ހަބަރު

ދިރާގު ޓީވީއަށް ކުޑަ ކުދިންގެ ޗެނަލް ސީބީބީސް

Jul 26, 2018

ދިރާގު ޓީވީއަށް ބީބީސީއިން ކުޑަކުދިންނަށް ހާއްސަކޮށް ދައްކާ، "ސީބީބީސް" ޗެނަލް ލިބިއްޖެ އެވެ.

ދިރާގުން ބުނީ ބީބީސީގެ އެވޯޑު ލިބިފައިވާ މި ޗެނަލްއަކީ ހަ އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ޗެނަލްއެއް ކަމަށެވެ.

ސީބީބީސް ޗެނަލް ފަރުމާކޮށްފައިވަނީ ޕްރީސްކޫލް ތައުލީމް މަޖާކޮށް ކުދިންނަށް ލިބިގެންދާނެ ގޮތަކަށެވެ.

ދިރާގުގެ ޑިރެކްޓާ އޮފް ބިޒްނަސް ޑިވްލޮޕްމަންޓް އަހުމަދު މައުމޫން ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އެންޓަޓެއިމަންޓް ބްރޭންޑް ދިރާގު ޓީވީއަށް އައުމަކީ އުފަލެއް ކަމަށެވެ.

ދިރާގުން ވަނީ ދުނިޔޭގެ މަޝްހޫރު ޗެނަލް ތަކެއް ދިރާގު ޓީވީއަށް ގެނެސްދީފަ އެވެ. މިގޮތުން އެ ކުންފުނިން ވަނީ އޭއެންއީ ޗެނަލްއާ ގުޅިގެން ތައާރަފުކުރި ފަސް ޗެނަލްގެ ތެރޭގައި މުނިފޫހި ފިލުވުމުގެ އެކި މައުލޫމާތުތައް ހިމެނޭ ޗެނަލްތަކެއް ދީފައެވެ. އެ ޗެނަލްތަކުގެ ތެރޭގައި ހިމެނެނީ ހިސްޓްރީ ޗެނަލްއަކާއި ލައިފްޓައިމް އަދި އެފްވީއައިގެ ނަމުގައި ތައާރަފުކުރި ޗެނަލެއްގެ އިތުރުން އެޗްޓޫ ޗެނަލާއި ކްރައިމް އިންވެސްޓިގޭޝަން ޗެނަލެކެވެ.

މި ޗެނަލްތަކަކީ މިހާރު ރާއްޖޭގައި އާއްމުކޮށް ފެންނަ ޗެނަލްތަކާ ހިލާފަށް ގިނަ ބަޔަކު ބަލާ ޗެނަލްތަކެވެ. މީގެ އިތުރުން ދިރާގު ޓީވީގައި މިހާރު ވެސް މަޝްހޫރު ގިނަ ޗެނަލްތަކެއް ހިމެނެ އެވެ. މި ޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެން، ސޮނީ އީއެސްޕީއެން، ޓެން ސްޕޯޓްސް އާއި ބީބީސީ އާތު ހިމެނެ އެވެ. މީގެ ރާއްޖޭގެ ހުރިހާ ޗެނެލް ތަކެއް ވެސް ފެނެ އެވެ. އަދި ނިމިގެންދިޔަ ވޯލްޑްކަޕްގައި ދިރާގު ޓީވީއިން ވަނީ 4ކޭ ކޮލިޓީގައި ވޯލްޑްކަޕް މެޗުތައް ދައްކާފަ އެވެ.