ހަބަރު

ފޯނަށް ދައުލަތުން ހަރަދުކުރި ފައިސާ ދައްކަން އަސްލަމަށް ހުކުމްކޮށްފި

Jul 11, 2018
1

އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފޯނު ބިލަށް ދައުލަތުން ހަރަދުކުރި ތިން ލައްކަ ރުފިޔާ އަނބުރާ ދައްކަން އޭނާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން އަސްލަމްގެ މައްޗަށް ހުކުމް ކުރީ، 2009 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2011 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އަސްލަމްގެ ފޯނު ބިލަށް 312،000 ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާތީ އެ ފައިސާ އަނބުރާ ހޯދުމަށް ދައުލަތުން ދައުވާކުރުމުންނެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން އެ ފައިސާއަކީ އަސްލަމްގެ ފަރާތުން ދައުލަތަށް އަނބުރާ ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށެވެ. އެހެންވެ އެ ފައިސާ ފަސް މަސް ދުވަހުގެ ތެރޭގައި ދައްކާ ނިންމުމަށް ވަނީ އަންގާފަ އެވެ.

މިކަން އެންމެ ފުރަތަމަ ފެންމަތިވީ ހައުސިން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގަ އެވެ. އެމްޑީޕީ ސަރުކާރުގައި އިސް ބޭފުޅުން ގަވައިދާ ހިލާފަށް ދައުލަތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މީގެކުރިން ބުނެ، އެ ފައިސާ އަނބުރާ ނުދައްކައިފިނަމަ ދައުވާކުރާނެ ކަމަށް ބުނެފައިވެ އެވެ.