ސޮނީ ޕިކްޗާސްއިން ގެނެސްދޭ އެނިމޭޓެޑް ފިލްމު "ހޮޓެލް ޓްރާންސިލްވޭނިއާ 3: ސަމާ ވެކޭޝަން" އާއި ޔުނިވާސަލް ޕިކްޗާސްއިން ގެނެސްދޭ ފިލްމު "ސްކައިސްކްރެޕާ" އަންނަ ހުކުރު ދުވަހު ޝުވެކް ސިނަމާގައި ޕްރިމިއާކުރާނެ އެވެ.
ޝުވެކްގައި ދެއްކުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޝޯތަކުގެ ޓިކެޓް ބުކްކުރުމާއި ޓިކެޓް ވިއްކުން މިހާރު ވަނީ ފަށާފަ އެވެ. މާލެ އާއި ހުޅުމާލެ ޝުވެކްގައިވެސް މި ފިލްމުތައް ދައްކާނެ އެވެ.
"ހޮޓެލް ޓްރާންސިލްވޭނިއާ 3: ސަމާ ވެކޭޝަން" އަކީ މި މަހު ނިކުންނަ ފްރެންޗައިޒް ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ. އެނިމޭޓެޑް މި ފިލްމަކީ ސޮނީ ޕިކްޗާސް އެނިމޭޝަނުން ގެނެސްދޭ ފިލްމެކެވެ. މިއީ ފްރެންޗައިޒްގެ ތިން ވަނަ ފިލްމެވެ. އަދި "ހޮޓެލް ޓްރާންސިލްވޭނިއާ 2" ގެ ސީކުއެލް ފިލްމެވެ.
މޮންސްޓާތަކެއްގެ ވާހަކަ ގެނެސްދޭ މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނަނީ ޑްރެކިއުލާ މީހަކަށް (ޑްރެކް) އިންސާނަކު ދެކެ (އެރިކާ) ލޯބިވެވުމުން ހިނގާ ކަންތައްތަކެއް މައްޗަށެވެ. އެރިކާ ދިމާވާނީ ޑްރެކްގެ އާއިލާގެ މީހުން ސަމާ ވެކޭޝަނަށް ކްރޫސް ދަތުރެއްގައި ގޮސް އުޅެނިކޮށެވެ. އެރިކާއަކީ އެ ކްރޫސްގެ ކެޕްޓަނެވެ. އޭނާގެ މަގުސަދަކަށްވާނީ ހުރިހާ މޮންސްޓާތަކެއް މަރާލުމެވެ.
މި ފިލްމަށް އަޑު އަޅާފައިވާ ތަރިންގެ ތެރޭގައި ސެލީނާ ގޯމޭޒް، އެޑަމް ސެންޑްލާ، އޭންޑީ ސޭމްބާގް، ކެވިން ޖޭމްސް، ޑޭވިޑް ސްޕޭޑް، ކީގަން މައިކަލް ކީ، މޮލީ ޝެނޮން އަދި މެލް ބްރޫކްސްފަދަ ތަރިން ހިމެނެ އެވެ.
ޑްވޭން ޖޯންސަން ނުވަތަ ދަ ރޮކް ލީޑުން ފެނިގެންދާ "ސްކައިސްކްރެޕާ" އަކީ މި މަހު ރިލީޒްކުރާ އެންމެ ބޮޑު ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ. ރޯސަން މާޝަލް ތާބާ ޑައިރެކްޓުކުރާ މި ފިލްމަކީ ލެޖެންޑަރީ އެންޓަޓެއިންމަންޓާއި ޕާކެޓް ވޯލްޑް ޕިކްޗާސް، ޔުނިވާސަލް ޕިކްޗާސް އަދި ފްލިން ޕިކްޗާ ކޮމްޕެނީ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
މި ފިލްމުގައި ގެނެސްދޭނީ ކުރިން އެފްބީއަައި އެޖެންޓެންގެ ގޮތުގައި މަސައްކަތްކުރި ވިލް ސޯޔާ (ޑުވޭން)، ޓެރަރިސްޓް ހަމަލާތަކެއް ދިންކަމުގެ ދޮގު ތުހުމަތުތަކެއް ކުރުމުން ހިންގާ ކަންތައްތަކެއް މައްޗަށެވެ. އޭނާގެ ނަން އޮންނާނީ ވޯންޓެޑް ލިސްޓުގައި ހިމަނާފަ އެވެ. އެ ތުހުމަތުތަކުން ސަލާމަތްވުމަށާއި އޭނާގެ އާއިލާގެ މީހުން ސަލާމަތް ކުރުމަށް ކުރާ ކަންތައްތައް ވެސް ފެނިގެންދާނެ އެވެ.