އިރާގްގެ ފޯވަޑް، އުބައިދާ ޚަދޫމް އަހްމަދު ކާމިޔާބު ކުރި ހެޓްރިކާއެކު، 5-2 ން ގުރީން ސްޓްރީޓްސްގެ މައްޗަށް ކާމިޔާބު ހޯދައި ދަ ގްރާންޑޭއިން ގުރީން އާ ކައިރިއަށް ޖެހިލައިފި އެވެ.
މިރޭ ދަ ގްރާންޑޭއިން ހޯދި މޮޅާއެކު އެ ޓީމުން ވަނީ ހަތަރު ވަނައިގައި އޮތް ގްރީން އާ ދެ ޕޮއިންޓަށް ކައިރި ކޮށްފަ އެވެ. ގްރީން އަށް ލިބިފައި ވަނީ 26 ޕޮއިންޓެވެ. މިރޭ ހޯދި ތިން ޕޮއިންޓުން ގްރާންޑޭ ވަނީ 24 ޕޮއިންޓް ހޯދާފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ގްރާންޑޭގެ ކޯޗް، އިސްމާއީލް މަހްފޫޒް (އިންމަ) ބުނީ، ގަދަ ހަތަރަކަށް ވަންނަން ދަ ގްރާންޑޭއިން ޓާގެޓް ހިފާފައި ހުރިިއިރު މެޗަކީ ކޮންމެހެން ކާމިޔާބު ކުރުން މަޖުބޫރު މެޗެއްގެ ގޮތުގައި ކުޅުންތެރިންނަށް ވިސްނައިދީފައި ވާނެ ކަމަށެވެ. އަދި ބަދަލުތައް ވެސް ގެނައީ، ޓީމަށް އެންމެ ރިސްކު ކުޑަ ވާނެ ގޮތަށް ކަމަށެވެ.
"މި މެޗުން މޮޅުވާން ކުޅުންތެރިންގެ ކޮމިޓްމެންޓް، ކުރި މަސައްކަތް، ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ،" އިންމަ ބުންޏެވެ. "އިރާދަ ކުރެއްވިއްޔާ ރަނގަޅު ޕާފޯމްކޮށްގެން ރަނގަޅު ނަތީޖާ އަކުން މޮޅުވީމަ ވަރަށް ހިތްހަމަޖެހޭ."
މެޗުގައި ގްރާންޑޭގެ އުބައިދާ ވަނީ ހަތަރު ލަނޑު ޖަހާފަ އެވެ. އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 14 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު ޖެހީ 28 ވަނަ މިނެޓްގަ އެވެ. ތިން ވަނަ ލަނޑު 52 ވަނަ މިނެޓްގަ އެވެ.
ގުރީންގެ ކޯޗް އަލީ ސުޒޭން ބުނީ، ފުރަތަމަ ތިން ގޯލް ވަދެގެން ދިޔައީ ޑިފެންސަށް ހެދުނު އާދައިގެ މިސްޓޭކުތަކުގެ ސަބަބުން ކަމަށެވެ. ގުރީންގެ މުހިންމު ބައެއް ކުޅުންތެރިން އެހެން ޓީމުތަކަށް ދޫކޮށްލާފައިވާއިރު އެ ޓީމުގައި އޮތީ ނިސްބަތުން ޒުވާން ސްކޮޑެކެވެ. ސުޒޭން ބުނީ ގުރީންގެ މޯޓީވޭޝަން ފެނުނީ އާދައިގެ ގޮތަކަށް ކަމަށެވެ.
ހެޓްރިކް ހެދިތާ، އަށެއްކަ މިނެޓް ފަހުން އުބައިދާ ވަނީ ގްރާންޑޭގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ 70 ވަނަ މިނެޓްގައި ގުރިންގެ މުހައްމަދު ރިޝްވާން (ފުކޭ) އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރި އެވެ. އޭގެ ނުވަ މިނެޓް ފަހުން އަހްމަދު އިމާޒު (އާއްކޮ) ވަނީ ގްރާންޑޭގެ ފަސް ވަނަ ލަނޑުން ލީޑް ފުޅާކޮށްފަ އެވެ.
މެޗުގެ 87 ވަނަ މިނެޓްގައި، ގްރާންޑޭގެއިން ވަނީ ކީޕަރު މުހައްމަދު ފައިސަލްގެ ބަދަލުގައި ޒުވާން އިޔާން އަބްދުލް އަލީމަށް ފުރުސަތު ދިފަ އެވެ. އޭނާއަށް ޓަފް ސޭވެއް ކުރަން ނުޖެހުނު ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތުގައި އަހްމަދު ރަޝީދު (އަންމަޑޭ) ގުރިންގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފައި ވެއެވެ.