މީހުން

ނަތީޖާ ނެރޭނީ ކަސްޓަމް ހެއްވާލާފައި!

އެންމެން މުހައްމަދު ޖުނައިދު ދަނެ އެވެ. އޭނާގެ ވާހަކަ އެހާވަރަށް ދައްކަ އެވެ. ޖުނައިދު ވިދާޅުވާ ގޮތުގައި މީހުން އޭނާ ދަންނަވަރަކީ އޭނާގެ ވާހަކަ އޭނާއަށް ވުރެ ބޮޑަށް އެނގޭ މީހުން މާގިނަ އެވެ. ޖުނައިދު އަމިއްލަފުޅަށް އެވާހަކަ ލިޔުއްވަންދެން ނުވަތަ ދައްކަވަންދެން އެވާހަކަތައް ބާއްވާށެވެ. އެކަމަކު އެންމެން ގަބޫލުކޮށްފައިވާ ހަގީގަތެއް އޮވެއެވެ. ޖުނައިދުތަ، ކަން ކުރައްވާނެ އެވެ. ކުރައްވާ ކަމެއްގައި ނަތީޖާ ނެރުއްވާނެ އެވެ. ޖުނައިދުތަ ވިދާޅުވާން ކެރިވަޑައިގަންނަވާނެ އެވެ. އެ ވިދާޅުވި ގޮތަކަށް އަމަލު ކުރައްވާނެ އެވެ. އެމްޕީއެލްގައި ހުންނަވައިގެން އޭނާ ވަނީ އެކަން ސާބިތު ކޮށްދެއްވާފަ އެވެ. މިހާރު ޖުނައިދުގެ އާ ދައުރެއް ފެށުނީ އެވެ. މިފަހަރު އަނެއްކާވެސް ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް (ސީޖީ)ގެ މަގާމާއެކު އެވެ. ތިރީގައި އެވަނީ އޭނާ "އަވަސް" ދިން އިންޓަވިއުއެއްގެ ބައެއް ސުވާލުތަކާއި އޭގެ ޖަވާބުތައް ކުރުކޮށެވެ.

ދެވަނަ ފަހަރަށް ކަސްޓަމަށް ވަޑައިގެން ކުޑަ ދުވަސްކޮޅެއްވެއްޖެ، ކޮންކަހަލަ ބަދަލުތަކެއްތޯ ގެންނަވަން މަސައްކަތް ކުރައްވަނީ؟ އެއްވެސް ބަދަލެއް ގެނެވިއްޖެތޯ؟ ގެނެވޭނެތަ؟

ކަސްޓަމަކީ ވެރިޔަކު ބަދަލުވެގެން މާ ބޮޑު ބަދަލެއް އަންނާނެ ތަނެއް ނޫން. އެހާ ބޮޑު ބަދަލެއް ގެނެވޭނެ ތަނެއް ވެސް ނޫން. މައިގަނޑު ސަބަބަކީ މިއީ ވަކި ގާނޫނެއްގެ ދަށުން ހިނގާ ލޯ އެންފޯސްމެންޓް އިދާރާ އެއް. އެހެން ނަމަވެސް ވިޔަފާރިވެރިންނަށް އެވަގުތެއްގައި އޮންނަ ދަތިތައް އޭރެއްގައި ހުންނަ ކޮމިޝަނާއަކާއެކު ކުރިޔަށްދޭ. އެކަންކަން މިހާރުވެސް ހިނގާނެ އަދި އެކަންކަމަށް އަޅުގަނޑު ބީރަޓެއްސެއް ވެސް ނުވާނެ. އަޅުގަނޑާއެކު ވިޔަފާރިވެރިންނަށް އޮވޭ އެޑްވާންޓޭޖެއް އެއީ ބޯޓް ފަހަރު އޮޕަރޭޓް ކުރާ މެރިޓައިމް ދާއިރާގެ މީހެއް އަޅުގަނޑަކީ. އަށާރަ އަހަރު އެ ދާއިރާގައި އުޅެވުނު ރާއްޖޭގައި އަޅުގަނޑު އާވެދާނެ އެކަމަކު އެ ދާއިރާގެ މަތީފަންވަރުގައި އުޅެވިފައި ހުރުމާއި އެމްޕީއެލްގެ އިސް މަގާމުތަކުގައި ތަޖުރިބާ ހޯދިފައި ހުރުމާއި ބޯޓް ފަހަރާއި މުދާ އަރުވާ ބޭލުމުގެ ރާއްޖޭގެ ވަރަށް ގިނަ ކަންކަން އެއީ ތަޖުރިބާ. މިއަދު ކަސްޓަމާ ހަވާލުވެގައި އެ ތަޖުރިބާ އެޕްލައި ކޮށްލާކަށް އަޅުގަނޑަކަށް ދައްޗެއް ނޫން. އަޅުގަނޑުގެ ވެސް އާއިލީ ވިޔަފާރިއެއް ހިނގަ ހިނގާ އޮތުމާއި ކުރިންވެސް ކަސްޓަމްސްގައި އުޅެވިފައި ހުރުމުން. ކަސްޓަމްގެ ތާރީހުގައި ވެސް މި ތިޖުރިބާތަކާއެކީ މި މަގާމަށް އައީ އަޅުގަނޑު. އަދި އެއް ދައުރެއްގައި ދެވަނަ ފަހަރަށް ސީޖީ ކަމަށް އައި ފުރަތަމަ މީހަކީވެސް އަޅުގަނޑަށްވެފައި އަޅުގަނުގެ ތަޖުރިބާއިން ވިޔަފާރިވެރިންނަށް، ކަސްޓަމަށް، ޖުމްލަކޮށް މުޅި ރާއްޖެއަށް ފައިދާ ހުރި ބަދަލުތަކެއް ގެނެސް ދެވޭނެ.

ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލެއް އަންނަތަން ފެނިދާނެތޯ؟ އެެހެން މި ދެންނެވީ ވަރަށް އަވަހަށް ބަދަލުވޭ ވިއްޔާ!

ކުރިން ވެސް އަޅުގަނޑު ހުރެފައި އަދި ފަހުން އަޅުގަނޑަށް މި ޖާގަ ދެއްވާނީ ރައީސުލްޖުމްހޫރިއްުޔާ އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް އަޅުގަނޑަށް އިތުބާރު ކުރެއްވޭތީ. އަދި ވިޔަފާރިވެރިންގެ ޝަކުވާއެއް އޮތްތަން ނުފެންނާތީ. ކޮންމެ ބޭފުޅަކު ވަޑައިގަތަސް އެކަތި ފަހަރުން ބޮޑު ބަދަލެއް ރެއަކަށް އޮއްސިފައި ދުވާލަކަށް އިރު އަރާއިރު ނުގެނެވޭނެ. ކޮންމެ ބޭފުޅަކުވެސް ފުރަތަމަ ކުރައްވާނެ ކަމަކީ ލުއި ފަސޭހަ، ފައިދާ ހުރި ގޮތަކީ ކޮބައިތޯ ދެނެގެންފައި ވަގުތު ސަލާމަތް ކުރުން... އަވަސް އަވަހަށް ބަދަލުވުމަކީ ހިނގަ ހިނގާ އޮންނަ ކަމެއް. ކޯރެއްގައި ވިއްޔާ ފެންގަނޑު ހުއްޓިފައެއް ނޯވޭ. އަބަދުވެސް އޮންނަނީ ދެމި ދެމި. ގަހެއްގައި ވިއްުޔާ ކުރިން ޖަހާ ފަތް ކުރިން ދޮންވޭ. މަގާމުތައް ވެސް އޮންނާނީ އެފަދައިން. އަތުވެދާނެ ހިނގައިދާނެ.

އެހެންވިއްޔާ މިހާރުގެ ވިސްނުންފުޅަކީ ކޮބައިތޯ؟

އަޅުގަނޑުގެ ވިސްނުމަކީ ވަރަށް ފާޑެއްގެ ވިސްނުމެއް. އެހެން ބޭފުޅުންނާ ވަރަށް ތަފާތު ވެދާނެ. އަޅުގަނޑުގެ ވިސްނުން މިސްރާބު ކުރާނީ ވީހާވެސް ބޮޑަށް ޑޮކިއުމެންޓޭޝަން، ނޫނީ ކަރުދާސްތަކާ ދުރުވެފައި އޮޓޮމޭޓެޑް ނިޒާމެއްގެ ތެރެއިން ކަންކަން ފުރިހަމަ ވެގެން ދާނެ ގޮތަކަށް. މުދާ އައުމުގެ ކުރީގެ ކުރަން ޖެހޭ ކަންކަން ކުރުމާއި އޭގެ ފަހަށް ވެސް ވަގުތު ސަލާމަތް ކުރުން މިއަދަކު ނޫނީ މާދަމާއަކު އިއުލާންވާނެ ސްކޭންކޮށްފައި ސްޓޯ ކުރާ ޑޮކިއުމެންޓްތައް ބްރޯކަރުން ޓިކްކޮށްލުމާ ހަމައިން އެކަން ނިމޭ ގޮތަށް. އޭރަށް ސްކޭން ކޮށްފައި ސްޓޯ ކުރާ ޑޮކިއުމެންޓް މަދުވެފައި މުވައްޒަފުން މަސައްކަތުގައި ހޭދަ ކުރަންޖެހޭ ވަގުތު ސަލާމާތްވާނެ ކަސްޓަމްސްގެ ބުރަކަށްޓަށް އޮތް ބަރުން ބައެއް ކެނޑޭނެ. އެއީ އެކަމަކު ކުޑަ ކުޑަ ކަމެއްނު.

އާ ޒަމާނަކަށް ގޮސް އެހެންވެސް ކަސްޓަމްސް އިދާރާތަކާ ފައި ހަމަ ކުރުންތޯ ވިސްނުންފުޅަކީ؟

ޖުމްލަ ގޮތެއްގައި އަޅުގަނޑުގެ ވިސްނުމަކީ ތިޔައީއޭ ބުނެވިދާނެ. މަސައްކަތް ބައްޓަން ވެގެންދާނީ ނަތީޖާއަށް. މިޒަމާނުގައި ދުނިޔޭގެ އެހެން ކަސްޓަމްސް އިދާރާތަކުގައި ވެސް އެޕްލައިކޮށްފައިވާ ޑިސިޕްލިން އާއި ނިޒާމްތަކުގެ ތެރެއަށް ދާނީ. ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަންގައި ރާއްޖެ ހިމެނޭ، ރާއްޖޭގެ ކަސްޓަމްސް އަށް 128 އަހަރުވެއްޖެ، ކަސްޓަމްސް އަކީ އެތެރެ ކުރުމާއި ބޭރު ކުރުމުގެ ތެރޭގައި ހިންގާ ކުށްތަކާއި އެކަންކަމުގެ ވެއްޓަށް ފާރަވެރިވެގެން އެކަނި އޮންނަ ބައެއް ނޫން. ވިޔަފާރީގެ ތެރެއިން ކަސްޓަމްސްގެ ތޮށިގަނޑު އެންމެ ފުރިހަމައަށް އެކުލަވައިލާ ހަކަތައާއެކު ހިނގަ ހިނގާ އޮންނަ އިދާރާއަކަށް ވާންޖެހޭ އެކަން ކުރަން އަޅުގަނޑު ބޭނުންވޭ. ވިޔަފާރި ކުރާ މީހާ އާއި އާންމު މީހާއަށް ނޭނގި އާއި އޮޅިގެން ހިނގާ ކަންކަންކަމުގައި އަދަބުދޭ ތަނަކަށް ވެގެން ކަސްޓަމްސް އޮނާކަށް ނުޖެހޭ. އޭގެ ބަދަލުގައި ކަސްޓަމްސް ޖެހޭ ވިޔަފާރިވެރިންގެ ތެރެއަށް ދާން އާންމުންނަށް އެނގޭ ތަނަކަށް ވެސް ބަދަލުވާން.

