ޓީވީ ސީރީޒް

"ހައުސް އޮފް ކާޑްސް" ސަލާމަތްކޮށްދިނީ ރޮބިން: ޕެޓްރިކާ

ކެވިން ސްޕޭސީގެ މައްސަލަ އާއި ގުޅިގެން ނެޓްފްލިކްސްގެ ސިޔާސީ ޑްރާމާ ސީރީޒް "ހައުސް އޮފް ކާޑްސް" އަށް އައި ލޮޅުންގަނޑުން ސަލާމަތް ވެނުނީ ރޮބިން ރައިޓްގެ ސަބަބުން ކަމަށް، މި ސީރީޒްގައި ޑެޕިއުޓީ އަންޑަސެކްރެޓަރީ އޮފް ކޮމާސް ފޯ އިންޓަނޭޝަނަލް ޓްރޭޑްގެ ރޯލުން ފެނިގެންދާ ޕެޓްރިކާ ކްލާކްސަން ބުނެފި އެވެ. ޕެޓްރިކާ މިހެން ބުނީ ދާދި ފަހުން ސީބީއެސްއަށް ދިން އިންޓަވިއުއެއްގަ އެވެ.

މިހާތަނަށް ހަ ސީޒަނެއް ގެނެސްދީފައިވާ "ހައުސް އޮފް ކާޑްސް" އަކީ މިހާރު އެންމެ އިންތިޒާރުކުރެވޭ އޮރިޖިނަލް ސީރީޒްއަށް ވާނެ އެވެ. މި ސީރީޒް އާ ސީޒަނަކަށް އާކޮށްދިނީ ވެސް ކެންސަލުކުރުމުގެ ފައްތަރެއްގައި އޮތުމަށްފަހު އެވެ. އެއީ މީގެ ކުރިން މި ސީރީޒްގައި ލީޑުން ފެނިގެންދިޔަ އެކްޓަރު ކެވިން ސްޕޭސީގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ގިނަ ތުހުމަތުތަކެއް އައުމުން އޭނާ ސީރީޒުން ވަކިކޮށް، މި ސީރީޒް ޕްރޮޑަކްޝަން ވަގުތީ ގޮތުން ސަސްޕެންޑު ކުރުމުންނެވެ.

ނަމަވެސް ނެޓްފްލިކްސްއިން ވަނީ މި ސީރީޒް އާ ސީޒަނަކަށް އާކޮށްދީ އަދި މިއީ އެންމެފަހު ސީޒަންކަމަށް ކަނޑައަޅާ ޕްރޮޑަކްޝަނަށް އިތުރު ފުރަސަތެއް ދީފަ އެވެ. އަދި މި ސީޒަންގައި ކެވިންގެ ބަދަލުގައި ލީޑު ނަގާނީ ބަތަލާ ރޮބިން ރައިޓްކަމަށް ވެސް ވަނީ ނިންމާފަ އެވެ.

"އާ ސީޒަނަކާ ހަމައަށް އާދެވުމުގެ އެންމެ ބޮޑު ސިއްރަކީ ރޮބިން. އަހަރެމެން ސީރީޒްގެ ހިންގުންތެރިންކަމަށްވާ، ޕްރޭންކްއާއި މެލިސާ ވަރަށް ހިތްވަރުގަދަ. ހަމައެކަނި އަށް އެޕިސޯޑު ގެނެސްދިނުމަށް މުޅި ސީރީޒްގެ ވާހަކަ އަލުން ބަދަލުކޮށް ވަރަށް ބުރަ މަސައްކަތެއް ކުރީ." ޕެޓްރިކާ ބުންޏެވެ.

ސީޒަން ފަހެއް ނިމުނީ އެމެރިކާގެ ރައީސްކަމުގައި ހުރި ފްރޭންކް އަންޑަވުޑް (ކެވިން) ވެރިކަމުން ފައިބާ ކްލެއާ އަންޑަވުޑް (ރޮބިން) އެމެރިކާގެ ރައީސާކަމަށް ހަވާލުވާ ހިސާބުންނެވެ.

"ރޮބިން މި ހުރިހާ މަސައްކަތެއްކުރީ މި ސީރީޒް ހުއްޓާލައިފިނަމަ ސީރީޒްގައި މަސައްކަތްކުރަމުން އަންނަ ބައެއް މީހުނަށް މުސާރަވެސް ނުލިބިދާނެތީ. އަހަންނަށް ހިވާނީ މި އާ ސީޒަން ކުރިއަށްވުރެ އަދި މާ ބޮޑަށްވެސް ރީތިވާނެހެން." ޕެޓްރިކާ ބުންޏެވެ.

"ހައުސް އޮފް ކާޑްސް" ހަ ވަނަ ސީޒަންގެ ޓީޒާ.

ހަ ވަނަ ސީޒަންގެ ޓީޒާއެއްވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ. މި އަހަރު ފަހުކޮޅު އާ ސީޒަން ސްޓްރީމްކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރޮބިންއާއި ޕެޓްރިކާގެ އިތުރުން ކުރީ ސީޒަންތަކުގައި ފެނިގެންދިޔަ އެކްޓަރުން ކަމަށްވާ މައިކަލް ކެލީ، ޖޭން އެޓްކިންސަން، ކޮންސްޓެސް ޒިމާ، ޑެރެކް ސެސަލް، ކޭމްޕެލް ސްކޮޓް އަދި ބޯރިސް މެކްގިވާ މި ސީޒަންގައި ފެންނާނެ އެވެ. ކާސްޓަށް އަލަށް ގުޅުނު އެކްޓަރުންގެ ތެރޭގައި ޑައެން ލޭން، ގްރެގް ކިނިއާ އަދި ކޯޑީ ފާން ހިމެނެ އެވެ.