ދިވެހި ޕްރެމިއާ ލީގް

އީގަލްސް ބަލިކޮށް ޓީސީން ހިތްވަރު ހޯދައިފި

ޓީސީ ސްޕޯޓްސް ކުލަބު އަތުން ބަލިވެ، ކުލަބު އީގަލްސް އުނދަގޫ ހާލަތަކަށް ވެއްޓިއްޖެ އެވެ.

ދެ ޓީމު ވެސް މެޗަށް ނުކުތީ، ލީގްގެ ފުރަތަމަ މެޗުން ކުރިމަތިވި ބައްޔާއެކު އެވެ. ޓީސީ މޮޅުވެ އެ ޓީމުން ހަމަޖެހުމުގެ ނޭވާއެއްލިއިރު އީގަލްސް މެޗުން ބަލިވުމުން އެ ޓީމަށް ވަނީ އުނދަގޫ ހާލަތެއް ކުރިމަތި ވެފަ އެވެ. މިދިޔަ ސީޒަންގެ ލީގްގެ ރަނަރަފް މަގާމު ހޯދި އީގަލްސް މުޅި ލީގްގައި ބަލި ވެފައި ވަނީ ދެ މެޗުންނެވެ. މި ސީޒަންގެ ކުޅުނު ފުރަތަމަ ދެ މެޗުން އެކަނި ވަނީ މިދިޔަ ސީޒަންގެ ޑެފިސިޓާ އެއްވަރު ވެފަ އެވެ.

"ވަރަށް ބޮޑު ޗެލެންޖެއް މިހާ ކުރީ ކޮޅުގައި ދެ މެޗުން ބަލި ވެގެން ދިއުމަކީ،" މެޗަށް ފަހު ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުންޏެވެ. "މިއާ އެކީގައި އަޅުގަނޑުމެން ދެން އިތުރަށް މަސައްކަތް ކުރަން ޖެހޭނީ ކިހިނެއްތޯ ހެދޭނީ ކިހިނެއްތޯ ރަނގަޅު ކުރެވޭނީ. އެހެންނަމަވެސް މިހާރު ސްކޮޑްގައި ކުޅުންތެރިންގެ ވީކްނެސް އެބަ ފެނޭ އަލަށް އަރުވާ ކުޅުންތެރިންގެ ފަރާތުން. ގިނަ ފަހަރަށް އެ ކުޅުންތެރިން އާ ވެގެން މިއަދުވެސް ބަދަލު ކުރަން މި ޖެހުނީ."

މެޗުގައި ޓީސީގެ ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކެޕްޓަން މުހައްމަދު އައްޒާމް އެވެ. އީގަލްސްގެ ހާފުގެ ތެރެއިން ނިޝާމް މުހައްމަދު ރަޝީދު ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އައްޒާމް ވަނީ ގޯލްގެ ދުރު ކަނަށް ބޯޅަ ވައްދާލާފަ އެވެ. އީގަލްސްގެ އިމްރާން ނަޝީދު، އައްޒާމް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރި ނަމަވެސް އައްޒާމް ވަނީި އޭނާއަށް ފުރުސަތު ނުދީ ލިބުނު ބޯޅަ ބޭނުން ކޮށްފަ އެވެ.

ޓީސީއަށް ނަތީޖާ ހިފެހެއްޓުމުގެ އެންމެ ބޮޑު ސަބަބަކީ، އެ ޓީމުގެ އަޒަރުބައިޖާންގެ ކީޕަރު އިލްމާއުދިން މަމަދޯވް އާޒާދު އެވެ. މެޗުގައި އޭނާ ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ. ހާއްސަކޮށް ދެ ވަނަ ހާފުގައި އީގަލްސްއިން ފޮނުވާލި ނުރައްކާތެރި ބޯޅަތަކެއް ދިފާއު ކުރި އެވެ.

މެޗުގެ 66 ވަނަ މިނެޓްގައި ޓީސީގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. އެހެންނަމަވެސް ކައުންޓަ އެޓޭކް ފުރުސަތުތަކުގެ ބޭނުން ޓީސީން ރަނގަޅަށް ހިފި އެވެ. ޓީސީގެ ދެ ވަނަ ލަނޑު މެޗުގެ 87 ވަނަ މިނެޓްގައި ޒަޔާން ނަސީރު (ޒައްޔޫ) ކާމިޔާބު ކުރީ ކައުންޓަ އެޓޭކް ހަމަލާއެއްގަ އެވެ.

ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް ޓީސީގެ އިބްރާހިމް ސާވީ (އިއްބެ ސާވީ) އަމިއްލަ ހާފުގެ އޭރިއާގެ ތެރެއިން ލިބުނު ބޯޅަ ހިފައިގެން ދުވެފައި ގޮސް މުޅި އީގަލްސްގެ ހާފު ކަޑަތުކޮށް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު މުހައްމަދު ސިނާހް ދިފާއު ކުރުމުން ރީބައުންސްވި އެވެ. އެ ބޯޅަ ޒައްޔޫ ވަނީ ވަނީ ބޮލުން ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.

ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު ޝާޒް ބުނީ، އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުންވީ ވަރަށް ބޮޑު އުނދަގުލަކަށް ކަމަށެވެ. އެހެންނަމަވެސް އަނެއް ޓީމަށް ހިތްވަރެއް ލިބުނަސް ޓީސީއަށް އެ ހާލަތުގައިވެސް އޮތް އެޑްވާންޓޭޖު ބޮޑު ވާނެ ކަމަށާއި ފެނިގެން ދިޔައީ އެކަންތަކަމަށް ޝާޒް ބުންޏެވެ.

"އޭގެ އިންނާނެ އެހެން އެޑްވާންޓޭޖެއް 1-0 ގައި އޮންނައިރުގައި ކުޅުންތެރިންގެ މިއަދުގެ މެޗު ފެށި ހިސާބުން ނިމެންދެން ވެސް ކުޅުންތެރިންގެ ހިތްވަރު ވަރަށް ބޮޑަށް ފެނިގެން މިދިޔައީ،" ޝާޒް ބުންޏެވެ. "އެހެންވީމަ އެ ރަތް ކާޑާއެކުވެސް ތިބި ކުޅުންތެރިން އިތުރު ހިތްވަރެއްލައިގެން ކުޅުނީމަ ދެން ކައުންޓަ އެޓޭކް ބޭނުންވެސް އެ ހިފުނީ."