ސިއްހަތު

ފިޝް ޕެޑިކިޔޯއިން ނިޔަފަތިތައް މަރުވަނީ!

މަސް ބޭނުން ކޮށްގެން ޕެޑިކިއޯ ހެއްދުމަކީ މިހާރު ވަރަށް ގިނަ ސެލޫނާގަ އާއި ސްޕާތަކުގައި ކުރަމުން އަންނަ ކަމެކެވެ. ފައިގައި ހުންނަ ބޭކާރު ހަންތައް ފަސޭހައިން ދުއްވާލުމަށް މިއީ މޮޅު އަދި އަރާމުވެފައި މަޖާވެސް ގޮތެކެވެ. ނަމަވެސް ދާދިފަހުން އެމެރިކާގެ ހަމުގެ ހާއްސަ މެޑިކަލް ޖާނަލްއެއް ކަމަށްވާ ޖާމާ ޑާމެޓޮލޮޖީއިން އާންމުކުރި ރިޕޯޓެއްގައި ވާގޮތުން މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ.

އެ ޖާނަލްއިން އާންމުރި ރިޕޯޓުގައި ބުނެފައި ވަނީ މިގޮތަށް މަސް ބޭނުން ކޮށްގެން ޕެޑިކިއޯ ހެދި ޒުވާން އަންހެނެއްގެ ފައިން ނިޔަފަތިތައް ވަކިވެ މަރުވަމުންދާ ކަމަށެވެ. މި އަންހެން މީހާ ވަނީ މީގެ ހަ މަސް ދުވަސް ކުރިން މަސް ބޭނުން ކޮށްގެން ޕެޑިކިއޯ ހަދާފަ އެވެ.

މި ގޮތަށް ޕެޑިކިއޯ ހެދުމަށް ބޭނުންކުރާ މަހަށް ކިޔަނީ "ގަރްރާ ރޫފާ" އެވެ. މި ކުދިކުދި މަސްތައް ކުރާ ކަމަކީ މަސް ފެންގަނޑުގެ ތެރެއިން ދެފައި ލުމުން، ފައިގައި ނެއްޓިފައި ހުންނަ ބޭކާރު ހަންތައް ކާލަނީ އެވެ.

"މިއީ އަހަރެމެން ހީކުރާވަރުގެ ކަމަކަށް ނުވެދާނެ. ނިޔަފަތިތައް މަރުވާން މި ފަށަނީ އެތައް މަހެއްވެސް ވާ ފަހުން. އެހާ ގިނަ ދުވަސް ނަގާތީ ހީވެދާނެ މިއީ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށްވެސް." އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މި ރިޕޯޓުގައި ވާގޮތުން މި އަންހެން މީހާގެ ނިޔަފައްޗަށް މިހެންވުމަށް މެދުވެރިވެދާނެ އިތުރު ސިއްހީ ސަބަބެއް ހެދި ޓެސްޓުތަކުން ހާމަވާން ނެތް ކަމަށާއި އަދި އޭނާގެ މެޑިކަލް ހިސްޓްރީންވެސް މިހެންވުމަށް މެދުވެރިވެދާނެ ކަމެއް ފެންނަން ނެތެވެ. އެހެންކަމުން މިހެންވާ މެދުވެރިވި ހަމައެކަނި ސަބަބަކަށް ފެންނަން އޮތީ މަހުން ޕެޑިކިއޯ ހެއްދުމުން ކަމަށް ބުނެފައިވެ އެވެ.

ފިސް ޕެޑިކިއޯ ހަދާ މަންޒަރު ފެންނަ ވީޑިއޯއެއް

ނަމަވެސް ބައެއް އެހެން ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި ޕެޑިކިއޯ ހެއްދުމަށް ބޭނުންކުރާ ހުރިހާ މަހަކުން މިފަދަ ގެއްލުމެއްވުމަކީ ނާދިރުކަމެއް ކަމަށެވެ.

ބައެއް ފަހަރު ސެލޫނާއި ސްޕާތަކުގައި "ގަރްރާ ރޫޕާ" މަސް ކަމަށް ހީކޮށް އެހެން ވައްތަރުގެ މަސްވެސް ބޭނުންކުރަމުން
އަންނަކަން ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން އެކި މީހުންގެ ޕެޑިކިއޯ ހެއްދުމަށް އެއް މަސްތަކެއް ސާފުނުކޮށް ތަކުރާރުކޮށް ބޭނުންކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ. ބައެއް ސެލޫނާއި ސްޕާތަކުގައި ސާފުތާހިރުކަން ކުޑަކަމަކީ އަބަދުވެސް ދެކެވޭ ވާހަކަތަކެކެވެ.

ފައިގެ ނިޔަފައްޗަކީ އަލުން ފަޅަން ވަރަށް ގިނަ ދުވަސް ނަގާ އެއްޗެކެވެ. ކޮންމެ މަހަކު ނިޔަފަތި ދިގުވާނީ އެއް މިލިމީޓަރަށެވެ. އެހެންކަމުން އެއްކޮށް ހަލާކުވެފައިވާ ނިޔަފައްޗެއް އަލުން އެއްކޮށް ފަޅަން އަހަރެއްހާ ދުވަސް ހޭދަވާނެ އެވެ.