ހަބަރު

12 މެންބަރުންގެ މައްސަލައިގެ އަޑު އެހުމެއް ބުރާސްފަތި ދުވަހު ބާއްވަނީ

ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް 1 ފެބްރުއަރީގެ އަމުރުން ނިންމި ނިންމުން ބާތިލު ކުރުމަށް އެޓާނީ ޖެނަރަލް އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުމެއް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް އެ ކޯޓުގައި ތާވަލުކޮށްފި އެވެ.

ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ 12 މެންބަރުންގެ ގޮނޑީގެ މައްސަލައިގައި މިދިޔަ އަހަރު ޖުލައި މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލު ކުރާ ކަމަށާއި އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމިޔަސް، އެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. ނަމަވެސް އެޓާނީ ޖެނަރަލް އޮފީހުން ވަނީ އެ އަމުރުގެ އެ ބައި ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެ، 1 ފެބްރުއަރީ އަމުރުގައި 12 މެންބަރުންގެ ވާހަކަ ބަޔާން ކުރާ ބަޔަށް އަމަލު ކުރުން މަޑު ޖައްސާލައިފަ އެވެ. އެހެންކަމުން އެ 12 މެންބަރުންނަށް މަޖިލީހުގެ އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައި ނުގަނެވެ އެވެ.

ބާރަ މެންބަރުންގެ މައްސަލަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވާ އިރު އެ މައްސަލަ ބައްލަވަނީ އަލަށް އުއްތަމަފަނޑިޔާރު ކަމަށް ހަމަޖައްސާފައިވާ ޑރ. އަހުމަދު އަބްދުﷲ ދީދީއާ، ފަނޑިޔާރު އަބްދުﷲ އަރީފްއާ، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲއާ، ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު އެވެ.

ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި ވަނިކޮށް މަޖިލީހުން ވަނީ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުން ވަނީ އެ ގާނޫން ފާސް ކުރީ ރަނގަޅަށް ކަމަށް ވެސް ނިންމައިފަ އެވެ.