އެވަރުގެ ބަދަލެއް މިހާރުވެސް ގެނެވިދާނެ ނޫންތޯ؟ ހަމަ ޖުނައިދު ނިންމީމާ އެވީއެއްނު؟

އެއީއަކީ އެހެންވާ ކަމެއް ނޫން. ތެދެއް ކަސްޓަމްސް އަކީ ދުވަސްވީ ތަނެއް އަދި އިލްމީ ގާބިލް ކަމާއި އިންޓެލިޖެންސަށް ބެލިއަސް ގާބިލް ތަނެއް. އަބަދު ކޯސްތަކާއި ޓްރޭނިންތަކާއި ތާޒާވުން ހިނގަ ހިނގައި ވެސް އޮވޭ. އަދި އަލަށް ގެންނަ ބަދަލުތަކާއި ދުނިޔޭ ޓްރެންޑަށް ވެސް ކަސްޓަމްސް ހޭލާ އޮވޭ. އެކަމަކު ބަދަލެއް އަންނަ އިރު އެންމެނަށް އެޕްލައި ކުރެވޭ އަދި އެއިން އެނގުން އަތުވެއްޖެކަން އިހުސާސްވާ ބަދަލަކަށް ވާންޖެހޭނެ. އެއީ ރެއަކުން ވާ ކަމެއް ނޫން. ސުވިޗަށް ފިތާލީމާ ސްވިޗް ޖެހޭނެ. އެކަމަކު އައި ބަދަލު ރަނގަޅަށް އިހުސާސްވާން ޖެހޭ ވަރުގެ ބަދަލަކަށް ވާންޖެހޭނެ. އެ ނޫނިއްޔާ އަޅުގަނޑު މިތަނަށް އައުމުގެ ބޭނުމެއް ވެސް ނެތް. މިއަށް ވުރެ އަޅުގަނޑަށް މުހިންމު އެހެން ކަންތައް ހުރޭ.

ވިޔަފާރި އާއި ކަންކަން ފުޅާވާއިރު ހުރިހާ ދިމާއަކުން ފެންނަނީ ލޯޑް ބޮޑުވެ ލޯޑު ނުހިފެހެއްޓިގެން އުޅޭތީ، ކަސްޓަމްސްގެ ލޯޑް ހުރީ ކިހިނެއް؟ އެއާ ފައި ހަމަ ކުރަނީ ކިހިނެއް؟

ތާރީހުގައި ވެސް މި ވޭތުވެދިޔަ ފަސް އަހަރު، ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ހުރިހާ ދިމާއެއްގައި ވެސް ދަނީ ލޯޑާއި ސްޕީޑް ހިފަމުން. ބޮޑު ލޯޑެއް އެބަ ހިފާ، އާދައިގެ މީހަކަށް އިހުސާސްވެސް ކޮށް ނުލެވޭނެ. އެ ލޯޑް ކަސްޓަމްސްގައި ވެސް ވަރަށް ބޮޑަށް އެބައޮތް. ރެއާ ދުވާލު ކަސްޓަމްސްގެ މުވައްޒަފުން ސްޕީޑް ނަގާއިރު ވެސް ލޯޑް ހިފާ.
މިހާރު ގެނެވޭ ބައެއް މުދާ އެބަ ހުއްދަ ދެން ޕްރޮޖްކްޓަށް ފަސޭހަ ކޮށް ދިނުމަށާއި ސްޕީޑް އެއްވާނެއްގައި ހިފެހެއްޓުމަށް. އެގޮތުން މާލެއަށް ބޭލުމުގެ ބަދަލުގައި އެ ސައިޓަކަށް ގޮސް އެތާކަށް ބާލަން. ރިސޯޓްތައް ވެސް ހިމެނޭ ގޮތަށް.

ތިޔަ ވިދާޅުވީ؟ އެ ދެން އެހިސާބުން ދޫކޮށްލަނީއޭ ތޯ؟

ނޫން އެހިސާބުން ދުލެއް ނުކުރާނެ. ހިސާބު ކިތާބު ރަނގަޅަށް ބަލާނެ. ކަސްޓަމްސްގެ ލޯމަތިން ނެއްޓިގެނެެއް ވެސް ނުދާނެ. ތިޔަ ކުރެއްވި ސުވާލު އެބަދޭ ގެނައުން މަނާ ބައެއް ބާވަތްތަކާއި މަސްތުވާތަކެތި އެ ލުއީގެ ތެރެއިން ފޭދިގެން ހިނގައިދާނެތޯ ވެސް. އެހެނެއް ނުވާނެ އެފަދަ ކަމެއް ހިނގިޔަ ނުދޭން އަޅާ ފިޔަވަޅުތައް ފުރިހަމަ ސްކޭލްގައި އެޅުމާއެކު ބޯޓްގައި ކަސްޓަމްސްގެ އޮފިސަރުން 24 ގަޑިއިރު ތިބެގެން ބަލާނެ. ކަސްޓަމްސްގައި ވެސް ވަރަށް ލޯޑް ބޮޑު. އެކަމަކު ކަސްޓަމްސް އިން މިވެނިކަމެއް ނުވެގެން އެވެނި ކަމެއް ހަމަ ނުޖެހިގެން އަންނަ ޝަކުވާ އައުން ވަރަށް ކުޑަ، އަޅުގަނޑު އާއިރުވެސް ކުޑަ. ދެންވެސް ކުޑަވާނެ.

