ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ މަތިން ބަލާއިރު ތާރު މަގެއްގެ ގޮތުގައި މިހާރު ފެނިދާނެ އެވެ. އާ ރަންވޭ އަޅާފައިވާ އެ ސަރަހައްދު މިހާރު ހިކިފަސްތަނެއްގެ ގޮތުގައި އޮތަސް މިއީ ކުރިން އޮޔާދާ ކުނި ލައްގާ ބޮޑު މޫދު ގޮނޑެކެވެ. އޭރު މި ސަރަހައްދުގައި ހިމެނޭ މޫދު ނޫން ބައި ދޫކޮށްލާފައި އޮތީ އެއާޕޯޓުން އުކާލާ ބާދަގަނޑު އަޅާށެވެ. ނަމަވެސް ވީއައިއޭގެ ބޮޑު މަޝްރޫއު ފަށައި ރަންވޭ އަޅަން ވަނީ އެ ސަރަހައްދުން އެތަކެއް ފުޓުބޯޅަ ދަނޑުހާ ބޮޑު އޭރިއާއެއް ވަނީ ހިއްކާފަ އެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސަކީ ތަޖުރިބާކާރެކެވެ. އޭނާ "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ދެވަނަ ރަންވޭ އަކީ ފުރަތަމަ ވެސް އެއާޕޯޓް ޑިވްލޮޕްމަންޓަށް އަންނަން ޖެހޭ ބައެކެވެ. އެ ރަންވޭ މިއޮއްހާ ދުވަހު އޮތީ ނުގަދަ އެވެ.
"އާ ރަންވޭގެ ސަބަބުން އެފިޝަންސީ ވަރަށް ބޮޑަށް އަންނާނެ. އެއީ ހަމައެކަނި މޯލްޑިވިއަން އަކަށް ނޫން. ހުރިހާ އެއާލައިން އަކަށް. މިއީ ރާއްޖޭގެ އިކޮނޮމީއަށް އަންނާނެ ވަރަށް ހެޔޮ ބަދަލަކަށް ވާނެ،" ހާރިސް ވިދާޅުވި އެވެ.
ހާރިސް އެހެން ވިދާޅުވިޔަސް އާ ރަންވޭ އެއް ރާއްޖެއަށް ބޭނުންވަނީ ކީއްވެގެންތޯ އާންމުން މީހާ ސުވާލު ކުރާނެ އެވެ. އާ ރަންވޭއަކާ ރާއްޖޭގެ އިގްތިސާދާ އޮތް ގުޅުމަކީ ކޮބައިތޯ ވެސް އާންމު މީހާ ނޫނަސް އެއަށްވުރެ މަތީ ފަންތީގެ މީހަކު ވެސް އަހާފާނެ އެވެ.
ރާއްޖޭގެ އިގްތިސާދުގެ މައި ބަދަ ކަމަށްވާ، ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ކުރިއަށް ގެންދާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ އެންމެ މުހިންމު ބަޔަކީ ވެސް އާ ރަންވޭ އެއް އެޅުމެވެ. އެއީ "ކޯޑް އެފް" ސްޓޭންޑަޑް ނުވަތަ ދުނިޔޭގެ އެންމެ ބޮޑެތި ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް އަޅާ ރަންވޭއެކެވެ. މި ރަންވޭގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ.
މުޅި ދުނިޔެއަށް މަޝްހޫރު "ބާޑްނެސްޓް" ސްޓޭޑިއަމާއި ޗައިނާގެ ބެއިޖިން އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތުގެ ބޮޑު ބައެއް ވެސް ކުރި މި ކުންފުނިން އާ ރަންވޭ އަޅައި ދެނީ ޗައިނާގެ، އެގްޒިން ބޭންކުން ލޯނެއް ނަގައިގެން 400 މިލިއަން ޑޮލަރަށެވެ. ދިގުމިނުގައި 3،400 މީޓަރު ހުންނަ މި ރަންވޭއާއެކު މި މަޝްރޫއުގެ މަސައްކަތް ފެށީ ފެބްރުއަރީ، 2017 ގަ އެވެ. އާ ރަންވޭގެ ފުޅާ މިނުގައި 60 މީޓަރު ހުރެ އެވެ.
