ދިވެހި ޕްރިމިއާ ލީގްގެ ތިން ވަނަ ބުރުގެ ވަކި ހިސާބުން، ޗެމްޕިއަންކަން މާޒިޔާއިން ކަށަވަރު ކުރުމުން ލީގްގެ ވާދަވެރިކަން ނިމުނީ ކަމަށް ބަލައިގެން ތިބެވުނު ނަމަވެސް، އެކަން އަދި އެހާހިސާބުން ނިމުނީކީ ނޫނެވެ. ލީގްގެ ދެ ވަނަ މަގާމަށް އޮތް ވާދަވެރިކަން ވަކި ކުޑައެއް ނޫނެވެ.
ދެ ވަނަ މަގާމުގެ ވަދަވެރިކަން އެންމެ ބޮޑަށް އުފެދިފައި ވަނީ، މިވަގުތު ދެ ވަނަ މަގާމުގައި އޮތް އީގަލްސް އާއި ތިން ވަނައިގައި އޮތް މިދިޔަ ސީޒަންގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބާ ދެމެދުގަ އެވެ. ޓީސީން ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަން ފެށި ފަހުން އެ ޓީމުން މިހާތަނަށް ލީގް ނިންމާލާފައި ވަނީ ގަދަ ދޭއްގެ ތެރޭގަ އެވެ. އެހެންވެ އެ ޓްރެކް ދެމެހެއްޓުމަކީ ޓީސީގެ އެއް ޓާގެޓަށް ވާނެ އެވެ.
އީގަލްސްގެ ހަޔާތުގައި އެ ޓީމަށް މިހާތަނަށް ދެ ވަނަ މަގާމާ ހަމައަށް ދެވިފައެއް ނުވެ އެވެ. އެ ހިސާބަށް އީގަލްސް ވާސިލު ކޮށްދިނުމަކީ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އަމާޒު ހިފާފައިވާ އެންމެ ބޮޑު އެއް ޓާގެޓެވެ.
"މިހާރު މި މަސައްކަތް ކުރަނީ ތިން ވަނަ ބުރު ނިމޭއިރުވެސް މިއިން ހިސާބުގައި ހިފަހައްޓާ ލެވޭތޯ،" މޯހަން ވާހަކަ ދެއްކި އެވެ. "އޭރުންވެސް އީގަލްސްއަށް ވަރަށް ބޮޑު ކާމިޔާބަކަށް ވެގެންދާނެ، އީގަލްސް ތާރީހްގައި އަދި އެހިސާބަށް ގޮސްފައެއް ނުވޭ، އެހިސާބަށް ދެވޭތޯ މި މަސައްކަތް ކުރަނީ."
ޓީސީއަށް ލީގްގެ ފުރަތަމަ ބުރުން ފެށިގެން ދިމާވި މާލީ ގޮންޖެހުންތަކާ ހެދި އެ ޓީމަށް ބަދަލުތަކެއް އައެވެ. ކޯޗްގެ މަގާމުގައި ހުރި މުހައްމަދު އާތިފް އެ މަގާމުން އިސްތިއުފާ ދިނީ ކުޅުންތެރިންނަށް މުސާރަ ނުދޭތީ މަސައްކަތް ކުރެވޭނެ ހާލަތެއް ނެތް ކަމަށް ބުނެ އެވެ. ޓީސީގެ ޓާގެޓަށްވެސް ބަދަލު ގެންނަން މަޖުބޫރު ވި އެވެ. ފުރަތަމަ ޑިވިޝަންގައި ދެމިއޮތުން ފުދޭ ކަމަށް ޓީސީގެ މެނޭޖުމެންޓުން ތިބި ގަބޫލު ކޮށްގެންނެވެ.
އެހެންނަމަވެސް ކުރިމަތީގައި އޭއެފްސީ ކަޕް އޮތުމުން އެ މުބާރާތަށް ތައްޔާރުވާން އެ ޓީމުން ބަދަލު ގެނެ އެވެ. ޓްރާންސްފާގައި މުހިންމު ކުޅުންތެރިން ޓީމަށް ގެނެ އެވެ. އޭގެ ކުރިން ކޯޗަކަން ޝާޒްލީ މުހައްމަދު (ޝާޒް) ހަމަޖެއްސި އެވެ.
