ކުޅިވަރު

ވެލެންސިއާ ދެވަނަ ޑިވިޝަނަށް ވެއްޓިއްޖެ

ޔުނައިޓަޑް ވިކްޓަރީ އަތުން، 4-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވެ، ދިވެހި ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ޓީމު، ކުލަބު ވެލެންސިއާ ދެވަނަ ޑިވިޝަނަށް ވެއްޓިއްޖެ އެވެ.

މީގެ 39 އަހަރު ކުރިން 1979 ވަނަ އަހަރު އުފެދުނު ކުލަބު ވެލެންސިއާއަކީ ރާއްޖޭގެ ފުޓްބޯޅައަށް ތާރީހީ ބަދަލުތަކެއް ގެނައި ކުލަބެކެވެ. ރާއްޖޭގައި ފުރަތަމަ ތިރިން ޕާސްކޮށްގެން ކުޅޭ ގޭމް ސިސްޓަމެއް ތާރަފް ކުރީ ވެލެންސިއާއިންނެވެ. ކުޅުންތެރިންނަށް މުސާރަ ދީގެން، ދިވެހި ފުޓްބޯޅަ ސެމީ ޕްރޮފިޝަނަލް ކުރީ ވެލެންސިއާއިންނެވެ.

ދިވެހި ޕްރިމިއާ ލީގް އެންމެ ފުރަތަމަ މިލުކު ކުރި ޓީމަކީ ވެލެންސިއާއެވެ. ނިއު ރޭޑިއަންޓަށް ފަހު ދިވެހި ލީގްގައި އެންމެ ކާމިޔާބު ކުލަބަކީ ވެލެންސިއާއެވެ. މިހެން ގޮސް ވެލެންސިއާގެ ކާމިޔާބުގެ ލިސްޓް ދިގެވެ. ނަމަވެސް މިއަދު އެ ކުލަނު ވަނީ ރެލިގޭޓް ވެފަ އެވެ.

މާލޭ ލީގް ކޮލިފައިންގެ ޕްލޭ އޮފް ދެ ވަނަ ލެގް މެޗުގައި މިއަދު ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 ން އެއް ވަރު ވެގެންނެވެ. ފުރަތަމަ ލެގް މެޗު ޔުނައިޓަޑް ވިކްޓަރީ ކާމިޔާބު ކުރީ 2-0 ންނެވެ. އެހެންވެ ޔުނައިޓަޑް ވިކްޓަރީ ސަލަމަތްވީ 4-2 ގެ އެގްރިގޭޓް ނަތިޖާއިންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި، މިއަދު ހަވީރު ކުޅުނު މެޗުގައި، ފުރަތަމަ ދެ ލަނޑު ޖަހައި ލީޑް ނެގީވެސް ކުލަބު ވެލެންސިއާއިންނެވެ. ފުރަތަމަ ލަނޑު މެޗު ފެށިގެން އަށް ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކެޕްޓަން މުހައްމަދު ޝިފާން (ކުޑައްޓޭ) އެވެ. ދެ ވަނަ ލަނޑު މެޗުގެ 19 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، އަންސަރު އިބްރާހިމް (އަންކޮ) އެވެ.

ޔުނައިޓަޑް ވިކްޓަރީގެ ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ސެމިއުލް ކޯޑެލް އެވެ. ޔުނައިޓަޑް ވިކްޓަރީން ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ރަފޭލް ބެޓިއަމް މާޓް (ރަފީނިއާ) ކާމިޔާބު ކުރި ލަނޑުންވެ.

ދެ ވަނަ ހާފުގައި ދެ ޓީިމުގެ ފަރާތުންވެސް ފެނުނީ އާދައިގެ ކުޅުމެކެވެ. މިދިޔަ އަންގާރަ ދުވަހު ކުޅުނު ފުރަތަމަ ލެގް މެޗުގައި ޔުނައިޓަޑް ވިކްޓަރީގެ ލަނޑުތައް ކާމިޔާބު ކުރީ އަލީ ހައިޝަމް އާއި ރަފީނިއާއެވެ.