ދިވެހި ޕްރެމިއާ ލީގް

ގުރާންޑޭ ބަލިކޮށް ޔޫވީ ފުރަތަމަ މޮޅު ހޯދައިފި

ގުރާންޑޭ ސްޕޯޓްސް ކުލަބުގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޔުނައިޓެޑް ވިކްޓަރީން މި ސީޒަންގައި ފުރަތަމަ ފަހަރަށް މޮޅު ވެއްޖެ އެވެ.

ޔޫވީން ދިވެހި ޕްރިމިއާ ލީގްގައި ކުރިން ކުޅުނު 11 މެޗުގެ ތެރެއިން އަށް މެޗުން ވަނީ ބަލި ވެފަ އެވެ. ތިން މެޗުން އެއްވަރުވެ، އެ ޓީމު އޮތީ ފުލުގަ އެވެ. މިއަދު ހަވީރު ކުޅުނު މެޗުން މޮޅުވެ ޖުމުލަ ހަ ޕޮއިންޓް ހޯދިނަމަވެސް އެ ޓީމަށް ވުރެ މަތީގައި އޮތް ކުލަބު އީގަލްސް އާ ދެމެދު ހަ ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ. އީގަލްސް އަތުގައި ބާކީ ދެ މެޗު އެބައޮތެވެ.

މެޗުގައި ދެ ލަނޑު ޖެހައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ޔޫވީގެ ފޯވަޑް އިސްމާއީލް އީސާ ބުނީ، ޔޫވީގެ މަގާމު ޕޮއިންޓް ތާވަލުގައި ބަދަލު ވާނެ ކަމަށް އޭނާއަށް އުންމީދު ކުރެވޭ ކަމަށެވެ. "މި މޮޅަކީ ފެށުމެއް، ފުރަތަމަ މެޗު މި ނެގުނީ. ﷲ އިރާދަ ކުރެއްވިއްޔާ އަޅުގަނޑަށް ވަރަށް ބޮޑަށް އުންމީިދު ކުރެވޭ މީތި ރަނގަޅަށް ދާނެކަން."

ޔޫވީއަށް އަބަދުވެސް ޖެހެނީ ބައިކޮޅަށް ގޯލެއް ވަނުމުން އެއް ގޯލް ފަހަތުގައި އޮވެގެން ދުވަން ކަމަށް އީސަ ޕޯސްޓް މެޗު ޕްރެސްގެ ސިފަ ކުރި އެވެ. މިއަދުގެ މެޗުގައިވެސް ވީ އެކަހަލަ ގޮތެވެލެވެ. މެޗު ފެށިގެން ދެ ވަނަ މިނެޓްގައި ގުރާންޑޭއިން ލީޑް ނެގި އެވެ. އެހެންނަމަވެސް ޔޫވީން އެނބުރި އައެވެ. ގުރާންޑޭގެ ލަނޑު ކާމިޔާބު ކުރީ މުހައްމަދު ޝަހާއު (ބޭލް) އެވެ.

މެޗުގެ 34 ވަނަ މިނެޓްގައި ޔޫވީން ނަތީޖާ ހަމަހަމަ ކުރި އެވެ. ގުރާންޑޭގެ ހާފުގެ ތެރެއިން ލިބުނު ހިލޭ ޖެހުން އަނަޓޮލީ ވުލާސިޗޭވް ނަގައި ދިނުމުން އީސަ ވަނީ ގޯލްގެ ތެރެއަށް ބޮލުން ވައްދާލާފަ އެވެ. އޭގެ ހަތަރު މިނެޓް ފަހު އީސަ ތަނަވަސް ކޮށްދިން ފުރުސަތަކުން އަނޮޓޮލީ ލަނޑު ކާމިޔާބުކޮށް ނަތީޖާ ޔޫވީގެ ކޮޅަށް އަނބުރާލި އެވެ.

ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ގުރާންޑޭގެ އަހްރޯރު އުމަރުޖަނޯވް އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ލިބިފަ އެވެ. އެހެންނަމަވެސް ޔޫވީގެ ޑިފެންޑަރު އެ ބޯޅަ ދިފާއު ކުރި އެވެ.

ޔޫވީގެ ތިން ވަނަ ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބު ކުރީ އީސަ އެވެ. މިފަހަރުސް އޭނާއަށް ލަނޑު ޖަހަން ތަނަވަސް ކޮށްދިނީ އަނޮޓޮލީ އެވެ. މެޗުގައި އީސަ އާއި އަނަޓޮލީގެ ކޮމްބިނޭޝަން ވަރަށް ރަނގަޅަށް ފެނިގެން ދިޔަ އެވެ. ހަތަރު ވަނަ ލަނޑު އަނަޓޮލީ ކާމިޔާބު ކުރީ އީސަ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ޔޫވީގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނީ މެޗުން ޔޫވީ މޮޅުވީ އީސަ އާއި އަނަޓޮލީގެ ހިއްސާ އާ އެކު، ޓީމުން ރަނގަޅު ހަމަލާތަކެއް ކުރިއޭޓް ކޮށްގެން ކަމަށެވެ.

"މިއީ ލަނޑު ޖަހަން ލިބުނު ފުރުސަތުތަކެއް ނޫން. މިއީ ޔޫވީން ކުޅެގެން ކްރިއޭޓް ކުރި ފުރުސަތުތަކެއް،"