އެންޖެލީނާ ޖޮލީ

ޕާކިސްތާން ރައްޔިތުންނަށް އެންޖެލީނާ ޖޯލީ އެހީވަނީ

ހޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ތެރޭގައި ހިމެނޭ އަދި އޮސްކާ އެވޯޑްވެސް ހޯދާފައިވާ އެންޖެލީނާ ޖޯލީ ޕާކިސްތާނުގައި ފެންބޮޑުވެ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށްޓަކައި ޕާކިސްތާނަށް ގޮސް އެ މަސައްކަތް ފަށައިފި އެވެ.

ޕާކިސްތާނުގެ ކަރާޗީއަށް މިދިޔަ ޖޫން މަހުގެ މެދުތެރޭ ކުރި ބޯ ވިއްސާރައިގެ ސަބަބުން ކޯރުތައް ބަންޑުންވެ، އެތައް މިލިއަން މީހުން ބިކަ ހާލުގައި ޖެހި ގާތްގަނޑަކަށް 1،559 މީހުން ވަނީ މަރުވެފަ އެވެ.

ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހާލުގައި ޖެހިފައިވާ މީހުންނާ އެންޖެލީނާ ބައްދަލުކޮށް ހާލަތު އޮޅުންފިލުވާ ތަން ފެނެ އެވެ.

ކަރާޗީގައި އެންމެ ހާލުގައި ޖެހިފައިވާ އެއް ރަށް، ދާދޫ އަށް ވެސް އެންޖެލީނާ ދަތުރުކޮށްފައިވެ އެވެ. މި ރަށުގައި މިހާރު ވަނީ ފެން ބޮޑުވުމާ ގުޅިގެން ބަލިތައް ފެތުރި 300 އެއްހާ މީހުން މަރުވެފައިވެ އެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ދާއިރާގެ ފަންނުވެރިން މަސައްކަތް ކުރި ނަމަވެސް، ފެން ބޮޑުވުމުގެ މައްސަލަތައް ހައްލުކުރަން ހަ މަަހެއްހާ ދުވަސް ނަގާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

އެންޖެލީނާ ގެންދަނީ 2011 ވަނަ އަހަރުން ފެށިގެން އދ.ގެ ރެފިއުޖީންނާ ބެހޭ ހާއްސަ އެންވޯއީއެއްގެ ގޮތުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް މަސައްކަތް ކުރަމުންނެވެ.

މީގެކުރިން 2005 ވަނަ އަހަރު ޕާކިސްތަނަށް ކުރިމަތިވި ބޮޑު ބިންހެލުމަކާ ގުޅިގެންނާއި 2010 ވަނަ އަހަރުވެސް ފެން ބޮޑުވެގެން ޕާކިސްތާނަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން އޭރުވެސް ޕާކިސްތާނަށް ދަތުރުކޮށް ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް އެންޖެލީނާ މަސައްކަތްކޮށްފައިވެ އެވެ. އެންޖެލީނާގެ މަސައްކަތަށް ގިނަ މީހުންގެ ތައުރީފް އަބަދުވެސް ލިބެ އެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރު ޝަހްބާޒް ޝަރީފް އދ.ގެ 77 ވަނަ ޖެނެރަލް އެސެމްބްލީގައި މޫސުމީ ބަދަލުތަކުން ދިމާވާ ފެންބޮޑުވުމާއި އެކަމުން ގައުމުތަކަށް ލިބޭ ބޮޑެތި ގެއްލުންތަކާ ގުޅޭގޮތުން ވާހަކަ ދެއްކެވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ޕާކިސްތާނަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް މަދުވެގެން 30 ބިލިއަން ޔޫއެސް ޑޮލަރުގެ އެހީ އެ ގައުމަށް ބޭނުންވެ އެވެ.