ކުޅިވަރު

މޮޅުވުމުގެ ރޭހުގައި ދަގަނޑޭ ޓީސީ ދަމަހައްޓައި ދީފި

އަލީ އަޝްފާގް (ދަގަނޑޭ) ގެ ލަނޑުން ކުލަބު އީގަލްސްގެ މައްޗަށް ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގްގައި ޓީސީން ހިފަހައްޓަމުން އަންނަ މޮޅުވުމުގެ ރޭހުގައި އެ ޓީމުން ދަމަހައްޓައިފި އެވެ. ޓީސީ މެޗު ކާމިޔާބު ކުރީ 1-0 ންނެވެ.

މިޅާއެކު، އަލުން ޓީސީއަށް ވަނީ ތާވަލުގެ އެއް ވަނަ ލިބިފަ އެވެ. ތާވަލުގެ ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާ ޓީސީއާ ދެމެދު ދެ ޕޮއިންޓްގެ ފަރަގު އެބަހުއްޓެވެ.

ވަރުގަދަ ޓީމުތައް އަތުން، ޕޮއިންޓް ހޯދަމުން އަންނަ އީގަލްސްއިން ވަނީ، 80 ވަނަ މިނެޓާ ހަމަޔަށް ޓީސިން ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފަ އެވެ. އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނީ، މިއަދުގެ މެޗަކީ މުޅި މި އަހަރުގައިވެސް އީގަލްސް ކުޅުނު އެންމެ ދަށް މެޗު ކަމަށެވެ.

"ހަގީގަތުގައި މިއަދު ހުރިހާ ގޮތަކުންވެސް ޓީސީ މޮޅަށް ކުޅުނު، ޓީސީއަށް ހައްގު ކާމިޔާބެއް ލިބިގެން އެދިޔައީ، ޓީސީގެ ހުރިހާ ޑިޕާޓްމެންޓެއްވެސް ވަރަށް މޮޅަށް ކުޅުނު މިއަދު،" ޓީސީގެ ކުޅުމަށް ތައުރީފް ކުރަމުން މޯހަން ބުންޏެވެ. "އަޅުގަނޑުމެން ޓީމު ވަރަށް ދަށްކޮށް ފެނިގެން އެދިޔައީ، ވޯކްރޭޓްވެސް ވަރަށް ދަށްކޮށް ފެނިގެން ދިޔައީ ޕާސްތައްވެސް ވަރަށް ދަށްކޮށް ފެނިގެން ދިޔައީ ހުރިހާ ކަމެއްވެސް ވަރަށް ދަށްކޮށް ދިޔައީ، މިއީ މި ސީޒަންގައި ފެނުނު އެންމެ ދަށް މެޗޭ ބުންޏަސް ދޮގަކަށް ނުވާނެ."

ޓީސިގެ ލަނޑު އަޝްފާގް ކާމިޔާބު ކުރީ މެޗުގެ 71 ވަނަ މިނެޓްގައެވެ. ޓީސީން އުފައްދަން އުޅުނު ހަމަލާއެއް، އީގަލްސްގެ ކުޅުންތެރިން ސާފު ކޮށްލުމުން، އެ ބޯޅަ ލިބުނީ ޓީސީގެ ރިލްވާން (ބެން) އަށެވެ. ހާފުގެ މެދެއްހާ ހިސާބުގައި ހުރެފައި ބެން ނަގައިދިނީ އޭރިއާ ތެރެއަށެވެ. އޭރު އަޝްފާގް ހުރީ ހުސްކޮށެވެ. ބެން ނަގައިދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އަޝްފާގް ވަނީ ގޯލްގެ މަތީ ކަނަށް ބޯޅަ ވައްދާލާފަ އެވެ.

ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ، އީގަލްސްއިން ޓީސީއަށް ވަރަށް ރަނގަޅު ފައިޓެއް ދިން ކަމަށެވެ. އަދި އީގަލްސް ވަރުގަދަ ފައިޓެއް ދިން އިރުވެސް ޓީސީން ވަރަށް ރަނގަޅަށް ކުޅެ ތިން ޕޮއިންޓް ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ޓީސީގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ، އަބްދުﷲ ހަނީފް (ބްންޖޯ) އަށް އަނިޔާވެގެން ބަދަލު ކުރަން ޖެހުނެވެ. އޭނާގެ ބަދަލުގައި، ކުޅެން އެއީ މުހައްމަދު އަޖުފާން އެވެ. ނިޒާމް ވަނީ އަޖުފާން ދެއްކި ކުޅުމަށް ތައުރީފް ކޮށްފަ އެވެ.