ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ޕާކިސްތާނުގެ ޒުވާން އަންހެންކުއްޖާ މަލާލާ ޔޫސަފްޒާއީގެ ބައޮޕިކް ރިލީޒްކުރާ ތާރީޚަކީ އަންނަ ޖެނުއަރީ 31 ކަމަށް އިއުލާން ކޮށްފި އެވެ. އެޗްއީ އަމްޖަދު ޚާން ޑައިރެކްޓް ކޮށްފައިވާ މި ފިލްމު ޕްރޮޑިއުސްކުރަނީ ސަންޖޭ ސިންގްލާ އެވެ.
މި ފިލްމުގައި މަލާލާގެ ރޯލު ކުޅެނީ ރީމް ޝެއިޚް އެވެ. ރީމްގެ އިތުރުން ދިވްޔާ ދައްތާ، ޕަންކަތު ޓްރިޕާތީ، އަތުލް ކުލްކަރްނީ އަދި މުކޭޝް ރިޝީ މި ފިލްމުގައި މުހިއްމު ބައިތަކެއް ކުޅޭނެ އެވެ.
ފިލްމުގެ ޕްރޮޑިއުސަރުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ "ގުލް މާކާއީ" ގައި ފެނިގެން ދާނީ ތާލިބާނުގެ ހަނގުރާމަވެރިން 2009 ވަނަ އަހަރު ޕާކިސްތާންގެ ސްވަޓް ވެލީ އަތުލައިގަނެ އެތަނުގައި ހިންގި ކަންތައްތައް ތަޖުރިބާ ކުރި މީހެއް ޒިއާއުއްދީން ޔޫސަފްޒާއީގެ އާއިލާގެ ހިތްވަރުގަދަކަމާއި އެމީހުންގެ އަތްދަށުން ސަލާމަތްވާން އެމީހުން ކުރި ބިރުވެރި ދަތުރު ކަމަށެވެ.
އެ ދުވަސްވަރު ޒިއާއުއްދީން ޔޫސަފްޒާއީގެ އަންހެންދަރިފުޅު މަލާލާ ވަނީ ބީބީސީ އުރުދޫ ވެބްސައިޓްގައިވާ އޭނާގެ ބްލޮގްގައި ތާލިބާނުންނާ ދެކޮޅަށް ވާހަކަ ދައްކާ އަޑު އުފުލާފަ އެވެ. އަދި ސްވަޓް ވެލީގައި އެމީހުންނަށް ކުރިމަތިވަމުންދިޔަ ބިރުވެރިކަންތައްތައް ވެސް މަލާލާ ވަނީ ބްލޮގްގައި ލިޔެ މުޅި ދުނިޔެއަށް ކިޔައިދީފަ އެވެ. މަލާލާ ބްލޮގްގައި ލިޔުނީ އޭނާގެ ނަމުގެ ބަދަލުގައި "ގުލް މަކާއީ" ގެ ނަމުގަ އެވެ.
އަންހެންކުދިންނަށް ފުރިހަމަ ތައުލީމު ލިބެން ޖެހޭނެ ކަމަށް މަލާލާ ވަކާލާތުކޮށްފައި ވެއެވެ. އޭނާގެ ކެރުމާއި ހިތްވަރަށް މުޅި ދުނިޔޭގެ ތާއީދު ލިބުނެވެ. ނަމަވެސް އޭގެ ބަދަލު މަލާލާ އަށް އަދާކުރަން ޖެހުނީ ވަރަށް ހިތި ގޮތަކަށެވެ. ތާލިބާނުން ބަޑި ޖަހައި މަލާލާ ވަރަށް ބޮޑަށް ޒަޚަމްކޮށްލި އެވެ. މި ހާދިސާގައި އޭނާގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ އެވެ.