ރަންވޭ އާއި އެއާޕޯޓުގެ މާޒީ ކުރުކޮށް
ރާއްޖޭގެ މައި ވައިގެ ބަނދަރަށް ނުވަތަ ކުރިން ކިޔާ ގޮތުންނަމަ ހުޅުލޭ އެއާޕޯޓް ހެދުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރު އެވެ. ނަމަވެސް ރާއްޖޭގެ މައި ވައިގެ ބަނދަރުގައި ފުރަތަމަ ރަންވޭއެއް އަޅާފައިވަނީ އިނގިރޭސިންގެ ހިމާޔަތުގައި ރާއްޖެ އޮތް ދުވަސްވަރު އެ މީހުންގެ ފައިދާއަށް އެ މީހުންނެވެ.
ދަގަނޑު ފިލާ ބޭނުންކޮށްގެން އެމީހުން އެޅި ރަންވޭއަށް ފުރަތަމަ ބޯޓެއް ޖެއްސީ އޮކްޓޫބަރު 19، 1960 ގަ އެވެ. ނަމަވެސް އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ހޯދަން ދިވެހިންގެ ތެރޭގައި އުފެދުނު ވަރުގަދަ މޫވްމެންޓްގައި އިނގިރޭސިން އެޅި ރަންވޭއަށް ދިވެހިންގެ ބަޔަކު ސިއްރުން ރޭގަނޑުގެ ވަގުތަކުގައި ގެއްލުންދޭން ދޭން ފެށި އެވެ.
އޭގެ ފަހުން ހުޅުލޭގައި ދިވެހިންގެ އަމިއްލަ އަތުން އެއާޕޯޓެއް އަޅަން އޭރުގެ ދާހިލީ ވުޒާރާ އިން ނިންމައި އެކަން އިއުލާނު ކުރީ 1964 ވަނަ އަހަރު އެވެ.
ދިވެހިންގެ ގައިން ދާ އޮހޮރުވައިގެން، އެތައް ބައެެއްގެ ގުރުބާނީއާއެކު އެއާޕޯޓެއް ހަދައި ހުޅުވަން ނެގީ ދެ އަހަރެވެ. ރާއްޖޭގެ އެކި ހިސާބު ތަކުން ދިވެހިން މާލެ އައިސް ކުރި ބުރަ މަސައްކަތުގެ މުގުލުގައި ހުންނެވީ ރައީސް އިބްރާހިމް ނާސިރެވެ.
މި ދުވަސްވަރު ރައީސް ނާސިރު ކޮންމެ ދުވަހަކު އެއާޕޯޓުގެ މަސައްކަތް ކުރި އަށް ދާ ގޮތުން ބައްލަވަން އެއާޕޯޓަށް ވަޑައިގެންނެވި އެވެ. ރާއްޖޭގެ މައި އެއާޕޯޓަށް ފުރަތަމަ ބައިނަލްއަގުވާމީ އެއާލައިން އެއާ ސިލޯންގެ ބޯޓު ޖައްސާފައިވަނީ އެޕްރީލް 12، 1977 ވަނަ އަހަރު އެވެ. އަދި ރައީސް ނާސިރަށް ފަހު، ރާއްޖޭގެ މައި ވައިގެ ބަނދަރުގެ ތާރީހާއި އެންމެ ބޮޑަށް ގުޅިފައިވާ އަނެއް ބޭފުޅަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމެވެ.
ރައީސް މައުމޫނުގެ ދުވަސްވަރު، މައި އެއާޕޯޓުގެ ތަރައްގީ އަށް ތިން މަޝްރޫއެއް ކުރި އަށް ގެންދެވި އެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދައުރުގައި އެއާޕޯޓު ތަރައްގީ އަށް 33 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށް ގެންދެވި އެވެ.
