ދަ ގުރާންޑޭ ސްޕޯޓްސް ކުލަބުގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ކުލަބު ގުރީން ސްޓްރީޓް ލީގްގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
މި މެޗަކީ، ގުރާންޑޭ މި ސީޒަންގައި ބަލިވި ފުރުތަމަ މެޗެވެ. އަދި މިހާރު މޮޅެއް ނުލިބި އޮތް ހަމައެކަނީ ޓީމަކީ ޔުނައިޓެޑް ވިކްޓަރީ އެވެ.
މެޗު ފެށިގެން 13 ވަނަ މިނެޓްގައި ގުރީން އިން ވަނީ ލީޑް ނަގާފަ އެވެ. އެ ޓީމުގެ ލަނޑު އެންޖަލް ކެރެސްކޯ މުނޯޒް ކާމިޔާބު ކުރީ މިސްރުގެ ހަލީލް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ގުރާންޑޭގެ އޭރިއާގެ ތެރެއިން ހަލީލް ވަރަށް ބަލާލާފައި ބޯޅަ ދިނީ އޭންޖައަލް ބޯޅައަށް އަރާނެކަން އެނގިގެންނެވެ. އެންޖަލް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ދަ ގުރާންޑޭގެ ކީޕަރު އިޔާން ކައިރިން ކަޓުވާލައި ގޯލްގެ ތެރެއަށް ބޯޅަ ވައްދާލި އެވެ.
ގުރާންޑޭގެ ހަގީގީ ކުޅުން ފެނުނީ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުން ވަނީ ގުރީންގެ ގޯލަށް ނުރައްކާތެރި ގިނަ ބޯޅަތަކެއް ފޮނުވާލާފަ އެވެ. ދެ ވަނަ ހާފުގެ ކުރީ ކޮޅު ސިޒާން އަހްމަދު ނަގައިދިން ބޯޅަ ހަސަން ޝިފާން ބޮލުން ފޮނުވާލުމުން ގުރީންގެ ގޯލްގެ ދަނޑީގައި ޖެހުނެވެ. ދެ ވަނަ ހާފުގައި ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ގުރާންޑޭގެ ކެޕްޓަން ޔަޝްފާދު ހަބީބު (މުލަކޭ) އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައި ޖެހުނީ ގޯލް ލައިން މައްޗަށެވެ. ގޯލް ތެރެއަށް ބޯޅަ ވަން ކަމަށް ގުރާންޑޭގެ ކުޅުންތެރިން އެޕީލްވެސް ކުރި އެވެ.
ގުރާންޑޭގެ ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) ވެސް މެޗަށް ފަހު ވަނީ އެކަމަށް އިޝާރާތް ކޮށްފަ އެވެ. އޭނާ ބުނީ މެޗުން ބަލިވީ ގޯލެއް ޖަހައިގެން ކަމަށެވެ.
"ސްކޯ ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެންގެ ޕްލޭޔަރުން މިއަދު ކުރި ކުޅުންތެރިންގެ މޯޓިވޭޝަން އާއި ވިނިން މެންޓަލިޓީ އާ މެދު ހިތްހަމަ ޖެހޭ،" މެޗަށް ފަހު ވާހަކަ ދައްކަމުން އިންމަ ބުންޏެވެ. "ކަންތައް ދިމާވި ގޮތުން ޕޮއިންޓެއް ނުލިބި މިއަދު މި ނިންމާލަން ޖެހުނީ ގޯލެއް ޖަހައިގެން. އެހެންވީމަ މިއަދު ކުޅުންތެރިން ކުރި މަސައްކަތަށް އަޅުގަނޑު ތައުރީފް ކުރަން."
ގޯލެއް ޖަހައިގެން މޮޅުވި ކަމަށް އިޝާރާތްކޮށް ވާހަކަ ދެއްކީ މުލަކޭ ފޮނުވާލި ހަމަލާއަށްތޯ ސުވާލު ކުރުމުން އިންމަ އެއަށް ސީދާ ޖަވާބެއް ނުދެ އެވެ. މެޗުން ބަލިވިޔަސް ކުރިއަށް ހުރި މެޗުތަކުގައި ޓީމުގެ ޕާފޯމަންސަށް އަސަރު ނުކުރާނެ ކަމަށް އިންމަ ބުންޏެވެ. އޭނާ ބުނީ މެޗުން ބަލިވި ނަމަވެސް ކުޅުންތެރިންގެ ހިތްވަރަށް ބަދަލު ނާންނާނެކަން ކުޅުންތެރިން މެޗުގައި ސާބިތުކޮށް ދީފި ކަމަށެވެ.
ދެ ވަނަ ހާފުގެ ފަހުކޮޅުގައި، ގުރީން އިން ވަނީ މެޗު ލަސް ކުރުމަށް އުކުޅުތައް ބޭނުން ކޮށްފަ އެވެ. ކުޅުންތެރިން އެގޮތަށް ހެދީ އެގޮތަށް އިރުޝާދު ދީގެންތޯ ސުވާލު ކުރުމުން ގުރީންގެ ކޯޗް އަލީ ނިޝްތާރު މުހައްމަދު ބުނީ މޮޅުވުމަށްޓަކައި ބޭނުން ކުރެވެން އޮތް ހުރިހާ ފުރުސަތެއް ކުޅުންތެރިން ބޭނުން ކުރާނެ ކަމަށެވެ. ނިޝްތާރު ބުނީ މޮޅާއެކު ޓީމަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށެވެ. ލީގްގައި ކުރިއަށްދާން ވިސްނާނީ މެޗަކަށް ފަހު މެޗަކުން ކަމަށް ޒުވާން ކޯޗް ބުންޏެވެ.