ކުޅިވަރު

ޔޫވީގެ މިސްރާބުން ބުނެދެނީ ނަޒީހްގެ ގުރުބާނީ

ޔުނައިޓަޑް ވިކްޓަރީ އުފެއްދީ، މިއަދު 47 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުން އަންނަ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ހިޔަނި ކުލަބެއްގެ ގޮތުގަ އެވެ. ވިކްޓަރީގެ ސީނިއާ ޓީމަށް ކުޅުންތެރިން އުފައްދާ ބީ ޓީމެއްގެ ގޮތުގައި، އެ ކުލަބުގެ އިސްވެރިން އޭރު އުފެއްދި ކުލަބަކީ ޔުނައިޓަޑް ވިކްޓަރީ އެވެ. ނަމަވެސް މިހާރު ޔޫވިކްޓަރީ އާއި ވިކްޓަރީއާ އެއްވެސް ހައިސިއްޔަތެއް ނެތެވެ.

ވިކްޓަރީގެ ހިޔަނިން ޔުނައިޓަޑް ވިކްޓަރީ ވީއްލުނުތާވެސް މިހާރު 18 ވަރަކަށް އަހަރު ވެއްޖެ އެވެ. ފުރަތަމަ ޑިވިޝަނަށް އެރުމަށް އެކިފަހަރު މަތިން މަސައްކަތް ކުރި ނަމަވެސް 2015 އަހަރާ ހަމަޔަށް ދިޔައިރުވެސް އެ ކުލަބަށް އޮތީ އެކަން ހާސިލު ނުވެ އެވެ. ޔުނައިޓަޑް ވިކްޓަރީގެ ކޯޗު ކަމާ ވިކްޓަރީގެ ކުރީ މިޑްފީލްޑާ މުހައްމަދު ނަޒީހް ހަވާލުވުމާ ހަމަޔަށް، އެކަން އޮތީ ޔޫވީއަށް ބުރަ އަދި އުނދަގޫ ކަމަކަށް ވެފަ އެވެ. ނަމަވެސް 2015 ވަނަ އަހަރު ނަޒީހް ޔުނައިޓަޑް ވިކްޓަރީގެ ކޯޗް ކަމާ ހަވާލުވެ، ދެ ވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓަޑް ވިކްޓަރީއަށް ހޯދައިދިނެވެ. އުމުރުން 44 އަހަރުވީ ކުލަބުގެ ތާރީހްގައި ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގެ ޗޭނު ގުޅެނީ ނަޒީހާ ހަމައިންނެވެ.

އެ ކުލަބަށް ފުރަތަމަ ޑިވިޝަންގެ ޖާގަ ޔަގީންކޮށް ދިން ނަމަވެސް ޖެހިގެން އައި އަހަރު އޭނާ ހަވާލުވީ އޭނާގެ ކުރީގެ ކުލަބު ވިކްޓަރީއަށެވެ. ނަމަވެސް ވިކްޓަރީގައި އޭނާ އަށް އެދެވޭ މަސައްކަތެއް ނުކުރެވުނެވެ.

އަލުން ޔޫވީގެ ކޯޗަކަށް ނަޒީހް ހަވާލުވީ، މިދިޔަ އަހަރު އެވެ. އޭރު ކޯޗަކަށް މުހައްމަދު އާތިފް (އާތީ) ކޯޗު ކަމުން އިސްތިއުފާ ދިނުމުންނެވެ. ޔުނައިޓަޑް ވިކްޓަރީއާ ދެ ވަނަ ފަހަރަށް ހަވާލުވި އިރު އަނެއްކާވެސް ނަޒީހްއަށް ޖެހުނީ ޔުނައިޓަޑް ވިކްޓަރީ ފުރަތަމަ ޑިވިޝަނާ ގުޅާލުމުގެ މަސައްކަތެވެ.

މިދިޔަ އާދިއްތަ ދުވަހު ނިމިގެން ދިޔަ، މާލޭ ލީގްގެ ކޮލިފައިންގެ ޕްލޭއޮފްގައި ފުޓްބޯޅައިގެ ކުރީގެ ގަދާ ބާރު ވެލެންސިއާ އާ ދެކޮޅަށް ނަޒީހް ނިކުތީ، ޔުނައިޓަޑް ވިކްޓަރީއަށްވެސް ފުރަތަމަ ޑިވިޝަންގެ މަގާމު ހައްގު ކަމަށް ބުނަމުންނެވެ. ވެލެންސިއާގެ މައްޗަށް 4-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައި ޔުނައިޓަޑް ވިކްޓަރީއަށް އަނެއްކާވެސް ފުރަތަމަ ޑިވިޝަންގެ ޖާގަ ޔަގީން ކޮށްދިނީ ނަޒީހެވެ.

