ހޮލީވުޑް

އަސްލު ލޭންޑޯ އެނބުރި "ސްޓާ ވޯޒް"އަށް

ފިލްމު ފްރެންޗައިޒް "ސްޓާ ވޯޒް"ގެ ފިލްމުތަކުގައި އެންމެ ފުރަތަމަ ލޭންޑޯ ކެލްރިޒިއަންގެ ރޯލު ކުޅުނު މަޝްހޫރު އެކްޓަރު ބިލީ ޑީ ވިލިއަމްސް އެ ފްރެންޗައިޒްގެ ފިލްމަކަށް އަނބުރާ އަލުން އަންނަ ނިންމައިފި އެވެ.

ހޮލީވުޑް ރިޕޯޓާއިން ވަނީ ބިލީ 81، އަނބުރާ އަންނަކަން ކަށަވަރުކޮށްދީފަ އެވެ. "ސްޓާ ވޯޒް" ގެ ފިލްމަކުން ބިލީ އެންމެފަހުން ފެނިގެންދިޔައީ މީގެ 35 އަހަރު ކުރިން 1983 ގެ ފިލްމު "ރިޓާސް އޮފް ޖޭޑީ" އިންނެވެ. އެއީ "ސްޓާ ވޯޒް" ގެ ފުރަތަމަ އަދި އޮރިޖިނަލް ޓްރައިލޮޖީގެ ތިން ވަނަ ފިލްމެވެ.

ބިލީ ކުޅޭ ކެރެކްޓަރު، ލޭންޑޯ އެންމެ ފުރަތަމަ ތައާރަފުވީ "ސްޓާ ވޯޒް" އޮރިޖިނަލް ޓްރައިލޮޖީގެ ދެ ވަނަ ފިލްމު "އެމްޕަޔާ ސްޓަރައިކްސް ބެކް" އިން 1980 ވަނަ އަހަރު އެވެ. އެންމެފަހުން މި އަހަރު ނިކުތް "ސްޓާ ވޯޒް" އެންތޮލޮޖީ ފިލްމު "ސޯލޯ: އަ ސްޓާ ވޯޒް ސްޓޯރީ" ގައި ލޭންޑޯގެ ރޯލު ކުޅުނީ ޑޮނާލްޑް ގްލޯވާ އެވެ.

"ސްޓާ ވޯޒް"ގެ ސީކުއެލް ޓްރައިލޮޖީ މިހާރު ގެނެސްދެމުން އަންނައިރު، މި ޓްރައިލޮޖީގެ ދަށުން މިހާތަނަށް ދެ ފިލްމެއް ގެނެސްދީފި އެވެ. އެއީ 2015 ގައި ނިކުތް ފިލްމު "ސްޓާ ވޯޒް: ދަ ފޯސް އެވޭކަންސް" އާއި 2017 ގައި ނިކުތް "ސްޓާ ވޯޒް: ދަ ލާސްޓް ޖޭޑީ" އެވެ.

"ސްޓާ ވޯޒް"

މި ޓްރައިލޮޖީގެ ދަށުން ގެނެސްދޭނެ ފަހު ފިލްމު "ސްޓާ ވޯޒް: އެޕިސޯޑު ނައިން" ގެނެސްދޭނީ އަންނަ އަހަރު ޑިސެމްބަރު 20 ގަ އެވެ. ބިލީ ފެނިގެންދާނީ އެ ފިލްމުންނެވެ.

ގިނަ އަހަރުތަކެއް ވަންދެން "ސްޓާ ވޯޒް" ގެ ފިލްމުތަކާއި ދުރުގައި ހުރި ނަމަވެސް، ބިލީ ވަނީ އެ ފްރެންޗައިޒްގެ ކާޓޫން ސީރީޒްތަކާއި ވީޑިއޯ ގޭމްތަކަށް އޭނާގެ އަޑު އަޅާދީފަ އެވެ.