ކަސްޓަމްސް އޮފިސަރުންނާމެދު މީހުން ފާޑުފާޑުގެ ވާހަކަތައް ދައްކާ؟ ކީކޭ ވިދާޅުވަނީ؟

މީހުން ވަރަށް ގިނަ ވަރަށް ހީނލެވޭ ކަހަލަ ވާހަކަ ދައްކާނެ ޖުނޭދޭ ކިޔައިގެން ވެސް. އެހެންވީމާ ކަސްޓަމްސް އޮފިސަރުންނާމެދު ވާހަކަ ދެއްކުމަކީ ހައިރާންވާންވީ ކަމެއް ނޫން. އަޅުގަނޑު ދަންނަވަފާނަން ވާހަކައެއް، އަޅުގަނޑު ވިޔަފާރި ކުރާ މީހެއްގެ ހައިސިއްތުން ވެސް އަދި މެރިޓައިމް ތަޖުރިބާކާރެއްގެ ހައިސިއްޔަތުން ވެސް އަދި ކުރިން ކަސްޓަމްސް ހިނގަން ހުރި މީހެއްގެ ގޮތުންނާއި އެމްޕީއެލް ހިންގި މީހެއްގެ ގޮތުންނާއި މިއަދު ކަސްޓަމްސްގެ ސީޖީގެ ހައިސިއްޔަތުން، ކަސްޓަމްސްގެ މުވައްޒަފުން އަދި އޮފިސަރުންގެ މައްޗަށް ވަރަށް ފަހުރުވެރިވަން. ތިޔަ ދެންނެވި ލޯޑް ވެސް ބަންޑު ނުވެ އޮންނަނީ ކަސްޓަމްސްގެ އޮފިސަރުންގެ ވަރުގަދަ ހިންމަތުން. ކަސްޓަމްސް އޮފިސަރަކީ އެހަރަ ދާ މީހާ އާއި މިހިރަ އަންނަ މީހާއެއް ނޫން. ކަސްޓަމްސް އޮފިސަރަކީ ވަރަށް ވަރުގަދަ ޑިސިޕްލިންއަކާއި ތަމްރީނުތަކެއް ލިބިގެން ހުންނަ މީހެއް. އަދި މީހަކަށް ކަސްޓަމްސްގެ ވަޒީފާއެއް ލިބުނަސް އަނެއް ދުވަހަކު ނުނުކުންނާނެ އޭނަ ނުކުންނާނީ އެންމެ ކުޑަ މިނަށް ބޭނުންވާ ތަމްރީންތައް ހަދައި ފާސްވެގެން. ވާހަކަ ދައްކާ މީހުންނަށް މި ވާހަކަ އެނގުނީމާ ރާގު ބަދަލުވެދާނެ. މިވާހަކަ ބުނަން ޖެހޭނީ. ޖުނޭދުގެ ވާހަކަވެސް ބުނަން ޖެހޭނީ ނުބުނެ އޮތިއްޔާ ވާހަކަތަައް އޮންނާނެ.

ކަސްޓަމްސްގެ ނިޒާމަކީ ވަރަށް އުނދަގޫ ނިޒާމެއްތޯ؟

ނޫން މާ އުނދަގޫ ނިޒާމެއް ނޫން. ވަރަށް ފަސޭހަ އޮޕަރޭޓް ކުރަން. އަންނާނީ ކުޑަކުޑަ ތަފާތެއް. އެއީ ކާރެއް ދުއްވަން ނުފަރިތަ މީހާ ކާރު ދުއްވުމާއި ކާރު ދުއްވަން ފަރިތަ މީހާ ކާރު ދުއްވާލުމާ ހުންނަ ތަފާތު. ދެ މީހުން ވެސް އެއީ ކާރު ދުއްވޭ މީހުން. އެކަމަކު ފަރިތަ މީހާ ފަރިތައިއްޔާ އެވާހަކަ ދައްކާނެ، ނުފަރިތަ މީހާ ނުފަރިތައިއްޔާ އެވަހަކަ ވެސް އޮންނާނެ. އަޅުގަނޑު ވަރަށް ފަރިތަ ވާނެ މި ނިޒާމް އޮޕަރޭޓްކޮށްލަން.

އެންމެ ރަނގަޅު ޕްލޭން ތިކުރައްވަނީ ކޮންކަހަލަ ބަދަލުތަކެއް އެޕްލައި ކޮށްލައްވަން؟

އަޅުގަނޑުގެ ވިސްނުމަކީ މުދާ އެތެރެ ކުރާ ފަރާތްތަކަށް ހުރި ދަތިތަކަކީ ކޮބައިތޯ ދެނެގަނެ އެ ބޭފުޅުންގެ ބަސް ހިމެނޭ ގޮތަށް އެކަމަކަށް ފަރުވާ ހޯދުން. ރާއްޖޭގެ އެކި ދިމަ ދިމާގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާއި ޕްރޮޖެކްޓްތައް ކުއްލިއަކަށް ހިނގައިގަތީމާ ބޮޑެތި ބަދަލު އާދޭ. ކަސްޓަމްސް ވާނީ އެ ބޮޑު ބަދަލާ ކުރިމަތިލާ އެއްތަނަށް. އެނގިވަޑައިގަންނަވާނެ އެކަންކަން އެހާބާރަށް އެދަނީ ކަސްޓަމްސްގެ ރޯލް ފުރިހަމަވެފައި އޮވެގެން. ކުރިޔަށް އޮތްތާނގައި އަޅުގަނޑު އެކަންކަން ބައްޓަން ކުރާނީ ޒަމާނާ އެއް ގޮތް ކުރަން. ސިސްޓަމްސް ވަރުގަދަވެ އޮޓޮމޭޓްވުމާއި ޒަމާނީ ވުމަކީ މަގު ސާފުވެފައި ސާފު މައުލޫމަތާއެކު ވަގުތު ސަލާމާތް ކުރެވުން. އަދި ޕޮލީސީތައް ހަރުދަަނާ ކުރުމަށާއި ކަނޑައަޅަން ފަސޭހައެއް ވާނީ ވެސް މި މަގަށް ކަންކަން ބަދަލުކޮށްލައިގެން. ކަސްޓަމްސް ބަދަލު ކުރާނީ ކަސްޓަމްސްގެ ތެރެއިން ނެރޭ ޒަމާނީ އެވިޑެންސް ބޭނުން ކޮށްގެން.

