލަބުގެ އިސްވެރިން ޖަވާބުދާރީވާ ތަނެއް ނުފެނެ އެވެ.