ކުޅިވަރު

ހަޅުތާލުކުރި ކުޅުންތެރިންނަށް މުސާރަ ދޭނޭކަމުގެ ޔަގީންކަން ދީފި

މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ކުޅުނު ސާބިއާގެ މިލޯސް ކޮވަސިޗް އާއި ބެލަރޫސްގެ އިވާން ވެރާސް އަށް ކްލަބުން ދޭންޖެހޭ ހަތަރު މަހުގެ މުސާރަ ނުލިބޭތީ މިއަދު ހެނދުނު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާފައި ވަނިކޮށް، އެ ފައިސާ ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށް ކުޅުންތެރިން ބުނެފި އެވެ.

މިއަދު ހެނދުނު ގަލޮޅު ދަނޑުގައި މި ދެކުޅުންތެރިން ހަޅުތާލު ފެށީ ހަތަރު މަހުގެ މުސާރައާ އެކު ދެ މަހުގެ ކޮއްތު ފައިސާ ޔުނައިޓެޑް ވިކްޓްރީ އިން ހަމަޖައްސައިދީފައި ނުވާތީ އެވެ. އެކުޅުންތެރިން ބުނިގޮތުން ވިސާ ހަމަވެ އެނބުރި ގައުމަށް ދެވޭނެ މަގު ވަނީ ބަންދުވެފަ އެވެ.

ކުޅުންތެރިން ހަޅުތާލު ފެށުމާއެކު އެފްއޭއެމުން ވަނީ އެ ކުޅުންތެރިންނާއި ބައްދަލުކޮށް މުސާރައިގެ މައްސަލައިގައި ވާހަކަދައްކައިފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ކުޅުންތެރިންނާ ބައްދަލުކޮށް މުސާރައިގެ މައްސަލަ ހައްލުވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބުގެ ތެރެއިން ގަވާއިދުން މުސާރަ ދެމުން އަންނަނީ ހަމައެކަނި މާޒިޔާ އިންނެވެ. ބާކީ ހަތް ކްލަބަށް ކުޅޭ ދިވެހި އަދި ބިދޭސީ ކުޅުންތެރިންނަށް މުސާރަ ލިބުމުގައި އަބަދުވެސް ލަސްތަކެއް އުޅެ އެވެ. ކްލަބްތަކުން މުސާރަ ނުލިބިގެން މީގެ ކުރިން ދިވެހި ކުޅުންތެރިން ވެސް ވަނީ އެފްއޭއެމްގައި މައްސަލަ ޖައްސާފަ އެވެ. އަދި ބައެއް ކްލަބްތައް ގޮވައިގެން ބިދޭސީ ކުޅުންތެރިން ވަނީ ފީފާއާ ހަމައަށް ގޮސް ފައިސާ އަނބުރާ ހޯދާފަ އެވެ.

މުސާރައިގެ މައްސަލައިގައި މަޝްހޫރު ނިޑު ރޭޑިއަންޓާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް މީގެ ކުރިން ވަނީ އަދަބު ލިބިފަ އެވެ. މި ދެ ކްލަބް ވެސް މިހާރު ފުރަތަމަ ޑިވިޝަނުގައި ނެތެވެ.

މި ދެ ކްލަބުގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުނު އެންޖަލް ކަރެސްކޯ މުނޯޒަށް މުސާރަ ނުދިން މައްސަލައިގައި އޭނާ ވަނީ ފީފާ އަށް ހުށަހަޅައިގެން މައްސަލަ ކާމިޔާބުކޮށްފަ އެވެ. މި މައްސަލައިގައި ފީފާ އިން ގްރީން ސްޓްރީޓްސް އަށް ދިން އަދަބަކީ ފައިސާ ހަލާސް ކުރުމާ އެކު ކުރިއަށް އޮތް ތިން ޓްރާންސްފާ މުއްދަތުގައި ކުޅުންތެރިން ނުގެނެވޭ ގޮތަށް އެ ކްލަބް ސަސްޕެންޑް ކުރުމެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން މިހާރު ނިމިފައިވާއިރު އާ ފުޓްބޯޅަ ސީޒަން ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުވަރީ ހިސާބުގަ އެވެ.