މިހާރު 128 ވެގެން ދިޔައީ ކީއްވެގެންތޯ ތިޔަ ކަކަންކަން އެހެން ނުވީ؟

އާދެ، 128 އަހަރު ވެގެން އެ އުފަލުގެ ތެރޭގައި މިތިބީ، ދިގު ތާރީހެއް އެބައޮތް. އޭރަށް ބޭނުންވާ ވަރަށް އޭރުވެސް މި ކަސްޓަމްސް ދަތުރުކުރި. އެކަމަކު މިހާރު މުޅިން ބަދަލުވީ، ދުނިޔޭގެ ކަން ވެސް ބާވަތް ވެސް ބަދަލުވީ ޓެކްނޯލޮޖީ އާއި އިންފްރާސްޓްރަކްޗާވެސް ބަދަލުވީ އިންސާނުންގެ އިލްމީ ކެޕޭސިޓީ ވެސް ބަދަލުވީ... އޭރު ކަލެކްޝަން ހަދަނީ އޭނަ ބުންޏަށް މީނަ ބުންޏަށް މިހާރު އެހެނެއް ނޫން. އެކަމަކު މިހާރުގެ ބަދަލު ގެންނަން ވެސް ކުރަންޖެހޭނީ ކަންތައްތަކެއް އެއަށް ދާން ވަގުތުކޮޅެއް ބޭނުންވޭ. ބެންޗް މާކު ނުކުރައްވާތި އަޅުގަނޑު އެމްޕީއެލްގައި ކަންކަން ކުރި ގޮތުގެ މައްޗަށް. އެއީ ކުންފުންޏެއް. މިއީ ލޯއެންފޯސްމެންޓް އިދާރާއެއް. ޖުނޭދެއް ނޫން ކޮންމެ މީހަކު އަޔަސް އެމީހަކު ބޭނުންހާ ގޮތެއް ކަސްޓަމްސްގައި ނުހެދޭނެ. ހަދަން އުޅެގެން ވެސް ނުވާނެ. އެކަމަކު މި ބަދަލާ ދިމާއަށް ދާންޖެހޭ ސަބަބަކީ ވިޔަފާރިއާއި އިގްތިސޯދު ރާއްޖޭގައި މުޅިން ބަދަލުވެގެން ދާއިރު އެކަމަށް އެންމެ ބޮޑަށް ގުޅިފައިވާ ތަނަކީ ކަސްޓަމްސް އަށް ވާތީ. ކަސްޓަމްސް އަކީ ވިޔަފަރި އާއި ވިޔަފާރިވެރިންނަށް ފަހި ނޫން ބީރައްޓެހި މާހައުލެއް އޮތް ތަނަކަށް ވެގެނެއް ނުވާނެ.

ފަހަކަށް އައިސް މަސުްވާތަކެތި އަތުލައިގަތުމުގައި ކަސްޓަމްސް ވަރަށް ލީޑް ކުރޭ، އޭގެ ހަގީގަތަކީީ ކޮބައިތޯ؟

ދުނިޔޭގައި ބޯޑާކޮންޓްރޯލްތައް ތަރައްގީ ކޮށްފައިވާ ގައުމުތަކުގައި ހުރި ފަސޭހަތަކެއް ރާއްޖެއަކު އަދިއެއް ނެތް. އެކަންކަން ނެތީސް އަޅުގަނޑުމެން މި ލީޑް ކުރަނީ. ކަސްޓަމްސް އޮފިސަރުން ވަރަށް ސްމާޓްވާނެ، މިވަގުތު ވެސް ބޮޑު އަދަދެއް ހިމެނޭ ދެ މައްސަލައެއްގައި މީހުން އަތުލައިގަނެ ކުރަންޖެހޭ ކަންކަން ކުރިޔަށް އެބަދޭ. އަޅުގަނޑު މިފަހަރު ހަވާލުވި ފަހުން ވެސް ކަސްޓަމްސް އިން ވަނީ އެކަމުގައި ވަރަށް ފުރިހަމަ ކާމިޔާބީތައް ހޯދާފައި. އަޅުގަނޑުމެނަށް ފާހަގަ ކުރެވޭ ގޮތުގައި ބަންގުލާދޭޝްގެ ވަރަށް ގިނަ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ޑްރަގު އަތުލެވިއްޖެ އަޅުގަނޑު ހަވާލުވި ފަހުން. އޭގެ ތަފުސީލްތައް ވަރަށް އަވަހަށް މީޑިއާއަށް ދޭނެ. އެހެންވެ މިހާރު ބަންގްލަދޭޝްގެ އެންމެން ފާސް ކުރަން ފަށައިފިން. ބަންގުލާދޭޝް ޕާސްޕޯޓެއް އޮތިއްޔާ ފާސް ކުރާ ސްކޭލް ވާނީ މަތީކޮށްފައި. އެކަން އެގޮތަށް ކުރަން ޖެހުނީ މިދިއަ މަހެއްހާ ދުވަހުގެ ތެރޭގައި އާދަޔާހިލާފަށް ފާހަގަ ކުރެވޭވަރަށް ބަންގުލާދޭޝްގެ ރައްޔިތުން އަތުން ބޮޑެތި އަދަދުތަކުން ޑްރަގު ފެނިފައި ހުރުމުން. މީހުންގެ ދަތިކަން ހުރުމާވެސް އެކު ބަންގުލާދޭޝްގެ އެންމެން ބައިލާ ފާސް ކުރުމުން މިދަނީ

