ދިވެހި ޕްރެމިއާ ލީގް

ގުރާންޑޭއަށް ދެ ރަތްކާޑު، ގުރީންއަށް ދެލަނޑުގެ މޮޅެއް

ދިވެހި ޕްރިމިއާ ލީގްގައި ދަ ގުރާންޑޭ އަށް ދެ ރަތް ކާޑު ދައްކި މެޗުގައި 2-0 ން އެ ޓީމުގެ މައްޗަށް ކުލަބު ގުރީން ސްޓްރީޓްސް އިން ކާމިޔާބު ހޯދައިފި އެވެ.

ފުރަތަމަ ހާފުގައި ގުރާންޑޭ އަހްމަދު ވިޖުދާން (ވިޖޫ) އާއި އަލީ އިފާޒު (އިފައްޓޭ) އަށް ވަނީ ރަތް ކާޑުދައްކައި ދަނޑުން ފޮނުވާލާފަ އެވެ. ވިޖުދާންއަށް މެޗުގެ 13 ވަނަ މިނެޓްގައި ރަތް ކާޑު ދެއްކީ، ގުރީންގެ އަންސަރު އިބްރާހިމް (އަންކޮ) އަށް ހުސްކޮށް ލިބުނު ބޯޅަ ތަނަވަސްކޮށްލާފައި އޭރިއާ ތެރެއަށް ވަންނަން އުޅުމުން އުޅުން ކުރި ފައުލާ ގުޅިގެންނެވެ.

ވިޖުދާން ވަނީ ފަހަތުން އައިސް އަންސަރުގެ ގައިގައި ހިފަހައްޓައި އޭނާ ވައްޓާލާފަ އެވެ. ލާސްޓް މޭންގެ ގޮތުގައި ލަނޑު ޖަހަން ލިބުނު ފުރުސަތެއްގައި ފައުލު ކުރި ކަމަށް ބަލައި މެޗުގެ ރެފްރީ ހުސައިން ޒަހީރު ވަނީ ވިޖުދާންއަށް ވަގުތުން ރަތް ކާޑު ދައްކާފަ އެވެ.

މެޗުގައި ގުރީން އިން ވަނީ 33 ވަނަ މިނެޓްގައި އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަބްދުﷲ ޔާމީން (ޔާން) އަށް އޭރިއާގެ އަރިމަތިން ލިބުނު ބޯޅަ ކޮންޓްރޯލް ކޮށްލައި އޭނާ ބޯޅަ ނަގައިދިނީ އޭރިއާގެ ތެރޭގައި ހަަސަން ނަޒީމް (ޗޯޓް) އާއި އަންސަރު ވެސް ހުރުމުންނެވެ. ޔާން ނަގައިދިން ބޯޅަ ޗޯޓްއަށް ލިބުނީ ބޯޅަ ދިފާއު ކުރަން ގުރާންޑޭގެ ޑިފެންޑަރުންނަށް ފުރުސަތުވެސް ލިބިފައ ވަނިކޮށެވެ. އެހެންނަމަވެސް އެ ޓީމުގެ ދެ ޑިފެންޑަރުންގެ ފައިގައިވެސް ބޯޅަ ލައްވައި ނުލައި ބޯޅަ ޗޯޓް ލިބިގަތެވެ. ދަ ގުރާންޑޭގެ ޑިފެންޑަރުން ކައިރިން ނައްޓާލާފައި އޭނާ ފޮނުވާލީ ގޯލްގެ މަތީ ކަނަށެވެ.

އިފައްޓޭއަށް ރަތް ކާޑު ދެއްކީ، ހިތްހަމަ ނުޖެހިގެން ރެފްރީ އާ ދިމާލަށް ބުނި އެއްޗަކުންނެވެ. ގުރާންޑޭގެ ކުޅުންތެރިން ހިތްހަމަ ނުޖެހުނީ، އެ ޓީމުގެ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުމެއް ގުރީންގެ ޔާން ރެފްރީ ކަށިގަނޑު ނުފެނިސް ބޯޅަ ފޮނުވާލުމުން، ރެފްރީ އަކަމާ މެދު އެހެން ގޮތަކަށް އަމަލު ނުކުރުމުންނެވެ. ޔާން ބޯޅަ ފޮނުވާލިއރު ގުރާންޑޭގެ ކީޕަރު އިޔާން ވެސް ހުރީ ފާރެއްހެން އެތުރިގެން ތިބި ކުޅުންތެރިން ތަރުތީބު ކުރަން އިރުޝާދު ދޭން ގޯލްގެ ދަނޑި ކައިރީގަ އެވެ. ގުރާންޑޭގެ ކީޕަރާއި ކުޅުންތެރިން ތައްޔާރު ނުވަނީސް ބޯޅަ ފޮނުވާލުމުން، އެ ޓީމުގެ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. އެ ހިތްހަމަ ނުޖެހުމުގެ ތެރޭގައި އިފައްޓޭ ރެފްރީ އާ ދިމާލަށް ބުނ އެއްޗަކުން އޭނާއަށް ރަތް ކާޑު ދެއްކި އެވެ.

ގުރާންޑޭގެ ކުޅުންތެރިން ރެފްރީގެ ނިންމުމާ މެދު ހިތްހަމަ ނުޖެހި ޝަކުވާ ކުރަން ފެށި އެވެ. ކުޅުން އަލުން ފަށަން އެންގުމުންވެސް ގުރާންޑޭގެ ކުޅުންތެރިން ދިޔައީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. ކުޅުން ފެށުމަށް ތަކުރާރުކޮށް ރެފްރީ އެންގި އެވެ. ނަމަވެސް ގުރާންޑޭގެ ކުޅުންތެރިން ހިތްހަމަ ނުޖެހުންތައް ހުއްޓމެއް ނެތި ފާޅު ކުރަން ފެށުމުން ރެފްރީ ދަނޑުން ފައިބާންވެސް އުޅުނެވެ. އެ ޓީމުގެ ކުޅުންތެރިން ކޮންޓްރޯލް ވީ، ޓީމު ހަމަޖެހުމަށް، ކޯޗް އިސްމާއީލް މަހްުފޫޒު އިރުޝާދު ދޭން ފެށުމުން

ދެ ވަނަ ހާފުގައި ނުވަ ކުޅުންތެރިންނާ އެކު ގުރާންޑޭ ކުޅެން ޖެހުނުނަމަވެސް އެ ޓީމުގެ މައްޗަށް ތަފާތު ނަތީޖާއެއް ގުރީންއަކަށް ނުނެރެވުނެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 79 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުހައްމަދު ރިޝްވާން (ފުކޭ) އެވެ.