"ޓީސީއާ އެކު ވާހަކަ ދެކެވުނީ ހަމައެކަނި އޭއެފްސީ ކަޕަކަަށް ތައްޔާރު ވާކަށް ނޫން، ހޯދެން ހުރި ހުރިހާ ކާމިޔާބަކަށް ފައިޓް ކުރަން." ޓީސީގެ ކޯޗް ކަމާ ހާވަލުވުމަށް ފަހު މިދިޔަ ޑިސެމްބަރު މަހު ޝާޒް ބުނެފައި ވެއެވެ. އޭރު ލީގް ހޯދުމުގެ ފުރުސަތު ޓީސީއަށްވެސް އޮތުމުން، އެ ޓީމުގެ މެނޭޖުމެންޓުން ޓާގެޓް ބަދަލު ކުރި އެވެ. ލީގް ޗެމްޕިއަންނުންގެ ދޮރު ބަންދުވުމުން މިހާރު އެ ޓީމުން ވިއްދާފައި އޮތީ ދެ ވަނަ މަގާމަށެވެ.
ދެ ވަނަ ބުރުގެ ފަހު މެޗުގައި އީގަލްސް އަތުން ޓީސީ ބަލިވެ، ދެ ޓީމުގެ ދެމެދުގައި ފަސް ޕޮއިންޓަށް ފަރަގު ބޮޑުވި ނަމަވެސް، ތިން ވަނަ ބުރު ޓީސީން ފެށީ އީގަލްސް ބަލިކޮށްގެންނެވެ. ދެ ޓީމުގެ ދެމެދުގައި މިހާރު ހުރީ ދެ ޕޮއިންޓްގެ ފަރަގެވެ.
"ޓީސީއާ ހަވާލުވެގެންވެސް ނުކުތީ ލީގަށް، އެހެންނަމަވެސް މިހާރު އެ ފުރުސަތު ގެއްލިފައި ވުމުން އަނެއްކާވެސް އަންނަ އަހަރުގެ އޭއެފްސީ ކަޕް ފުރުސަތު ހޯދުން ޓާގެޓަކީ." ލީގްގެ ޓާގެޓަކީ ކޮބައިތޯ ސުވާލު ކުރުމުން ޝާޒް ބުންޏެވެ.
އޭއެފްސީ ކަޕްގެ ކޮލިފިކޭޝަން ޖާގަ ލިބެނީ އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށެވެ. މިދިޔަ ދެ އަހަރު އެ ފުރުސަތު ލިބިފައި ވަނީ ލީގްގެ ދެ ވަނަ ޓީމަށެވެ. މިދިޔަ ސީޒަންގައި އެފްއޭ ކަޕް ބާއްވާފައި ނުވުމުން މި އަހަރު އޭއެފްސީ ކަޕްގެ ކޮލިފިކޭޝަން ޖާގަ ލިބުނީ ލީގްގެ ދެ ވަނަ ޓީމު މާޒިޔާ އަށެވެ. އޭއެފްސީ ކަޕްގެ 2018 ވަނަ އަހަރުގެ ކޮލިފިކޭޝަން ޖާގަ ޓީސީއަށް ލިބުނީ ލީގްގެ ދެ ވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. އެއީ ނިއު ރޭޑިއަންޓުން 2017 ވަނަ އަހަރުގެ ލީގާއި އެފްއޭ ކަޕް ކާމިޔާބު ކުރުމުންނެވެ.
މިއަހަރު އެފްއޭ ކަޕް މާޒިޔާ ހޯދައިފިނަމަ އަނެއްކާވެސް އޭއެފްސީ ކަޕްގެ ކޮލިފިކޭޝަން ޖާގަ ލިބޭނީ ލީގްގެ ދެ ވަނަ ހޯދާ ޓީމަށެވެ. ދެ ވަނަ މަގާމުގައި ހިފަހައްޓަށް އީގަލްސްއިން ކުރާ މަސައްކަތުގައި އެ ޓީމު ކުޅޭ ކޮންމެ މެޗެއްވެސް ވާދަ ވެރިވާނެ އެވެ. އަދި އީގަލްސްގެ މައްޗަށް ކުރިއަރަން ޓީސީއަށް އޮތް ފުރުސަތު ބޭނުން އެންމެ ރަނގަޅަށް ހިފުމަށް ޓީސީން ވަރުގަދައަށް މަސައްކަތް ކުރާނެ އެވެ.