އޮފިސަރުން ވަރަށް ސްމާޓްވާނޭ ތިޔަ ވިދާޅުވަނީ ކޮން ގޮތަކަށް؟

އެ މީހުންގެ ތަމްރީންތައް ފުރިހަމަވެފައި އޭގެ ބޭނުން ކުރާ ގޮތް މޮޅީ. ހަރަކާތުން ވެސް ހީނލާ ގޮތުން ވެސް ދެނެގަންނާނެ އެތެރެ ހަށި ޗެކް ކުރެވޭ މެޝީން ވެސް ގެނެވި މިހާރު ބަހައްޓާފައި ވަނީ. އެ ކަމަކު އަޅުގަނޑުމެން އޮފިސަރުންގެ ތަމްރީނާއި ކެޕޭސިޓީއަށް ބަލައިގެން އަޅުގަނޑަށް ދެންނެވޭނީ "ދޭ އާ މެޝީން" އޭ އެހާވެސް ސުމާޓްވެފައި އިންޓެލިޖެންޓް ... މިހެން ދަންނަވާއިރު ވެސް ފުލުހާ އަޅުގަނޑުމެނާ ވަރަށް އެކުގައި ގުޅިގެން މަސައްކަތް ކުރަނީ. ބޯޑަލައިނުގައި ކަސްޓަމްސް ތިބޭއިރު ފުރަގަހުގައި ފުލުހުން ތިބޭ، އެހެންވީމާ ގުޅުން ވަރަށް ގާތް. ޕޮލިހަށް ޝުކުރު އަދާ ކުރަން ވެސްމެ.

ޖުނޭދު ފާހަގަ ވަނީ ނަތީޖާ ނެރޭ ބޭފުޅެއްގެ ގޮތުގައި. ރިޒަލްޓް އޮރިއެންޓް ބޭފުޅެއްގެ ގޮތުގައި. އެހެންވީމާ ކަސްޓަމާއެކު އަނެއްކާވެސް މީހުން ބުނަނީ ބަދަލުތަކެއް ގެންނާނެއޭ. އެގޮތަށް އުންމީދު ކުރަންވީތޯ؟

އެމްޕީއެލްއަށް ގެނައި ކަހަލަ ބަަދަލުތަކެއް ނުގެނެވުނު ނަމަވެސް އަޅުގަނޑަށް ހީވަނީ ކަސްޓަމަށް އަޅުގަނޑު ގެންނާނެ ބަދަލަކަށް އަޅުގަނޑު ވަރަށް ސާފު ޖަވާބެއް ދީފިން ހެން. އެކަމަކު ވެސް ވަރުން ތިޔަ އަޅުވަނީ އެމްޕީއެލްއާ އަދި ޖަވާބެއް ބޭނުންވަނީ އެފަދަ ބަދަލެއްގެ ވާހަކައިން ކަމަށް އެބަހީވޭ. އަޅުގަނޑު ކަމަކާ ހަވާލުވެއްޖެއްޔާ ނިދަން ބޭނުން ވަނީ އެކަމެއްގެ ނަތީޖާ ނުކުންނާނެ ކަން ކަށަވަރުވުމުން ނޫނީ ނަތީޖާ ނުކުތުމުން. އަޅުގަނޑު މިއީ ވަރަށް ފާޑެއްގެ މީހެއް، އަޅުގަނޑު ބަލައިފިން ކަސްޓަމްސް އަށް ގެންނަން ޖެހޭ ބަދަލުތައް. ވަރަށް ގިނަ ބޮޑެތި ކަންކަން އެއީ. އެކަން ކޮށްލެވުނީމާ މީހުން ބެންޗްމާކު ކުރާނީ އެކަންކަމާ ހަމައިން. އެކަމަކު އެއާ ހަމައަށް ދާން ވެސް އަދި އެ ނަތީޖާ ނެރެވެސް އަޅުގަނޑު ކުރާން ޖެހޭ ކަމެއް އެބައޮތް. އެއީ ކަސްޓަމްސް އޮފިސަރުންގެ ހާލަތު ބަލައި ވަޒަންކޮށް ދެނެގެނެ، އެ މީހުން ހެއްވާލަން ކުރަންޖެހޭ ކަންކަން ކުރުން. އެމީހުން ހިނިތުން ނުވެ ކިހިނެއް ބަދަލެއް ގެންނާނީ. ކަސްޓަމްސް އޮފިސަރުންގެ ހިތްހަމަ ޖެހުމަށް ކަންތައްތަކެއް ކޮށްދީފައި ނޫނިއްުޔާ ބަދަލަކާ ދިމާއަކަށް ނުދެވޭނެ. އޭގެ ފަހަތުގައިތާ ނަތީޖާ ނެރުން އޮންނާނީ. އެ މީހުން ހިނިތުން ނުކުރުވައި ބޭނުންވާ ނަތީޖާއެއް ނުނެރެވޭނެ. އެ މީހުން ރުޅި އަރުވާފައި އަހަރީ ޖަލްސާ ބޭއްވީމާ އެވީ ކޯންޗަކަށް.

