ދަ ގުރާންޑޭ ސްޕޯޓްސް ކުލަބު އަތުން 2-1 ން ބަލިވެ، ދިވެހި ޕްރިމިއާ ލީގްގެ ފުރތަމަ ބުރު މޮޅެއް ނުހޯދި ނިންމާލައިފި އެވެ.
ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ޔޫވީ އަށް ހޯދުނީ ތިން ޕޮއިންޓެވެ. އެއީ ތިން މެޗުން އެއްވަރު ވުމުން ލިބުނު ތިން ޕޮއިންޓެެވެ. އަށް ޓީމު ވާދަ ކުރާ ލީގްގައި ޔޫވީ އޮތީ އެންމެ ފުލުގަ އެވެ. ދަ ގުރާންޑޭ މެޗުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު އެ ޓީމު ވަނީ ވެލެންސިއާ އާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފަ އެވެ. ދެ ޓީމަށްވެސް މިހާރު ލިބިފައި ވަނީ 12 ޕޮއިންޓެވެ. ވެލެންސިއާއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ދެ ޓީމުގެ ހެޑް ހެޑަށް ބަލާއިރު މިދިޔަ ހަފުތާގައި ގުރާންޑޭއިން ވަނީ ވެލެންސިއާ ބަލި ކޮށްފަ އެވެ.
މިރޭގެ މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ދަ ގުރާންޑޭއިން ނެވެ. އެ ޓީމުގެ ކެޕްޓަން ޔަޝްފާދު ހަބީބު (މުލަކޭ) ލަނޑު ޖެހީ ޔޫވީގެ ޑިފެންޑަރު މަރަތު އަޒްނިޒާވް އަޑް ހެދުނު ބޮޑު މިސްޓޭކެއްގެ ފައިދާ ނަގައިގެންނެވެ. ޔޫވީގެ ހާފުގެ ތެރެއިން އޭނާއަށް ލިބުނު ބޯޅަ ކުރިއަށް ފޮނުވާ ނުލެވިގެން އުޅެނިކޮށް، ވަރަށް ބޮޑަށް ޕްރެސް ކޮށްގެން ކުޅެމުން ގެންދިޔަ ދަ ގުރާންޑޭގެ މުލަކޭ ވަނީ މަރަތު ފައިދަށުގައި އޮތް ބޯޅަ ހޯދައި އޭނާގެ ސްޕީޑް ބޭނުން ކޮށްގެން ދުވެފައި ގޮސް އޭރިއާ ތެރެއަށް ވަދެ ގޯލްގެ ކަނަށް ބޯޅަ ވައްދާލާފަ އެވެ.
ޔޫވީން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ގުރާންޑޭގެ ހާފުގެ ތެރެއިން، ގުރާންޑޭއަށް ކުރިން ކުޅުނު ޔޫވީގެ މިހާރުގެ ފޯވަޑް އަހަމްދު ނިޒާމް (ނިޒާންބެ)، އީސްމާއީލް އީސާއަށް ދިން ބޯޅަ، އޭރިއާގެ ބޭރުގައި ހުރެފައި އީސަ ވަނީ، ގުރާންޑޭގެ ޑިފެންޑަރުންގެ ތެރެއިން އޭރިއާގެ ތެރެއަށް ތުރޫ ޕާހެއް ދީފަ އެވެ. އަލީ ހަމްދާން (އައްޔަ) ކުރިއަށް އަރައި އެ ބޯޅަ ވައްދާލީ ގޯލްގެ ތެރެއަށެވެ.
މި މެޗުގައިވެސް ގުރާންޑޭ މޮޅު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ، އަޔާޒު އަހްމަދު (އަޔާ) އެވެ. މި ސީޒަންގައި އޭނާގެ މުހިންމުކަން ގުރާންޑޭއަށް ވަނީ ބޮޑު ވެފަ އެވެ. ގުރާންޑޭގެ އަހްރާރު އުމަރުޖަނޯވް އޭރިއާގެ ތެރެއިން އަރައި ބޯޅަ ގޯލް ކުރިމައްޗަށް ހުރަސްކޮށް ދިނުމުން އަޔާ ވަނީ ބޯޅައަށް އަރައި ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.
މެޗުގެ އެންމެ ފަހު މިނެޓްގައި ގުރާންޑޭއަށް ވަނީ އެ ޓީމުގެ ލީޑް ފުލާ ކުރަން ޕެނަލްޓީއެއް ލިބިފަ އެވެ. އަޔާ ހުސްކޮށް އަރައި ބޯޅަ ފޮނުވާލަން އުޅުމުން އޭރިއާގެ ތެރެއިން ޔޫވީގެ ކީޕަރު ރުސްލާން އަމީރޯވް ވަނީ އޭނާ އަށް ފައުލު ކޮށްފަ އެވެ. ލިބުނު ޕެނަލްޓީ ފޮނުވާލަން، ގުރާންޑޭގެ ކީޕަރު ފުރުސަތު ދިނީ، އެ ޓީމަށް ލިޑް ނަގައިދޭން އެހީތެރިވި ފޯވަޑް އުމަރުޖަނޯވް އަށެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ޔޫވީގެ ކީޕަރު އާމިރޯވް ސޭވް ކުރި އެވެ.