ހަބަރު

ކުށްވެރިން ދޫކޮށްލައިގެން ގައުމު ތަރައްގީއެއް ނުކުރެވޭނެ: ރައީސް ޔާމީން

ކުށްވެރިންތަކެއް ދޫކޮށްލާ ގައުމުގެ ހަމަޖެހުން ނަގާލައިގެން ގައުމު ތަރައްގީއެއް ނުވާނެ ކަމަށާއި މުޖުތަމައުއަށް މުޖުރިމުންތަކެއް ދޫކޮށްލާކަށް ރައްޔިތުން ވެސް ބޭނުމެއް ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރިޔާސި އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ނޮވެމްބަރު 17 ގައި ހުވާ ކުރާ ދުވަހު ހައްޔަރުކޮށްފައިވާ ސިޔާސީ ކުށްވެރިން ދޫކޮށްލާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު
(އިބޫ) ވައުދުވެ ވަޑައިގެންފައި ވަނިކޮށެވެ.

ހދ. ނޮޅިވަރަމްގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ނިމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކަމަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޮޑެތި ކުށްވެރިން މުޖުތަމައުގެ ތެރެއަށް ދޫކުރާ ވާހަކަދައްކަވާ އިރު އެއީ ރައްޔިތުން އެންމެ ބޭނުންވާނެ ގޮތެއް ނޫން ކަމަށާއި ކުށްވެރިން ހައްގުތަކެއްވާ ފަދައިން މުޖުތަމައުގައި އުޅޭ މައުސޫމް މީހުންގެ ވެސް ހައްގުތަކެއް ވާނެ ކަމަށެވެ. އަދި ގައުމު ތަރައްގީ ވާނީ ހަމަޖެހުމުގެ ތެރެއިން ކަމަށާއި ކުށްވެރިން ދޫކޮށްލާ، މަސްލަހަތު ނަގާލައިގެން ގައުމެއް ތަރައްގީއެއް
ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިއަދު މި ދެކެވެނީ ހުރިހާ ކުށްވެރިން ދޫކުރާ ވާހަކަ، މިއީ ކިހާ ވަރެއްގެ ވާހަކައެއްތޯ، އެއްވެސް މީހަކު މީހަކަށް އަދަބު ދެނީ އެކަން ކުރާ ހިތަކުންނެއް ނޫނޭ، އެކަމަކު ކީއްވެގެންތީ ރަށްރަށުގެ ތިއްބަވާ ފަނޑިޔާރުން ފަތިސް ނަމާދުކޮށްގެން ދެފައިގައި ޖަހާ ފައި ބިންދާލުމުން ކީއްވެގެންތޯ އެކަން ކުރާ މީހަކު އަދަބު ނުލިބޭންވީ، ކީއްވެގެންތޯ އެއްވެސް ކަހަލަ ރަހުމެއް ނެތް މީހަކަށް އެ މީހެއްގެ ފުރާނަ އޭނާގެ ޖިސްމާ ވަކިވެގެން ދިޔައީ އަދަބު ނުދޭންވީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އަދަބު ދެނީ ތަރުބިއްތު ކުރަން ކަމަށާއި އަދަބު ނުދީ އެކަން ކުރެވޭނެ ގޮތެއް ނެތުމުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ރަށްރަށަކީ ބޮޑެތި މުޖުރިމުން ގިނަވާ ރަށްރަށް ކަމަށް ވާން ބޭނުމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ނަމަވެސް ކުށް ކުރާ މީހުންގެ ތެރެއިން އިހުސާންތެރިކަމެއް އޮންނަ ޖެހެނީ މަސްތުވާތަކެތި ބޭނުން ކުރާ ޒުވާން ކުދިން ކަމަށާއި މަސްތުވާތަކެތިން އެ ކުދިން އަރައިގަތުމަށް ކުރާ މަސައްކަތުގައި އެ ކުދިންނަށް އެހީ ތެރިވުމަށް ކޮންމެ ސަރުކާރަކުން ވެސް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. ނަމަވެސް އެ ނޫން އެހެން ކުށްވެރިންތައް ދޫކޮށްގެން މުޖުތަމައަށް އަންނަ ނުރައްކަލަށް ވުރެ ބޮޑަށް ބޭނުންވާނީ ރަށްރަށަށް އަންނަ ތަރައްގީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ދަރިން ރަނގަޅު ތައުލީމެއް ދިނުމާއި ރަނގަޅު ތަރުބިއްޔަތެއް ދިނުމާއި ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ދީ ދައުލަތުގެ ކަންކަމާ ހަވާލުވެ ދޮށީ ރައްޔޮތުންނަށް އުފާވެރިކަން ގެނެސްދޭ ބަޔަކަށް ވާއިރު މި މަފްހޫމްއަކާ ނުގުޅޭ ކުށްވެރިން ދޫކުރާ ވާހަކަ ދެއްކީމައެއް، މިއީ ގުޅޭ ކަންކަމެއް ނޫން، ރަނގަޅު ތަރުބިއްޔަތަކާއެކީ ނިކުންނަ ބަޔަކު ކުށްތަކަކަށް އަރައެއް ނުގަންނާނެ އެހެން ބައެއްގެ ހައްގުތަކަކަށް އަރައެއް ނުގަންނާނެ، އެހެންވެ އެއީ އޭގެ ޒާތުގައި އެހާ އަޑު އަހާ ހިތްވާނެ ވާހަކައެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.