ކަސްޓަމްސްގައި 700 އަށްވުރެ ގިނަ މުވައްޒަފުން އުޅޭނެހެން ހީވަނީ އެ މީހުންނަށް ކޮންކަމެއް މަދީ؟

ތެދެއް ތިއަދަދަށް މީހުން އުޅޭ މިދިއަ ދިގު މުއްދަތުގައި ކަސްޓަމްސްގެ މުވައްޒަފުންގެ އެލަވަންސާއި މުސާރަ އާއި މިހެން ހުރި ކަންކަމަށް ކުރިއެރުމެއް އައިސްފައެއް ނެތް. ވަރަށް ސާފު! އެކަންކަން ނުކޮށް ކުރަން އޮންނާނެ ކަމެއް ވެސް ނޯންނާނެ. މިފަދަ ލޯ އެންފޯސްމެންޓް އެހެން ތަންތަނާ އަޅާކިޔާއިރު ކަސްޓަމާ އެބަހުރޭ ތަފާތުތަކެއް. އަޅުގަނޑު ދެވަނަ ފަހަރަށް މި ގޮނޑީގައި އިށީން ހިސާބުން ފުރަތަމަ މަސައްކަތަކަށް ހެދީ މުވައްޒަފުންނަށް ކުރިއެރުންތަކެއް ހޯދައިދޭން. އެ އުންމީދާއެކު މިއިނީ. އެކަން ލަހެއް ނުވާނެ. އިނާޔަތާ ކުލަޔާއި ކުރިއެރުން ވެސް ލިބޭނެ. އޭގެ ފަހަށް އަޅުގަނޑު ވިޔަފާރިވެރިންނަށް ވެސް އާންމުންނަށް ވެސް ޔަގީންކަން އަރުވާނީ ކަސްޓަމްސް ބަދަލު ކޮށްލާނަމޭ. ކަސްޓަމޭ ބުނީމާ އޮންނަ ބިރުވެރިކަން އުފާވެރި ކަމަށް ބަދަލު ކޮށްލެވޭނެ. ދަތިތައް ހައްލު ކުރާނަން. ވިޔަފާރިވެރިންގެ ޝަކުވާތައް މިހާރުވެސް ކުޑަ.

މިދިއަ ދިގު މުއްދަތުގައި ކަސްޓަމްސްގެ މުވައްޒަފުންގެ އެލަވަންސާއި މުސާރަ އާއި މިހެން ހުރި ކަންކަމަށް ކުރިއެރުމެއް އައިސްފައެއް ނެތް. ވަރަށް ސާފު! އެކަންކަން ނުކޮށް ކުރަން އޮންނާނެ ކަމެއް ވެސް ނޯންނާނެ،
މުހައްމަދު ޖުނައިދު | ކޮމިޝަނާ ޖެނެރަލް

މިހާރުވެސް ފޯމްތަކުގެ މައްސަލައިގައި ވިޔަފާރިވެރިންގެ ޝަކުވާ އޮވޭ ނޫންތޯ؟

އާދެ، އަޅުގަނޑު މިފަހަރު ހަވާލުވި އިރުވެސް 700 އެތައް ފޯމެއް ހުރި. އޭރު ވެދާނެ ރޯދައިގެ ތެރެއަށްވުމުން އޮތް ބުރަކިޖެހުމަކަށް ވެސް. އަޅުގަނޑު އިސްކަން ދެން ހުށަހެޅޭ ޑެކްލަރޭޝަން ފޯމްތައް ދުވަހުން ދުވަހުން ދުވަހަށް ނިންމާ ކަސްޓަމްސް އިން އެފަރާތަކަށް ގުޅައިގެން ކަންކަން ނިންމާލަން.

އޮންނަ ޝަކުވާއެއް ފޯމް ހުށަހަޅައިގެން 10 ދުވަސްވެ ކޮންޓެއިނާ ޑެމަރޭޖް އަރައިގެން ދިއުން އެހެންވޭތޯ؟

ކަސްޓަމްސް އިން ވިޔަފާރިވެރިންނާ ގުޅިގެން އެކަމުގައި ފަސޭހަ ގޮތްތަކެއް ހޯދައިދޭން ޖެހޭނީ އަޅުގަނޑު ޔަގީންކަން އަރުވަން އެހެން ހުރި ކަންކަން ނިމުމަކަށް ގެންނާނަން. އެކަމަކު އަދިވެސް އަޅުގަނޑު ދަންނަވާނީ އެހުރިހާ ކަމަކަށް ދާން ފުރަތަމަ ބަލައިލަން ޖެހެއޭ މުވައްޒަފުންގެ ހާލަތާއި ވިންދަށް. މި ވޯކް ފޯސްގެ ސްޓްރެންތް ހުރީ ކިހާ ވަރަކަށްތޯ؟ މާހައުލު އޮތީ ކިހިނެއްތޯ؟ އުޖޫރަ ކިހިނެއްތޯ؟ ތަމްރީންތައް ހޯދޭތޯ؟ މިކަންކަން ރަނގަޅުވިޔަސް ނުއެއް ފުދޭނެ އިންސާނަކަށް. އެކަމު އޭރަށް އަޅާ ކިޔާލެވޭނެ. މިހާރުވެސް ތަމްރީނުތައް ރަނގަޅު. ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ ޗޭނުގެ ތެރެއިން ވެސް ހޯދައި ދެވޭނެ ކުރިއެރުންތައް