މީގެ އިތުރުން މުސްތަގުބަލަށް އަމާޒު ކޮށްގެން އިނގިރޭސިވިލާތުގެ ސްޓޮލް ވިލްސަން ކުންފުންޏާ ހަވާލު ކޮށްގެން މައި އެއާޕޯޓް ތަރައްގީގެ އާ މާސްޓަ ޕްލޭނެއް ހެއްދެވި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއާޕޯޓް ހިންގަން 50 އަހަރަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކޮށް މާލެ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް ބަދަލު ކުރީ އެވެ.
އަދި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށްވަޑައިގެން މައި އެއާޕޯޓް ހިންގި ޖީއެމްއާރަށް ބަދަލުގެ ގޮތުގައި 300 މިލިއަން ޑޮލަރު ދިނުމަށްފަހު، އެއާޕޯޓް ތަރައްގީ ކުރުމަށް އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް އިއުލާނު ކުރެއްވި އެވެ. މި މަޝްރޫއުގެ ދަށުން އާ ރަންވޭ އާއި އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިން އަދި ކާގޯ ރައްކާކުރާނެ ވަސީލްތަކާއި ތެޔޮ ރައްކާ ކުރާނެ ވަސީލަތްތައް ހިމެނެ އެވެ. އަދި އެއާޕޯޓުގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ބަދަލު ކުރެއްވި އެވެ. އަދި މިހާރު ވީއައިއޭ ތަރައްގީގައި ކުރިއަށް ދަނީ މި މަސައްކަތް ތަކެވެ.
އާ ރަންވޭއެއް މުހިންމު ވަނީ ކީއްވެ؟
އިންޑިއާގެ ޖީއެމްއާރު ކުންފުނިން އެއާޕޯޓް ހިންގަން ހަވާލުވުމަށް ފަހު އަވަސް ވެގަތީ ޕެސެންޖަރު ޓާމިނަލް އެއް އަޅާށެވެ. އެ މަސައްކަތް ފެށުމަށްޓަކައި ކޮންކްރީޓް ވަރުގަދަ ބުޑު ތަކެއް ވެސް އެޅި އެވެ.
ރާއްޖޭގެ އެއާޕޯޓަށް ފުރަތަމަ ބޭނުންވަނީ ޕެސެންޖަރު ޓާމިނަލެއް ހެއްޔެވެ؟ ނޫނީ ރަންވޭއެއް ހެއްޔެވެ؟ މިއީ ބަހުސަކަށް ވެސް ވެދާނެ އެވެ. ސަބަބަކީ ގިނަ ދަތުރުވެރިންނަށް ފެންނާނީ ދުނިޔޭގެ ރީތި ޓާމިނަލްތަށް ކަމަށްވުމެވެ. ނަމަވެސް މާހިރުންގެ ނަޒަރުގައި ރާއްޖެ ފަދަ ގައުމަކަށް އިތުރު ރަންވޭއެއްގެ މުހިންމުކަން ބޮޑެވެ.
ރާއްޖޭގެ އިގްތިސާދުގެ މައި ބަދައަކީ ޓޫރިޒަމެވެ. މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ރާއްޖޭގައި މިހާރު 42،000 ޓޫރިސްޓު އެނދު އެބަހުއްޓެވެ. އަދި 700 އެއްހާ ގެސްޓްހައުސް އާއި 138 އަށް ވުރެ ގިނަ ރިސޯޓު ހުޅުވާފައިވެ އެވެ.
މި އަހަރާއި އަންނަ އަހަރުވެސް އާ އެތައް އެނދެއް އަލަށް އަންނާނެ އެވެ. މި ތަންތަނަށް އަންނަ ޓޫރިސްޓުންގެ ބޮޑު ބައެއް ރާއްޖެ އެތެރެވާން ބޭނުންކުރާ ދޮރަކީ ރާއްޖޭގެ މައި ވައިގެ ބަނދަރެވެ. އެހެންވެ، މައި އެއާޕޯޓު ވާން ޖެހެނީ 24 ގަޑިއިރުގެ ބޮޑު އޮޕަރޭޝަނެއް ހިންގާ ފެންވަރުގެ ތަނަކަށެވެ.