ފުރަތަމަ ޑިވިޝަންގެ ދަތުރުގައި ޔުނައިޓަޑް ވިކްޓަރީ އާއި ނަޒީހްގެ މި ގުޅުމަށް ވަކިވުމެއް ނެތެވެ. ނަޒީހްވެސް ހުރީ އެ ކުލަބާ ވަކިނުވާން ކަމަށް އަޒުމު ކޮށްގެންނެވެ. ކޮލިފައިންގެ ކާމިޔާބަށް ފަހު އޭނާ ބުނީ، ޔުނައިޓަޑް ވިކްޓަރީ ދޫކޮށްލާފައި ދާނެ އެހެން ކުލަބެއް ނެތް ކަމަށެވެ. ނަޒީހް ބުނަނީ އޭނާއަކީ ޔުނައިޓަޑް ވިކްޓަރީގެ ކޯޗު އެކަނި ނޫން ކަމަށާއި ކުލަބުގެ ހުރިހާ ކަމެއްގައި އޭނާގެ ބައިވެރިވުން މިހާރު އޮންނާނެ ކަމަށެވެ.

"އަޅުގަނޑަކީ މި ޓީމުގެ ކޯޗު އެކަންޏެއް ނޫން، މި ޓީމުގެ ހުރިހާ ކަމެއް މިކުރަނީ އަޅުގަނޑުގެ ބައިވެރިވުން އޮވެގެން،" ނަޒީހް ބުންޏެވެ. "އެހެންވީމަ އެހެން ކޯޗަކަށް ދޫކޮށްލާފައި ދެވިދާނެ، ނޫސްވެރިޔަކު ގުޅާފަވެސް އަޅުގަނޑު ގާތު އެހި ކިހިނެއްހޭ އަޅުގަނޑުގެ ކުރިމަގު އޮތީ، ކުރިމަގު އޮތީ ޔޫވީން ބޭނުން ނެތިގެން ދޫކޮށްލާ ހިސާބުން ފެށިގެން ނޫނިއްޔާ ދެން ޔޫވީން ދޫކޮށްފަ ދިއުމެއް ނެތް."

"އަޅުގަނޑުގެ ވަރަށް ބައިވަރު (ގުރުބާނީ) ޔޫވީ އަކީ، މި ޓީމު ފަސްޓް ޑިވިޝަނަށް އެރީވެސް އަޅުގަނޑުގެ ބުރަ މަސައްކަތުން، ދެން މި ދޫކޮށްލާފައި ހަވާލުވާނެ އެހެން ކުލަބެއް ނޯންނާނެ."


ނަޒީހްގެ ކޯޗު ކަމުގެ ދަށުން ޔޫވީ އަށް ފުރަތަމަ ޑިވިޝަންގެ ޖާގަ އަނެއްކާވެސް ޔަގީން ވެއްޖެ އެވެ. ނަމަވެސް ފުރަތަމަ ޑިވިޝަންގައި ވާދަވެރި ކަމާއެކު ކުރިއަށް ދާން ބޭނުން ނަމަ ޔޫވީއަށް ބަދަލު އަންނަން ޖެހެ އެވެ. ފުރަތަމަ ޑިވިޝަންގެ ފުރަތަމަ އަހަރު ގަދަ ހަތަރެއްގެ ތެރޭގައި ނިންމާ ލެވުނު ނަމަވެސް އޭގެ ފަހުން އަނެއްކާވެސް އެކުލަބު ފެންނަނީ އަޑިއަޅާލާފައިވާ މަންޒަރެވެ. މިހާލަތު ބަދަލު ކުރަން ޖެހެ އެވެ.

މިދިޔަ އަހަރު މީޑިއާގައި ވާހަކަ ދައްކަމުން ނަޒީހް ބުނެފައި ވަނީ ޔުނައިޓަޑްގެ ވިކްޓަރީ ވަރުގަދަ ކުލަބަށް ހެދުމުގެ މަސައްކަތް ކުރުމަށް، އެކުލަބުގެ މެނޭޖްމެންޓާ ރަނގަޅު ބޭފުޅަކު ހަވާލުވާން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރަނގަޅު ފެންވަރުގެ ލޯކަލް ކުޅުންތެރިން ހޯދުމުގެ ވިސްނުންވެސް ކުލަބުގެ މެނޭޖްމެންޓުން ގެންގުޅޭ ކަމަށް ނަޒީހް އޭރު ބުންޏެވެ. ނަމަވެސް މި އަހަރު އެކަން ނުފެނުނެވެ. ދިވެހި ޕްރިމިއާ ލީގްގައި ވާދަވެރި ކަމާއެކު ކުޅޭ ކުލަބަކަށް ޔުނައިޓަޑް ވިކްޓަރީ ވާން ޖެހެ އެވެ.