މުވައްޒަފުންނަށް ކުރިއެރުން ނުލިބެނީ ތަ؟

ދިގު މުއްދަތެއް ވެއްޖެ އެއްވެސް ކުރިއެރުމެއްނެތި. ކުރިން ވެސް އަޅުގަނޑު ހުރި އިރު ހުންނާނެ ފިހާރައެއް ހަދާފައި. އެތަނުން އާމްދަނީ ވެސް ލިބޭ. އެކަމަކު އެއީއަކީ އިމްޕޯޓްކޮށްގެން ވިޔަފާރި ކުރަނީއެއް ނޫން. އެތެރެ ކުރާ ފަރާތްތަކާ ވާހަކަ ދައްކައިގެން ޑިސްކައުންޓެއް ހޯދައިގެން އެކަން ކުރަނީ. ކަސްޓަމްސް އިން އެފަދަ ކަމެއް ކުރުން ވާނީ ގޯހަކަށް. އެކަން މިހާރު އެ ކުރާ ގޮތަކީ ވެލްފެއާ އާއި ރިކްރިއޭޝަނަށް. ކުޑަ ކެންޓީނެއް ވެސް ހުންނާނެ... އަދި ވެސް ޕްލޭނެއް އެބައޮތް އެއީ ރާއްޖެ އެތެރެވާ އުޅަނދުތައް މޮނިޓާ ކުރުމުގެ ނިޒާމެއް އެބަ ގާއިމު ކުރަން އެކަން ދާނީ ކަސްޓަމްސްގެ ކޯޕަރޭޓިވް ސޮސައިޓީ ތެރެއިން އޭރަށް ވާ ގޮތަކީ ފައިސާ ލިބިފައި ވެލްފެއާ ފަންޑުގައި އިންނަ އިންޓްރެސްޓް ފްރީ ލޯނުގެ އަދަދު 15،000 ރ. އިން ލައްކައަށް ޖެއްސި ދާނެ... އަނބިމީހާ ހިތްހަމަ ޖައްސައި ނުދެވެންޏާ ކިހިނެއް ހިދުމަތް ރަނގަޅުވާނީ އޭރަށް ކެއުން ވެސް މީރެއް ނުވާނެ ގަޑިއަކަށް ނުވެސް ކެކޭނެ. އެހެންވީމާ މިއީ ސިމްޕަލް ކަމެއްނު. ކުޑަ ކަމަކުން ރަނގަޅު ކޮށްލެވޭނެ. ދެން ބުނާނެ ނުވާނެއޭ ނުވާނެއޭ. ނޫން އެހެންވާނެ، އެހެންވާން ޖެހޭ. މިހާރު މިސާލަކަށް ރިސްކް އެލަވަންސެއް ކީއްވެގެންތޯ ނުދެވޭނީ... އެނގިވަޑައިގަންނަވާތޯ މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތައް ހިފާ އޮފިސަރުންނަށް މަރުގެ އިންޒާރު ކޮންމެ ދުވަހަކު އާދޭ، ފުލުހުންނަށާއި ފަނޑިޔާރުންނަށް އިންޒާރު ކުރާ ގޮތަށް. މިއަކީ ރިސްކް އެލަވަންސަށް މުވައްޒަފުން ޑިމާންޑް ކުރައޭ ދަންނަވަނީއެއް ނޫން. އެކަމަކު މިއީ ވިސްނަން ޖެހޭ ކަމެއްނު.

ގާނޫނީ ގޮތުން ބަދަލުތަކެއް ގެންނަންޖެހޭތޯ؟

އާދެ. ލެޖިސްލޭޓިވް އެޖެންޑާގެ ތެރެއިން ވެސް ބައެއް ބަދަލު ބޭނުންވޭ. ކުޑަކުޑަ މިސާލެއް ދަންނަވަފާނަން. ބޭރުގައި ތިބޭ ކިޔަވާކުދިން އެކުދިން ޑިގްރީ މާސްޓާސް ނޫނީ ޕީއެޗްޑް ނިންމާފައި ގްރެޖުއޭޓްވެގެން އަންނަ އިރު ގެންނަ މެގަޒީނެއްގައި އިނދެދާނެ ރާއްޖެއަށް މަނާ ފޮޓޯއެއް. ނޫނީ އެ ފޮތް ވެދާނެ އެފަދަ ފޮޓޯތައް ހުރި ފޮތަކަށް. އެކަމަކު އެހިސާބުންވާ ގޮތަކީ އޭނާ ޑިގްރީ ނަގައިގެން ގައުމަށް ހިދުމަތް ކުރަން އައި އައުން ބަދަލުވެގެން ދަނީ ރާއްޖެއަށް އޮރިޔާން ކާޑު ހިފައިގެން އައި މީހަކަށް. މިއީ ދުވަސް ވެފައި އޮތް ކުޑަކުޑަ ކަމެއް. ދެން އެ ޑިގްރީ އޮތަސް ވާ ކަމެއް ވެސް ނޯވޭ. އެއީ ރިކޯޑްގައި އޮވޭ އޮރިޔާން ކާޑު އެތެރެ ކުރި ކަމަށް... މިއީ 1975 ގެ ގާނޫނެއް ކަމަށް އަޅުގަނޑު ހަނދާންވަނީ. އެކަމަށް މިހާރު އިދާރީ ގޮތުން ކަސްޓަމްސްގެ ވިރާސީ ބާރުތަކުގެ ބޭނުން ހިފައިގެން ލުއި އެބައި ހޯދައިދެން. މިގޮތަށް ހުރި ބޮޑެތި ކަންކަން ވެސް އެބަހުރި އެކަން ކަމަށް ނިންމުން އަންނާނީ ގާނޫނީ ބަދަލުތައް އައިސްގެން

ދެން ހިނގާ ނިންމާލަމާ، ކޮބައިތޯ ފަހު ވާހަކައަކީ؟

ތިހުރިހާ ވާހަކައެއް އެއްސެވީ، ކޮން ބަދަލެއް ހެއްޔޭ ގެންނާނީ ސާފު ކުރުމަށް ކަމަށް ބެލެވުނީ. އަޅުގަނޑު ދަންނަވާނީ އަޅުގަނޑު ފުރަތަމަ ހެއްވާލާނީ މުވައްޒަފުންނޭ. އޭގެ ފަހުން ނަތީޖާ ނެރޭނަމޭ! ޖުނޭދަށް އެވަރު ކުރެވޭނެ!