މި 24 ގަޑިއިރުގެ ތެރޭގައި އެންމެ ފަސް މިނެޓަށް އެއާޕޯޓް ބަންދު ކުރަން ޖެހުނު ނަމަވެސް އެކަން ވެގެން ދާނީ މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމަށެވެ. މައި އެއާޕޯޓަށް ތެޔޮ ލީކުވުން ނުވަތަ ރަންވޭގައި ދިމާވާކަމެއްގެ ސަބަބުން އެއާޕޯޓް ހުއްޓުން އައުން ވެގެންދާނީ، މި ގެއްލުން ގުޅިފައިވާ ޗޭނު ބޮޅެއްގެ ގޮތުގައި މުޅި އިގްތިސޯދަށް ސީދާ އަސަރު ކުރާނެ ކަމަކަށެވެ.
އެއާޕޯޓް ބަންދު ކުރަން ޖެހުމުން ފްލައިޓް ޑިލޭ ވެއްޖެނަމަ، ބޭރުން އަންނަ ފްލައިޓަށް ނުޖެއްސޭނެ އެވެ. އެއީ އެކަތިފަހަރުން އިގްތިސޯދު ކޮށިއެރުމެވެ. މިކަން އެންމެ ބޮޑަށް ތަޖުރިބާ ކުރާ ބަޔަކީ ބޯޓު ފަހަރު ދުއްވާ ޕައިލެޓުންނެވެ.
ޕައިލެޓެއް ކަމަށްވާ މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވި ގޮތުގައި ރާއްޖޭގެ އެއާޕޯޓުގައި އެންމެ ރަންވޭއެއް އޮތުމަކީ ހައިރާންވާވަރުގެ ބޮޑު ރިސްކެކެވެ. އެންމެ ރަންވޭއެއް އޮތްއިރު، ނުރައްކާތެރި ކަމެއް ދިމާނު ވުމަކީ ދިވެހިންގެ ނަސީބު ކަމަށް އޭނާ ސިފަ ކުރައްވަ އެވެ.
"މާތްﷲ ގެ އިރާދަފުޅުން ކަމެއް ދިމާ ނުވަނީ. އެކަމަކު އެންމެ ރަންވޭއެއްގައި ރާއްޖޭގެ މުޅި އިގްތިސޯދު މި އޮންނަނީ. ރަންވޭގައި ކަމެއް ވެގެން ބަންދުވެ، ގިނައިރު ތަކެއް ވެއްޖެނަމަ އެކަން ވާނީ ސުނާމީއެއް އައުން ފަދަ ކަމަކަށް. އެހެންވެ، ބުނެވޭނީ އިތުރު ރަންވޭއެއް ހެދުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކޭ ޕައިލެޓެއްގެ ހައިސިއްޔަތުން ވެސް،" ތަޖުރިބާ ކާރު ޕައިލެޓް ވިދާޅުވި އެވެ.
އާ ރަންވޭގެ ވާހަކަ ދައްކާއިރު ދުނިޔޭގެ ގިނަ އެއާޕޯޓުތަކުގައި ރަންވޭތައް ހުންނަ ގޮތަށް ވެސް ބަލައިލުން ރަނގަޅެވެ. ދުނިޔޭގައި އެންމެ ރަންވޭއެއް އޮންނަނީ މަދު ގައުމެއްގަ އެވެ. ސަބަބަކީ އެ ރިސްކް ނުނެގުމެވެ. އެހެންވެ ޓްރެފިކް ހައި ގައުމުތަކުގައި އެއް ރަންވޭއަށް ވުރެ ގިނަ ރަންވޭތައް ހަދާފައި ހުރެ އެވެ.
އެމެރިކާގެ ޖޯޖްބުޝް އިންޓަނޭޝަނަލް އެއާޕޯޓާއި ޗިގާކޯ މިޑްވޭ އިންޓަނޭޝަނަލް އެއާޕޯޓް ފަދަ ތަންތަނުގައި ފަސް ރަންވޭ ހަދާފައިވެ އެވެ. ސަބަބަކީ އެއް ރަންވޭ މަރާމާތު ކުރަން ބަންދު ކުރަން ޖެހޭ ދަނޑިވަޅުތަކުގައި ވެސް އެއާޕޯޓުގެ "އިންޖީނުގެ ހިނގުން" ހުއްޓުނަ ނުދިނުމެވެ.
ރަންވޭ- ޓިކެޓުގެ އަގާ ގުޅިފައި
ރާއްޖޭގައި ފްލައިޓް ޑިލޭވާ ޝަކުވާ އަބަދު ވެސް ވަރަށް ބޮޑެވެ. ރާއްޖޭގައި އެހާ ގިނައިން ފްލައިޓެއް ޑިލޭ ވަނީ ކީއްވެގެން ހެއްޔެވެ؟
ބައެއް ފަހަރު ފްލައިޓް ޑިލޭވުމުގައި ޓެކްނިކަލް މައްސަލަތައް އުޅެ އެވެ. ބޭރުގައި މިކަން ގިނައިން ވަނީ މިހެންވެ އެވެ. ނަމަވެސް ރާއްޖޭގެ މައި ވައިގެ ބަނދަރުގައި ފްލައިޓް ޑިލޭ ވުން ގިނަ އިން އަންނަނީ ފްލައިޓަށް ޖާގަ ނުލިބުމުގެ ސަބަބުން ކަމަށްވެ އެވެ.
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 22،000 ފްލައިޓް އެއާޕޯޓަށް ޖައްސާފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 11 ޕަސެންޓް އިތުރު ވުމެކެވެ.
އަދި މި އަހަރުގެ ޓޫރިޒަމްގެ ފިނި މޫސުމުގައި ވީއައިއޭއަށް ދުވާލެއްގެ މައްޗަށް 10 ފްލައިޓް އެވްރެޖު ގޮތެއްގައި ޖައްސާފައިވެ އެވެ. މި ވަރަށް ޓްރެފިކް އަރައިގެން ދިޔަ ނަމަވެސް ރާއްޖޭގައި އޮތީ މި ހާތަނަށް އެންމެ ރަންވޭ އެކެވެ. އެހެންވެ ފުރާ ފްލައިޓަށް ޖާގަ ހެދުމާއި ފްލައިޓް ޕާކު ކުރެވެންދެން ފްލައިޓް މަތީގައި ބުރުއެޅުން ފަދަ މައްސަލަތަކުގެ ސަބަބުން ފްލައިޓް ޑިލޭވެ އެއާލައިންތަކަށް ބޮޑެތި ވިޔަފާރި ގެއްލުންތައް ދިމާވެ އެވެ.
މީގެ މައިގަނޑު ނަތީޖާއަކީ ޓިކެޓުގެ ފެއާތަކުގެ އަގުތައް މަތިކުރަން ޖެހުމެވެ. ދުނިޔޭގެ ބާޒާރުގައި މަތިންދާބޯޓްގެ ތެލުގެ އަގު ހެޔޮވި ނަމަވެސް ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ޓިކެޓު އަގު ބޮޑުވުމުގެ އެއް ސަބަބަކީ މި އެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ބަލާނަމަ މޯލްޑިވިއަން އިން ދުވާލެއްގެ މައްޗަށް 36 ދަތުރު ކުރެ އެވެ. އެންމެ ރަންވޭއެއް އޮތުމުން އެވްރެޖު ގޮތެއްގައި ހަތް މިނެޓު މީގެ ފްލައިޓެއް މަޑު ކުރަން ޖެހެ އެވެ. މިހާރު ރަންވޭ އޮތް ގޮތުން ފްލައިޓް ދެ އިންޖީނު އިސްޓާޓު ކޮށްގެން ތެޔޮ އަންދަ އަންދާ އެހާއިރު އޮންނަން ޖެހެ އެވެ. ސަބަބަކީ ފްލައިޓް ނައްޓާ ލެވޭނީ ރަންވޭގެ ކޮޅަށް ގޮސްގެން ކަމަށްވާތީ އެވެ.
