ވިޔަފާރި

ފުރަތަމަ ތިން މަހު ޓޫރިޒަމްގެ އާމްދަނީ ބޮޑުތަން މައްޗަށް

Jul 9, 2018

މި އަހަރުގެ ފުރަތަމަ ތިން މަހު (ފުރަތަމަ ކްއާޓަރު) ގައި ޓޫރިޒަމުން ލިބުނު އާމްދަނީ ބޮޑުތަން މައްޗަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ސާވޭއަކުން ދައްކައިފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ ފުރަތަމަ ކްއާޓަރުގެ ސާވޭގައި ބުނެފައިވާ ގޮތުން މި ކްއާޓަރުގައި މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާ އަޅާ ބަލާއިރު، އާމްދަނީ ވަނީ 88 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އަދި ޓޫރިޒަމް ދާއިރާގެ ބުކިންތައް 60 ޕަސެންޓް އިތުރުވިއިރު، އެވްރެޖު ރޫމް ރޭޓުވެސް ވަނީ 81 ޕަސެންޓް އިތުރުވެފަ އެވެ.

އެމްއެމްއޭގެ ސާވޭގައި ބުނެފައިވާ ގޮތުން މި ކުއާޓަރުގައި ޓޫރިޒަމް ދާއިރާއަށް ކުރިއެރުން ލިބުނުނަމަވެސް، ކުރިއަށް އޮތް ތިން މަހު ޓޫރިޒަމް ދާއިރާގެ ކުރިއެރުން މަޑުޖެހުން އެކަށީގެންވެ އެވެ. ޓޫރިޒަމްގެ އޮފް ސީޒަންގެ ގޮތުގައި ބަލާ މި ދުވަސްވަރު ޓޫރިޒަމް އާމްދަނީ އާއި ރިސޯޓުތަކުގެ ބުކިން އަދި އެވްރޭޖު ރޫމް ރޭޓު ދަށްވެ އެވެ.

ރާއްޖޭގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެފައިވާ މެއި މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މެއި މަހުގެ ނިޔަލަށް ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް 632,729 މީހުން ވަނީ ރާއްޖެެއަށް ޒިޔާރަތް ކޮށްފަ އެވެ. މިއީ މިދިޔަ އަހަރު އައި 572,318 މީހުންނާ އަޅާބަލާއިރު 10.6 ޕަސެންޓް އިތުރުވުމެކެވެ.