ހަބަރު

ޖަލަށް އެނބުރި ދާން ޖެހުމަކީ އުނދަގޫ ކަމެއް، ލީޑަރުންނަށް އިތުބާރު އެބައޮތް: މަހުލޫފް

ޖަލަށް އެނބުރި ދާން ޖެހުމަކީ އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެކުވެގެން ދިވެހި ރައްޔިތުން އަމާން ބަނދަރަކަށް ގެންގޮސްދޭނެ ކަމަށް ޔަގީން ކުރާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މަހުލޫފުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ހިނގާފައިނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ރަސްމީ އިދާރާއަކަށް ދިން ކަމަށް ބުނެ އެވެ. އެ މައްސަލައިގައި ހުކުމް އިއްވުން މިއަދު 11:00 އަށް ކުރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ. މަހުލޫފަށް ހުކުމް އިއްވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް އޭނާ އަންނަނީ ވިދާޅުވަމުން އެވެ.

މަހުލޫފު ކުރައްވާފައިވާ ޓުވީޓުތަކެއްގައި ވަނީ އޭނާ ޖަލަށް ލިޔަސް ފަަހަތަކަށް ނުޖެހޭނެ ކަމަށާއި، މި މަސައްކަތުގެ ތެރެއިން އެތަށް ބަޔަކަށް އަނިޔާ ލިބިފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި ޕާޓީތަކުގެ ލީޑަރުން ދިވެހި ރައްޔިތުން އަމާން ބަނދަރަކަށް ގެންގޮސްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، ސަރުކާރުގެ އަނިޔާވެރިކަން މާތްﷲގެ އިރާދަފުޅާއެކު ނިންމާނެ ކަމަށް މަހުލޫފުވަނީ ވިދާޅުވެފައެވެ.

މަހުލޫފު ކުރެއްވި ޓުވީޓު.

މީގެ އިތުރުން، ރައީސް މައުމޫން އަބުދުލް ގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި، ޝައިހް އިމްރާން އަބުދުﷲ އާއި، ގާސިމް އިބްރާހިމްއާއި، ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުންނަށާއި، ހެޔޮ އެދޭ ހުރިހާ ރައްޔިތުންނަށް މަހުލޫފުވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން މަހުލޫފު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުއަށް ކާމިޔާބަށް އެދޭ ކަމަށާއި، އަނިޔާވެރިކަމުން ސަލާމަތްވެ، އުފާވެރި ރާއްޖެއަކަށް ހެދުމަށް، ކުދި ކުދި ހިޔާލު ތަފާތުވުންތަށް ދޫކޮށް، އިބޫ އަށް ވޯޓު ދެއްވާ، ކެމްޕެއިންގައި އިިދިކޮޅު އެންމެން ބައިވެރިވުމަށް އެދޭކަމަށް މަހުލޫފު ވަނީ ވިދާޅުވެފަ އެެވެ.

މަހުލޫފުގެ މައްޗަށް މީގެ ކުރިންވެސް ދައުވާތަކެއް ދައުލަތުުން އުފުލާފައިވާއިރު، އެ ދައުވާތައް ސާބިތުވެ މަހުލޫފުވަނީ 10 މަސްދުވަހަށްވުރެ ގިނަ ދުވަސް ޖަލުގައި ހޭދަ ކުރައްވާފަ އެވެ. މީގެ އިތުރުން މިހާރުވެސް މަހުލޫފުގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކެއްގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެގޮތުން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފުލާފައިވެ އެވެ.