ދުނިޔެ

އެމެރިކާގެ އިންޒާރާއެކު ޗައިނާ އިން ވެސް ޓެކްސް ބޮޑުކުރަން ވިސްނަނީ

Aug 4, 2018

ބެއިޖިންގް (އޯގަސްޓް 3) - އެމެރިކާއަށް ޗައިނާއިން އެތެރެ ކުރާ މުދަލުން ނަގާ ޓެކްސް އިތުރަށް ބޮޑު ކުރާނެ ކަމުގެ އިންޒާރާއެކު، ބަދަލު ހިފުމުގެ ގޮތުން އެމެރިކާ އިން ޗައިނާއަށް އެތެރެކުރާ މުދަލުން އިތުރަށް ޓެކްސް ނަގަން ވިސްނަން ފަށާފައިވާ ކަމަށް ޗައިނާ ސަރުކާރުން ބުނެފި އެވެ.

ޗައިނާ އިން މިގޮތަށް ހާމަ ކޮށްފައިވަނީ އެމެރިކާ އަށް ޗައިނާއިން އެތެރެކުރާ 200 ބިލިއަން ޑޮލަރުގެ މުދަލުން ކުރިން ނިންމާފައިވާ 10 ޕަސަންޓު ޓެކްސްގެ ބަދަލުގައި 25 ޕަސަންޓް ނަގަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފައި ވަނި ކޮށެވެ.

އެމެރިކާ އިން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީ ގޮތުން އުފެދިފައިވާ ނުތަނަވަސްކަން ގަސްދުގައި ގޯސްކުރަން އެމެރިކާ އިން މަސައްކަތް ކުރާ ކަމަށް ވެސް ޗައިނާ އިން ވަނީ ތުހުމަތުކޮށްފަ އެވެ.

އޮފިޝަލުން އިތުރަށް ވިދާޅުވީ ޗައިނާއަށް އެމެރިކާއިން އެތެރުކުރެވޭ 60 ބިލިއަން ޑޮލަރުގެ މުދަލުން ފަސް ޕަސަންޓާއި 25 ޕަސަންޓާއި ދެމެދުގެ އަދަދަކުން ޓެކްސް ބޮޑު ކުރަން ވިސްނަމުންދާ ކަމަށެވެ.

ޓެކްސް އިތުރުކުރާ މައްސަލާގައި ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ވަގުތެއްގައި، އެމެރިކާ އަށް ޗައިނާ އިން އެތެރެކުރާ 500 ބިލިއަން ޑޮލަރުގެ މުދަލުން ޓެކްސް ބޮޑުކުރަން ތައްޔާރަށް ހުންނެވި ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައި ވަނިކޮށެވެ.

ޖުލައި 6 ވަނަ ދުވަހު އެމެރިކާ އިން 25 ޕަސަންޓަށް ޓެކްސް ބޮޑުކޮށްފައިވަނީ ޗައިނާ އިން އެތެރެކުރާ 34 ބިލިއަން ޑޮލަރުގެ މުދަލުންނެވެ.

އެންމެ ފަހުން 10 ޕަސަންޓު ޓެކްސްގެ އިތުރުކޮށް އާންމުކޮށްފައިވާ 6،000 ވުރެ ގިނަ އައިޓަމް ހިމެނޭ ލިސްޓުގައި މެވާ، ތަރުކާރީ، އަތްދަބަސް، ފްރިޖު، ވިއްސާރަ ކޯޓު ހިމެނެ އެވެ.

އެމެރިކާ އިން އަލަށް ބޮޑު ކުރި ޓެކްސްގެ އަގު 16 ބިލިއަނަށް އަރާނެ ކަމަށް ބެލެވޭއިރު، އެ ޓެކްސްތައް މި ހިނގާ އޯގަސްޓް މަހުގެ ނިޔަލަށް ނަގަން ފަށާނެ އެވެ.

މީގެ އިތުރުން މިދިޔަ ޖުލައި މަހު އާންމު ކުރި ލިސްޓުގައިވާ 200 ބިލިއަން ޑޮލަރުގެ މުދަލުން 10 ޕަސަންޓުގެ ބަދަލުގައި އެ އަދަދު 25 ޕަސަންޓަށް ބޮޑު ކުރަން އެމެރިކާ ސަރުކާރުން ދަނީ ވިސްނަމުންނެވެ.

ބަދަލުހިފުމުގެ ގޮތުން، ޗައިނާ އިން ޓެކްސް ބޮޑުކޮށްފައިވާ މުދާތަކުގެ ތެރޭގައި، އެމެރިކާއިން ފުޅާދާއިރާ އެއްގައި އެކްސްޕޯޓު ކުރާ އެކި ބާވަތްތަކުގެ މަހާއި، ސޯޔާ ބީންސް، ކާރު ހިމެނެ އެވެ.

މިހާރު އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން އެންމެ ބޮޑަށް ގެއްލުންވާނީ ޗައިނާ އަށެވެ. ސަބަބަކީ، އެމެރިކާއަށް ޗައިނާ އިން އެކްސްޕޯޓް ކުރާ މުދަލުގެ އަގު އަހަރަކު 500 ބިލިއަން ޑޮލަރަށް ވުރެ އިތުރާވާއިރު، އެމެރިކާ އިން އިމްޕޯޓު ކުރެވޭ އަދަދު ހުރީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރުގަ އެވެ.

މުދަލުގެ ބަދަލުގައި، އެޑިއުކޭޝަނާއި ޓޫރިޒަމް ފަދަ ހިދުމަތްތަކުން ޓެކްސް އިތުރުކޮށް، ޗައިނާގައި އިންވެސްޓުކޮށްފައިވާ އެމެރިކާ ކުންފުނިތަކަށް ދަތި ކުރުމުގެ މަސައްކަތް ޗައިނާ ސަރުކާރުން ފަށާފާނެ ކަމުގެ އިޝާރާތެއް ވަނީ ދީފަ އެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ދެގައުމުން ފެށި މަޝްވަރާތަކަށް ވެސް މާބޮޑު ކުރުއެރުމެއް ލިބިފައެއްނުވެ އެވެ. ދެ ގައުމުގެ މި ތަޅާފޮޅުމުގެ އަސަރު މުޅި ދުނިޔޭގެ ބާޒާރަށް ކުރާނެކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރުދީފަ އެވެ.