އެފްއޭއެމް

8 ޓީމަށް ލައިސެންސް ދީފި، ނިލަންދޫ މިރޭ 12 އަށް

ދިވެހި ޕްރިމިއާ ލީގްގައި، މި އަހަރު ވާދަ ކުރާ ނުވަ ޓީމުތަކުގެ ތެރެއިން އަށް ޓީމަށް، އެފްއޭއެމުން ލޯކަލް ކުލަބު ލައިސެންސް ދީފި އެވެ. ބާކީ އޮތް ޓީމަކީ، ފ. ނިލަންދޫ އެވެ. ނިލަންދޫ ޓީމުން ފުރިހަމަ ކުރަން ޖެހޭ ކްރައިޓީރިއާތައް ފުރިހަމަ ކުރުމަށް މިރޭ 12:00 ހަމައަށް ވަނީ އެ ޓީމަށް ފުރުސަތު ދީފަ އެވެ.

މިއަދު އެފްއޭއެމްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން އެފްއޭއެމް ކުލަބު ލައިސެންސިންގެ ހެޑް އަބްދުﷲ ޝިބާއު ވިދާޅުވީ، ލޯކަލް ލައިސެންސް އަށް ޓީމުން ފުރިހަމަ ކޮށްފައި ވުމުން އެ އަށް ޓީމަށް ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރުމުގެ ޔަގީންކަން ލިބިގެން ދިޔައީ ކަމަށެވެ. އެފްއޭއެމުން އަދި ކުލަބު ތަކަށް މި ދިނީ ލޯކަލް ކުލަބު ލައިސެންސެވެ.

ނޫސް ކޮންފަރެންސްގައި ބައިވެރިވި، އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، ކުލަބު ލައިސެންސިން ކޮމިޓީގެ ބައްދަލުވުމުން، ނިލަންދޫ ޓީމަށް މިރޭ 12:00 ހަމައަށް ފުރުސަތު ދޭން ނިންމީ، އެ ވަގުތާ ހަމައަށް ކަންކަން ފުރިހަމަ ކުރެވޭނެ ކަމަށް އެ ޓީމުގެ އޮފިޝަލުންވެސް އިޝާރާތް ކޮށްފައި ވުމުން ކަމަށެވެ.

ކުލަބު ލައިސެންސަށް އެދި ޑޮކިޔުމެންޓްތައް އަޕުލޯޑް ކުރަން ޖެހޭނީ، ކުލަބު ލައިސެންސިން އެޑްމިނިސްޓްރޭޓިވް ސިސްޓަމް (ކުލާސް) ގެ ނަމުގައި އޭއެފްސީން ތައްޔާރު ކޮށްފައިވާ އޮންލައިން ޕްލެޓްފޯމަށެވެ.

ޝިބާއު ވިދާޅުވީ، ނިލަންދުއިން ހުށަހެޅި ޑޮކިޔުމެންޓްސްތަކުގައި ހުރި މައްސަލަތައް އެ ޓީމުގެ އޮފިޝަލުންނާ ވަކިން ހިއްސާ ކޮށްފައިވާނެ ކަމަށެވެ. ޖަވާޒު ވިދާޅުވީ ދިމާވެފައިވާ މައްސަލަތަކަކީ މިރޭ 12:00 ހަމައަށް ހައްލު ހޯދޭނެ ފަދަ މައްސަލަތަކެއް ކަމަށެވެ.

މާދަމާރޭގައި ފަށާ ދިވެހި ޕްރިމިއާ ލީގް ހުޅުވާ މެޗުގައި، ފުރަތަމަ ބައްދަލު ކުރަން، ޝެޑިއުލްގައި އޮތީވެސް ނިލަންދޫ އާއި ދަ ގުރޭންޑޭ އެވެ. ނިލަންދޫގެ އިތުރުން ދެން މައްސަލަ ދިމާވި އަނެއް ޓީމަކީ ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. އިއްޔަ އާއި ހަމައަށް އެ ޓީމުގެ މައްސަލަތައް ވަނީ ހައްލު ކޮށްފަ އެވެ.

މި އަހަރު ފުޓްބޯޅަ ސީޒަންގައި ދިވެހި ލީގްގައި ވާދަ ކުރެވޭނީ ކުލަބު ލައިސެންސް ލިބިގެންނެވެ. އެއެފްއޭއެމުން ބުނީ ލައިސެންސް ނެތި ފުރަތަމަ ޑިވިޝަންގައި ނުކުޅެވޭ ގޮތް ހެދީ، އޭއެފްސީން އެ ކޮންފެޑްރޭޝަންގެ ހުރިހާ ގައުމުތަކަށް އެންގި އެނގުމަކާ ގުޅިގެން، ރާއްޖެއިންވެސް އެގޮތަށް އަމަލު ކުރަން ޖެހޭތީ ކަމަށެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު ނިއު ރޭޑިއަންޓް މި ސީޒަންގައި ނުފެންނާނެ އެވެ. އެއީ އެ ކުލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމުން އެ ކުލަބު ސަސްޕެންޑް ކުރުމުގެ އިތުރަށް، ފީފާއިން އެޓީމާ ދެކޮޅަށް އަޅާފައިވާ ޓްރާންސްފާ ބޭންގެ ސަބަބުން އާ ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭނެ ތީ އެވެ. އެ ޓީމަށް ކުޅުނު ކުޅުންތެރިން ވަނީ އެހެން ޓީމުތަކަށް ބަދަލު ވެފަ އެވެ.