ވޮޝިންގްޓަން (ޖުލައި 20) - އެމެރިކާ އަށް ޗައިނާއިން އެތެރެކުރާ ހުރިހާ މުދަލަކުން ޓެކްސް ބޮޑުކުރަން ތައްޔާރަށް ހުންނެވިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓެކްސް އިތުރުކުރާ މައްސަލާގައި ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ވަގުތެއްގައި، އެމެރިކާ އަށް ޗައިނާ އިން އެތެރެކުރާ 500 ބިލިއަން ޑޮލަރުގެ މުދަލުން ޓެކްސް ބޮޑުކުރަން ތައްޔާރަށް ހުންނެވި ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފަ އެވެ.
ޓްރަމްޕްގެ މި އިންޒަރު އައިސްފައިވަނީ އެންމެ ފަހުން އިތުރުކުރި ޓެކްސްތަކަށް އަމަލުކުރަން ނުފެށި އުޅެނިކޮށެވެ. މި ދިޔަ ހަފްތާގެ ތެރޭގައި އެމެރިކާ ސަރުކާރުން ވަނީ ޗައިނާ އިން އެތެރެކުރާ މުދަލުން 200 ބިލިއަން ޑޮލަރާއި ހަމައަށް ޓެކްސްގެ ގޮތުގައި ނަގަން ވަނީ ނިންމާފަ އެވެ.
އެންމެ ފަހުން 10 ޕަސަންޓު ޓެކްސްގެ އިތުރުކޮށް އާންމުކޮށްފައިވާ 6،000 ވުރެ ގިނަ އައިޓަމް ހިމެނޭ ލިސްޓުގައި މެވާ، ތަރުކާރީ، އަތްދަބަސް، ފްރިޖު، ވިއްސާރަ ކޯޓު ހިމެނެ އެވެ.
އެމެރިކާ އިން އަލަށް ބޮޑު ކުރި ޓެކްސްގެ އަގު 16 ބިލިއަނަށް އަރާނެ ކަމަށް ބެލެވޭއިރު، އެ ޓެކްސްތައް އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ނަގަން ފަށާނެ އެވެ.
ބަދަލުހިފުމުގެ ގޮތުން، ޗައިނާ އިން ޓެކްސް ބޮޑުކޮށްފައިވާ މުދާތަކުގެ ތެރޭގައި، އެމެރިކާއިން ފުޅާދާއިރާ އެއްގައި އެކްސްޕޯޓު ކުރާ އެކި ބާވަތްތަކުގެ މަހާއި، ސޯޔާ ބީންސް، ކާރު ހިމެނެ އެވެ.
މިހާރު އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން އެންމެ ބޮޑަށް ގެއްލުންވާނީ ޗައިނާ އަށެވެ. ސަބަބަކީ، އެމެރިކާއަށް ޗައިނާ އިން އެކްސްޕޯޓް ކުރާ މުދަލުގެ އަގު އަހަރަކު 500 ބިލިއަން ޑޮލަރަށް ވުރެ އިތުރާވާއިރު، އެމެރިކާ އިން އިމްޕޯޓު ކުރެވޭ އަދަދު ހުރީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރުގަ އެވެ.
މުދަލުގެ ބަދަލުގައި، އެޑިއުކޭޝަނާއި ޓޫރިޒަމް ފަދަ ހިދުމަތްތަކުން ޓެކްސް އިތުރުކޮށް، ޗައިނާގައި އިންވެސްޓުކޮށްފައިވާ އެމެރިކާ ކުންފުނިތަކަށް ދަތި ކުރުމުގެ މަސައްކަތް ޗައިނާ ސަރުކާރުން ފަށާފާނެ ކަމުގެ އިޝާރާތެއް ވަނީ ދީފަ އެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށް ދެގައުމުން ފެށި މަޝްވަރާތަކަށް ވެސް މާބޮޑު ކުރުއެރުމެއް ލިބިފައެއްނުވެ އެވެ. ދެ ގައުމުގެ މި ތަޅާފޮޅުމުގެ އަސަރު މުޅި ދުނިޔޭގެ ބާޒާރަށް ކުރާނެކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރުދީފަ އެވެ.
ދެގައުމުގެ ދެމެދުގައި އުފެދިފައިވާ މި މައްސަލަ ބޮޑު ވިޔަފާރީގެ ހަނގުރާމައަކަށް ބަދަލުވެ، މުޅި ދުނިޔޭގެ ބާޒާރަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.