ދިވެހި ޕްރެމިއާ ލީގް

ޓީސީން އީގަލްސް ބަލިކޮށްފި، މާޒިޔާ ފުރުސަތު ބޮޑު

ކުލަބު އީގަލްސްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ މަގާމާ ކައިރިއަށް ދަން ލިބުނު ފުރުސަތުގެ ބޭނުން ޓީސީ ސްޕޯޓްސް ކުލަބުން ހިފައިފި އެވެ.

ދެ ވަނަ ބުރުގެ ފަހު މެޗުގައި، މިދިޔަ ހަފުތާގައި މި ދެ ޓީމު ކުޅުނު މެޗު އީގަލްސްއިން ކާމިޔާބު ކުރީ 3-0 ންނެވެ. ތިން ވަނަ ބުރުގެ މެޗުން ޓީސީ މޮޅުވުމުން ދެ ވަނައިގައި އޮތް އީގަލްސް އާ ޓީސީ އާ ދެމެދު ހުރި ފަރަގް ވަނީ ދެ ޕޮއިންޓަށް ކުޑަ ވެފަ އެވެ.

ރޭ ގެ މެޗުން އީގަލްސް ބަލިވުމުން، ލީގްގެ އެއް ވަނައިގައި އޮތް މާޒިޔާއަށްވެސް ލިބޭނެ ހިތްހަމަޖެހުން ބޮޑެވެ. އެއީ އެ ޓީމާ ފަރަގް ކުޑަ ކުރުމުގެ ފުރުސަތު އީގަލްސް އަށް ހަނި ވުމުންނެވެ. މެޗުގެ ނަތީޖާ ދިޔަ ގޮތުން، ލީގް ކަށަވަރު ކުރަން މާޒިޔާއަށް ބޭނުން ވަނީ އެންމެ މެޗެކެވެ. މި މަހު 24 ވަނަ ދުވަހު ދަ ގްރާންޑޭ އާ ދެކޮޅަށް ކުޅޭ މެޗުން މާޒިޔާ މޮޅު ވެއްޖެނަމަ އެ ޓީމަށް ލީގް ކަށަވަރު ވެގެންދާނެ އެވެ.

އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ކުރިން ބުނެފައި ވަނީ އީގަލްސްގެ މިހާރުގެ ޓާގެޓަކީ ދެ ވަނައިގައި ހިފެހެއްޓުން ކަމަށެވެ. އޭނާ އެހެން ބުނީ މާޒިޔާގެ ސްކޮޑް ވަރުގަދަ ކަމާއި އެ ޓީމުގެ މިހާރު އޮތް ފޯމް ރަނގަޅު ކަމަށް ފާހަގަ ކުރަމުންނެވެ.

މެޗުގައި ޓީސީގެ ލަނޑު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިސްމާއީލް އީސާ އެވެ. ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) އީގަލްސްގެ އޭރިއާގެ ރޮނގުމަތިން ފޮނުވާލި ބޯޅަ އީގަލްސްގެ ގޯލްކީޕަރު ސޫޖަން ޕެރޭރާ އެ ބޯޅަ ދިފާއު ކުރުމުން ރީބައުންސަށް ނުކުތް ބޯޅައަށް ސަމާލުވެގެން ހުރީ އިސްމާއީލް އީސާ އެވެ. އޭނާ ވަނީ އެ ބޯޅަ އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލަފަ އެވެ.

ޓީސީން ލަނޑު ޖެހުމުގެ އަށް މިނެޓް ކުރިން އީގަލްސްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އެ ޓީމުން އުފެއްދި ހަމަލާ ހުހަށް ހުރެ ތިރިން ފޮނުވާލި ބޯޅަ ޓީސީގެ ކީޕަރު ޕާކިސްތާންގެ ސާގިބް ހަނީފް ދިފާއު ކުރީ އެވެ. ދެ ވަނަ ފަހަރަށްވެސް އެބޯޅަ އީގަލްސްއަށް ލިބުމުން ބޭނުން ކުރެވޭނެ ގޮތެއް ނުވި އެވެ.

ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ މިދިޔަ ހަފުތާގައި އީގަލްސް އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން ކުޅުންތެރިން ތިބީ އިތުރަށް މަސައްކަތް ކުރުމުގެ ރޫހެއްގައި ކަމަށެވެ. އެހެންވެ ޓީސީން މަސައްކަތް ކުރަނީ އިތުރު ބަހަނާއެއް ނުދައްކައި މެޗުތަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށެވެ.