ފިނިޕޭޖް

މަލާލާގެ ބަޔޮޕިކް ފިލްމުގެ ޓީޒާ ދޫކޮށްލައިފި

އެންމެ ހަގު އުމުރުގައި ނޮބެލް ސުލްހައިގެ އިނާމު ހޯދި އަދި އަންހެންކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޕާކިސްތާނުގެ މަލާލާ ޔޫސުފްޒާއީގެ ހަޔާތަށް ތައްޔާރުކޮށް ގެނެސްދޭ ފިލްމުގެ ޓީޒާ ދޫކޮށްލައިފި އެވެ.

މި ފިލްމުގެ ޓީޒާ ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހު ފާހަގަކުރި "މަލާލާ ޑޭ" ގެ މުނާސަބަތުގަ އެވެ. މަލާލާ ޑޭ ފާހަގަ ކުރަނީ އޭނާގެ އުފަންދުވަހު އެވެ. މި ފިލްމު އުފައްދާ ފަރާތުން ޓީޒާ ދޫކޮށްލީ މަލާލާއަށް އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގަ އެވެ. މި ފިލްމުގެ ނަމަކީ "ގުލް މަކައި" އެވެ.

އުމުރުން އެންމެ 17 އަހަރުގައި މަލާލާ، ނޮބެލްގެ ސުލްހައިގެ އިނާމް ހާސިލުކޮށްފައި ވަނީ ތައުލީމު އުނގެނުމާއި އެއްކޮޅަށް ޕާކިސްތާނުގައި އޭނާ ކުރިއަށް ގެންދިޔަ ކެމްޕޭނުގައި ތާލިބާން ހަނގުރާމަވެރިންގެ މަރުގެ އެތި ފަހަރަކުން ސަލާމަތްވުމަށްފަހު އެވެ. އެއީ 2012 ވަނަ އަހަރު އެވެ.

ތާލިބާނުން މަލާލާއަށް ހަމަލާދިނީ ޕާކިސްތާނުގެ ސުވާތު ވާދީގައި މަލާލާ ދިރުއުޅުނު ސަރަހައްދުގައި ސްކޫލު ބަހެއްގައި އިންދާ އެވެ. އެހަމަލާގައި ފުރާނައަށް ނުރައްކާވާފަދަ ޒަހަމްތަކެއް ލިބިފައިވަނިކޮށް މަލާލާ ފަރުވާއަށް އިނގިރޭސިވިލާތަށް ގެންދިޔަ ފަހުން އޭނާ ދިރިއުޅެމުން އަންނަނީ އިނގިރޭސިވިލާތުގަ އެވެ.

މި ފިލްމުގެ ޑައިރެކްޓުކުރީ އަމްޖަދު ޚާން އެވެ. ކާސްޓުގެ ތެރޭގައި ހިމެނެނީ ރީމް ޝެއިޚް، ދިވްޔާ ދައްތާ، މުކޭޝް ރިޝީ، އަބީމަންޔު އަދި އާޖާޒް ޚާން އެވެ. މި ފިލްމު ރިލީޒްކުރާ ތާރީހު އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.