ޕައިލެޓް ރަނޭ ވިދާޅުވި ގޮތުގައި އަލަށް އަޅާ ރަންވޭގައި އޮންނަނީ އައިއެލްއެސް އެޕްރޯޗަކަށް ވުމުން އިތުރު ފަސޭހަ ތަކެއް ލިބިގެންދާނެ އެވެ. ވިއްސާރަ ދުވަސް ދުވަހު ޖައްސަން އިތުރު ފަސޭހައެއް އާ ރަންވޭ ބޭނުން ކުރަން ފެށުމުން ލިބިގެން ދާނެ އެވެ.
"އޭރުން ވިއްސާރަ ދުވަސް ދުވަހު ވެސް ޑިލޭތައް މަދުވާނެ. މޯލްޑިވިއަން އަށް ބަލާނަމަ އާ ރަންވޭގެ ސަބަބުން ހަތަރު ގަޑިއިރު ސަލާމަތް ވެގެން ދާނެ. މި ސަލާމަތް ވަނީ ހަތަރު ގަޑިއިރުގެ ޑިލޭއެއް. މޯލްޑިވިއަންގެ ޑިލޭއަށް ވެސް ބޮޑު ހައްލެއް ލިބިގެން ދާނެ،" ރަނޭ ވިދާޅުވި އެވެ.
އާ ރަންވޭގެ ސަބަބުން ތެލަށް ކުރާ ހޭދަ ވެސް ކުޑަ ވެގެން ދާނެ އެވެ. މިސާލަކަށް ދަރަވަންދޫ އިން އަންނަ ފްލައިޓު މަތީގައި 10 މިނެޓު ނުޖެއްސިފައި އޮންނަން ޖެހެ އެވެ. މިއީ ތެޔޮ ހަރަދު ބޮޑުވާނެ ސަބަބެކެވެ. އާ ރަންވޭގެ ސަބަބުން އެކަން ފަސޭހަ ވެގެންދާނެ އެވެ. ތެލުގެ ހަރަދު ކުޑަވުމުން ފައިދާވެ އިގްތިސޯދަށް ރަނގަޅު އަސަރެއް ކުރާނެ އެވެ. އަދި އެއި އެފިޝެންސީ ލިބި، ހުރިހާ ދިމާއަކަށ ނަފާ ބެހިގެން ދާނެ އެވެ.
ފްލައިމީގެ ސީނިއަ ޕައިލެޓެއް ކަމަށްވާ އަހުމަދު ޝާމިން (ޝާންޓޭ) ވިދާޅުވީި ގޮތުގައި އާ ރަންވޭގެ ސަބަބުން ވަރަށް ބޮޑުތަން ފަސޭހަ ވެގެން ދާއިރު ފިއުލް އެން ދުން މަދުވެ، އިގްތިސޯދަށް ދުޅެހެޔޮކަން އަންނާނެ އެވެ.
މި ހުރިހާ ފައިދާއެއް އޮތް ރަންވޭގައި އަންނަ މަހު ފްލައިޓް ޖައްސަން ފަށާނެ އެވެ. ގައިމުވެސް މިކަން ވެގެންދާނީ ރާއްޖޭގެ ތާރީހުގައި ފާހަގަ ކޮށްލެވޭނެ ކަމަށެވެ. އާ ރަންވޭ ވެގެން ދާނީ ރާއްޖޭގެ އިގްތިސޯދަށް ބޮޑު ފައިދާތަކެއް ކުރުވާނެ ބިޔަ އިންވެސްޓްމަންޓަކަށެވެ. ތާރީހީ ބޮޑު ބަދަލަކަށެވެ.